Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ދަށު ކޯޓުގެ ޝަރީއަތްތައް "ފަތުއަޑު ކިޔާފައި"، އިސްތިއުނާފު ތާވަލްވެސް ނުކުރޭ

ރ. ފުއްގިރި މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، ރ. އާރަށް މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ހައިކޯޓުގައި ތާވަލްވެސް ނުކުރާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެ މައްސަލަ ބަލައިގެންފަ އެވެ.
އެކަމަކު އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށް ނުދާތީ އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން މިއަދު ހައިކޯޓުގެ ފަރާތްތަކާ ވަނީ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިސްތިއުނާފު ބަލައިގެންތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވާއިރު އަދިވެސް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ތާވަލޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކްރިމިނަލް ކޯޓުގައި މިހާރު އޮތް ފުއްގިރި މައްސަލަ "ފަތުއަޑު ކިޔާފައި" ކުރިއަށް ދާއިރު، ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ކުރިއަށް ނުދާތީ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ހައިކޯޓުގައި އިސްތިއުނާފު ކަމަށް ބޮޑަށް އަވަސް ވާން ޖެހޭނީ. އެއީ އަސްލު އެންމެ މުހިންމު އެއްޗަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް "އަވަސް އަރުވާލައިގެން" ހެކިބަސް ނެގުމުގެ މަރުހަލާގެ އަޑުއެހުންތައް ލައިވްނުކޮށް ކުރިއަށްގެންދާ މައްސަލަ އިދިކޮޅުގެ ފަރާތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

"މީގަ ކަންބިޑުވުން އިންތިހާއަށް އޮތީ، ރިޔާސީ އިންތިހާބަށް އެންމެ ހަތަރު މަސް މިއޮތީ. ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު. އެހެންވީމަ އަޅުގަނޑުމެންގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވީމަ ރިޔާސީ ކެންޑިޑޭޓަށް ކުރިމަތި ލުމުގެ ހުރަހެއް ނެތްކަމަށް އީސީން އެބަ ވިދާޅުވޭ، އެކަމަކު ކެމްޕެއިން ކުރެވޭނެ ގޮތެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ އިސްތިއުނާފު އަވަސްކޮށްދިނުމަކީ ޕީއެންސީ ކޯލިޝަންގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓުދޭން ބޭނުންވާ އަދި ދިވެހި ގައުމަށް ހެޔޮ އެދޭ ހުރިހާ ދިވެހި ރައްޔިތުންގެ ވެސް އެދުމެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކުރި ހުކުމާއެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވިދާނެކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެކަމަކު އެމަނިކުފާނުގެ ކެނޑީޑެންސީ ހުށަހަޅައިފިނަމަ އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފަ އެވެ.

އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދެމުން އަންނަ ޔަގީންކަމަކީ ފުއްގިރި މައްސަލައިގެ އިސްތިއުނާފު ކާމިޔާވުވާނެ ކަމާއި، ރިޔާސީ އިންތިހުބުގައި ރައީސް ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ