ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވާލަކު އެއް ލައްކަ ފީފާ އުފެއްދުމުގެ ގާބިލުކަން ހުރި ތެޔޮފީލްޑެއް ތުރުކީ އިން ފެނިފައިވާ ކަމަށެވެ.
އުރުދުޣާން ވިދާޅުވީ އާ ވަސީލަތްތައް ދެނެގަނެވިފައި ވަނީ ދެކުނު އިރުމަތީ ސިރްނަކް ޕްރޮވިންސްގެ ގަބާރް މައުންޓަން ސަރަހައްދުގައި މިހާރު ހުރި ތެޔޮ ފީލްޑެއް ކައިރީގައި ކަމަށާއި އެ ފީލްޑަކީ ތުރުކީގެ އެހެން ފީލްޑްތަކަށް ވުރެ ގިނައިން ތެޔޮ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ފީލްޑެއް ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ ހަކަތައިގެ މިނިވަންކަން އިތުރުވެގެންދާނެ ކަމަށެވެ.
"ތުރުކީ އަކީ މިހާރު ހަކަތަ އިމްޕޯޓް ކުރަން ޖެހޭ ގައުމަކަށް ނުވާނެ. ހަކަތައިގެ ވަސީލަތްތައް ސަޕްލައި ކުރުމުގެ ގާބިލުކަން ލިބިފައިވާ ދައުލަތަކަށް ވެގެންދާނެ،" އޭނާ އިއުލާނު ކުރެއްވި އެވެ. ތުރުކީގެ ލީޑަރު ވިދާޅުވި ގޮތުގައި އާ ފީލްޑުން ކާރުހާނާތަކަށް ތެޔޮވިއްކުމުގެ މަސައްކަތް ވަރަށްއަވަހަށް ފަށާނެއެވެ. އަދި މިހާރުވެސް އެ ޤައުމަކީ ބޮޑެތި ކާރުޚާނާތަކަށް ތެޔޮ ފޯރުކޮށްދޭ ޤައުމެކެވެ.
ތުރުކީގެ ހަކަތައިގެ މިނިވަންކަމުގެ އަގު ވަޒަންކޮށް، އިމްޕޯޓްތަކާ ދުރަށް ދާން ބޭނުންވާ އިރު، އެ ތަކެތީގެ އެތެރޭގެ ބޭނުންތައް ގާތްގަނޑަކަށް ކަވަރުކުރުމަށް މިހާރުވެސް ބޭނުންކުރަނީ އެޤައުމުގައި އުފައްދާ ތެލެވެ. ނަމަވެސް ރަޝިޔާ، އަޒަރުބައިޖާން، އީރާން، ނައިޖީރިއާ އަދި އަލްޖީރިއާއިން ތެލާއި ގޭހުގެ ސަޕްލައިގެ އިތުރުން ގަތަރާއި އެމެރިކާއިން އެތެރެކުރާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަށް އެ ގައުމުން މިހާރު ވަރަށް ބޮޑަށް ބަރޯސާވެ އެވެ.
މިދިޔަ ޑިސެމްބަރުވެސް މަހު އުރުދުޣާން ވަނީ ސިރްނަކް ޕްރޮވިންސުން ތެޔޮ ވަޅެއް ފެނުނުކަން ހާމަކުރައްވާ، ގާތްގަނޑަކަށް 150 މިލިއަން ފީފާގެ ރިޒާވް އާއިއެކު އެއީ ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ އަގު ހުރި ހަކަތަ ކަމަށް ބުނެފަ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ތުރުކީގެ ތެލާއި ގޭހުގެ އުންމީދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު އެގައުމުން ވަނީ ބަލްގޭރިއާއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށް ތުރުކީގެ އެލްއެންޖީ ޓާމިނަލްތަކަށް ވަނުމުގެ ފުރުސަތު ބޯލްކަން ގައުމަށް ދީފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އަންކާރާ އިން ވަނީ ކަޅު ކަނޑުގައި އެ ގައުމުގެ ގުދުރަތީ ގޭހުގެ ރިޒާވްގެ އަންދާޒާ އިތުރުކޮށްފަ އެވެ. ތުރުކީގެ ހަކަތައާ ބެހޭ ވަޒީރު ފާތިހް ޑޮންމޭޒް އޭރު ވިދާޅުވެފައިވަނީ މިހާރު ސާބިތުވެފައިވާ ޑިޕޮސިޓްތަކުން ކުރިއަށް އޮތް 30 އަހަރަށް އެތެރޭގެ ޑިމާންޑަށް ފެތޭނެ ކަމަށާއި ކަޅު ކަނޑުގައި އަލަށް ހޯދި ހޯދުންތަކުގެ ސަބަބުން ގޭހުގެ ސަޕްލައިގެ ގޮތުން މި އަމިއްލަ ފުދުންތެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.