Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

މޫސަގެ ރަހާ ރިސޯޓުން ބިދޭސީ މުވައްޒަފުންގެ ވިސާ ކެންސަލް ނުކޮށްދޭ މައްސަލަތަކެއް

މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ)ގެ އާއިލީ ކުންފުނިން ހިންގާ "ރަހާ" ރިސޯޓުގެ ވަޒީފާއިން ވަކިވާ ބިދޭސީ މުވައްޒަފުންގެ ވިސާ ކެންސަލް ނުކޮށްދޭ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެތަނުގެ ވަޒީފާއިން ވަކިވި ބިދޭސީ މުވައްޒަފަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ހިމެނޭހެން ފަސް މީހެއްގެ ވިސާ ކެންސަލް ކޮށްދިނުމަށް ރަހާ ރިސޯޓުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ލަންކާ ރައްޔިތަކާއި، އިންޑިއާ ރައްޔިތަކާއި، ކަޒަކިސްތާންގެ ރައްޔިތެއް އަދި ފިލިޕީންގެ ދެމީހުންނެވެ.

ވިސާ ކެންސަލް ނުކޮށްދޭތީ، ރާއްޖޭގެ އިތުރު ރިސޯޓަކުން ވަޒީފާ ލިބުނު ނަމަވެސް އޭގެ ތެރެއިން ދެމީހަކަށް ތިބީ އަލުން ރާއްޖެ ނާދެވިފަ އެވެ. އޭގެ ސަބަބުން އަނެއް ރިސޯޓުން ލިބުނު ވަޒީފާގެ ފުރުސަތުވެސް ގެއްލިދާނެ ކަމަށާއި، ކެރިއާއަށް އަސަރު ކުރާނެތީ އެމީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

މައްސަލަ ދިމާވެގެން އުޅެނީ އެހެން ރިސޯޓަކަށް ވަޒީފާއަށް ބަދަލުވާން އުޅޭތީ ކަމަށް މައުލޫމަތު ލިބެ އެވެ. ތަކުރާރުކޮށް އެދުމުންވެސް ރިސޯޓުން ވިސާ ކެންސަލް ކުރުމަށް ދެކޮޅު ހަދަމުން ދާތީ އެ މައްސަލަ މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއަށާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށްވެސް ހުށަހަޅާފަ އެވެ.

އޭނާ ބުނި ގޮތުގައި ވިސާ ކެންސަލް ނުކުރުމުގެ އިތުރުން އެމީހުންނަށް ފާއިތުވި ދެ މަސް ދުވަހުގެ އަދި ބައެއް މީހުންނަށް ތިން މަހުގެ މުސާރަވެސް ނުދީ އެބަ އޮތެވެ.

މީގެ ކުރިންވެސް ރަހާ ރިސޯޓުން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މުސާރައިގެ މައްސަލަތަކާއި، އެކަށީގެންވާ ކެއުމުގެ އިންތިޒާމު ނެތުމުގެ މައްސަލައިގައި 90 އެއްހާ މުވައްޒަފުން ވަނީ އެ ރިސޯޓުގެ ވަޒީފާއިން ވަކިވެފަ އެވެ.
އަދި ރިސޯޓުގައި މަސައްކަތްކުރާ ގިނަ ބިދޭސީ މުވައްޒަފުންގެ ވިސާ ނުވެސް ނެތް ކަމަށާއި، އެމީހުންގެ ބޭންކް އެކައުންޓުވެސް ނެތުމުން މުސާރަ ދެނީ ކޭޝްކޮށް ކަމަށް އެ ރިސޯޓުން މައުލޫމާތު ދިން ބިދޭސީ މުވައްޒަފަކު ބުންޏެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ހުޅުވި ރަހާ ރިސޯޓު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނު ނުދައްކައިގެން ބޭންކުން ކޯޓަށް ދިއުމުން، ކޯޓުން ވަނީ ރަހާ ރިސޯޓު ވިއްކާލުމުގެ ހުއްދަ ވެސް މިހާރު ބޭންކަށް ދީފަ އެވެ.

އަދި ރަހާ ރިސޯޓުން ދައުލަތަށް ކުއްޔާއި، ކުލި ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން މިދިޔަ އަހަރު ވަނީ ހާމަވެފަ އެވެ.
މި ލިއުމާއި ގުޅޭ