1996 ވަނަ އަހަރު ފާސްކުރެވުނު ރާއްޖޭގެ ކަނޑުގެ ގާނޫނު ބުނާގޮތުން ރާއްޖޭގެ އީޒެޑްގެ ސަރަހައްދަކީ ދުއިސައްތަ ނޯޓިކަލް ކަމަށް ކަނޑަ އަޅާފައިވާއިރު, މިސަރުކާރުން ރާއްޖެއަށް 200 ނޯޓިކަލްމީޓަރު ނުލިބޭނެ ގަބޫލުކުރާނަމަ އެކަން އިސްލާހް ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން ބުނެފިއެވެ.
ރާއްޖޭގެ ދެކުނުން ޗާގޮސްއާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެމައްސަލައިގައި ޚިޔާލު އެއްގޮތް ހުރިހާ ސިޔާސީ ޕާޓީތަކާއެކު ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އެކަން ކުރައްވަން ވެސް މިސަރުކާރަކަށް ނުކެރޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން މިތިބީ ސަރުކާރުން މިކަމުގައި އަމަލުކުރައްވާ ގޮތް. މިސަރުކާރުން އެގާނޫނު ބަލައި ނުގަންނަ ކަމަށް ވަނީނަމަ އެގާނޫނަށް އިސްލާހް ހުށަހަޅަން ޖެހޭނެ. އެކަމަކު އަޅުގަނޑަށް ޔަގީން އެގާނޫނަށް އިސްލާހް ހުށަހަޅުއްވަން ވެސް މިސަރުކާރަށް ކެރިވަޑައިނުގަންނާނެކަން" އުޝާމް ވިދާޅުވިއެވެ.
މިމައްސަލައިގައި ރައީސް އިބްރާހިމް މޮރޮޝަސްއަށް ފޮނޮއްވި ސިޓީގެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއަށް ޕީޕީއެމްގެ މެމްބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި ފަހުން އެކަމުގެ މައުލޫމާތު ތަކުރާރުކޮށް އެއްސެވުމުންވެސް އެމައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން މި ސިއްރު ސިޓީގައި ބުނެފައިވަނީ ކޮން ވާހަކަތަކެއްކަން އެއްވެސް މީހަކަށް ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
"މިސިޓީގައި އޮތްއެއްޗަކާ ގުޅިގެންތޯ މިވަރުގެ ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ސާފު ނުވެގެން އުޅެނީ އަޅުގަނޑުމެން އަތުގައި އޮތް އެއްޗެއް މިހާފަސޭހައިން ދޫވެގެން މިއުޅޭސަބަބު. ދިވެހި ގައުމަށް ކޯއްޗެއްތޯލިބުނީ އިންރިޓާރން، ކޮންމެވެސް އެއްޗެއް ކޮންމެވެސް ބަޔަކަށް ލިބިއްޖެ. އަޅުގަނޑުމެންގެ ގައުމަކަށް ނުލިބޭ. ރައްޔިތުންނަކަށް ނޭނގެ މިވީގޮތެއް. އެހެން ނަމަވެސް ކޮންމެވެސް އެއްޗެއް ކޮންމެވެސް ބަޔަކަށް ލިބުނުކަމާމެދު އެއްވެސް ޝައްކެތްނެތް" އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި އުޅުއްވި ބޭފުޅުން ޒިންމާދާރު ކުރުވަން ޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.