ޖަޕާނުގެ އޮކިނާވާ އައިލެންޑަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މުޅި ރަށަށް ވެސް މި ބިންހެލުމުގެ އިހުސާސް ކުރެވިފައިވާ ކަމަށާއި، އެކަމަކު ބޮޑު ސުނާމީއެއްގެ ނުރައްކަލެއް ނެތް ކަމަށް ސިސްމޮލޮޖިސްޓުން ބުނެފި އެވެ.
ހޯމަ ދުވަހުގެ މެންދުރު 12:22 ހާއިރު އައި މި ބިންހެލުން އައިސްފައިވަނީ ނަހާގެ އިރުން ގާތްގަނޑަކަށް 84 ކިލޯމީޓަރު (52 މޭލު) ދުރުގައި ނުވަތަ އޮކިނާވާގެ އިރުދެކުނުން 68 ކިލޯމީޓަރު (42 މޭލު) ދުރުންނެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ލަފާކުރާ ގޮތުގައި ޕްރިލިމިނަރީ މެގްނިޓިއުޑް 6.2 ގައި ހުރިއިރު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ ތަންކޮޅެއް ދަށްކޮށް، 5.9 މެގްނިޓިއުޑްގައި ހުރި ކަމަށް ބުނެފަ އެވެ. ގާތްގަނޑަކަށް 10 ކިލޯމީޓަރު (6 މޭލު) އަޑިއަށް އެރި މި ބިންހެލުމުގެ ސަބަބުން މުޅި ސަރަޙައްދަށް ވަނީ ލޮޅުން އަރާފަ އެވެ.
ސުނާމީގެ އިންޒާރު ދީފައި ނުވި ނަމަވެސް، އޮކިނާވާ އައިލެންޑްގެ އައްސޭރިފަށުގައި ކަނޑުގެ ލޮނުގަނޑަށް ކުދި ކުދި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖޭއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޔޫއެސްޖީއެސް އިން ލަފާކުރާ ގޮތުގައި ބިންހެލުމުގެ ސަބަބުން އޮކިނާވާ އައިލެންޑްގެ ގާތްގަނޑަކަށް 1.3 މިލިއަން މީހުންނަށް އެކަމުގެ އަސަރުވަނީ ކޮށްފަ އެވެ.
ޖަޕާނުގެ އިރުއުތުރުގެ އައްސޭރިފަށަށް 2011 ވަނަ އަހަރުގެ މާޗް މަހު އައި 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އައިސް މުޅި ހިސާބު ފުނޑުފުނޑުވެ، 19،689 މީހުން ވަނީ މަރުވެފަ އެވެ. އަދި 2،500 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެތައްބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.