Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މަޝްހޫރު ޓީމުތައް މޮޅުވެ އަމާޒަށް ދިއުމުގެ އުއްމީދުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް އަދި ލިވަޕޫލް މޮޅުވެއްޖެ އެވެ.

މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 2-1 އިން ފުލަމް ބަލިކޮށް ލީގުގެ އެއްވަނަ މަގާމަށް އަރައިފަ އެވެ. މި މޮޅާ އެކު ލީގު ހޯދުމުގެ އަމިއްލަ ބާރު މިހާރު އޮތީ ސިޓީ އަށެވެ. އެޓީމަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަށް 33 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑާއި ހޫލިއަން އަލްވަރޭޒް އެވެ. މެޗުގައި ހާލަންޑް ޖެހި ގޯލަކީ މި ސީޒަނުގައި ސިޓީ އަށް އޭނާ ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ 0-1 އިން ހޯދީ މުހިއްމު މޮޅެކެވެ. ރަނގަޅު ފޯމެއްގައި އެސްޓަން ވިލާ އޮތްއިރު ޔުނައިޓެޑް މެޗުން މޮޅުވީ ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑުންނެވެ. މި މޮޅާ އެކު ޔުނައިޓެޑް އޮތީ 32 މެޗުން ލިބުނު 63 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ބާކީ މެޗުތަކުގައި ނަތީޖާ ރަނގަޅުކޮށްފި ނަމަ އެޓީމަށް ގަދަ ހަތަރަކުން ފުރުސަތު ލިބޭނެ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ރޭ ވަނީ ފަހަތުން އަރައި ސައުތެމްޓަން އަތުން 1-3 އިން މޮޅުވެފަ އެވެ. ސައުތެމްޓަން އިން މެޗުގައި ލީޑު ނެގީ ސްޓުއާޓް އާމްސްޓްރޯންގް ޖެހި ގޯލުންނެވެ. ނިއުކާސަލް ފަހަތުން އަރައި މޮޅުވީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ދެ ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ކަލުމް ވިލްސަން އެވެ. ފަހު ގޯލަކީ ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މޮޅާ އެކު ނިއުކާސަލް ތިންވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ.

ރޭ އެންމެ ވާދަވެރިކޮށް ފެނުނީ ލިވަޕޫލް ދަނޑުގައި 3-4 އިން ޓޮޓެންހަމް ހޮޓްސްޕާ އަތުން މޮޅުވި މެޗެވެ. މެޗުގެ ފުރަތަމަ ފަނަރަ މިނެޓުގައި ލިވަޕޫލުން ތިން ގޯލުގެ ލީޑެއް ނެގި އެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސް އާއި ލުއިސް ޑިއާޒްގެ އިތުރުން ޕެނަލްޓީއަކުން މުހައްމަދު ސަލާހް އެވެ.

ޓޮޓެންހަމުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. އެޓީމަށް ގޯލު ޖަހައިދިނީ ހެރީ ކޭން އާއި ސޮން ހެއުން މިން އަދި ރިޗާލިސަން އެވެ. މިއީ މި ސީޒަނުގައި ޓޮޓެންހަމަށް ބަދަލުވެ ރިޗާލިސަން ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. މެޗުގެ އިތުރު ވަގުތުގައި ރިޗާލިސަން އެއްވަރުކުރުމާ އެކު އެޓީމަށް ޕޮއިންޓެއް ލިބޭނެ ކަމަށް ހީކުރެވުނެވެ. އެކަމަކު އިތުރު ވަގުތުގައި ލިބުނު ފަހު ޗާންސުގައި ލިވަޕޫލްގެ ޑިއޯގޯ ޖޯޓާ ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.

މުހިއްމު މޮޅާ އެކު ލިވަޕޫލަށް ވެސް ގަދަ ހަތަރެއްގެ އުއްމީދު އަދި ނުގެއްލެ އެވެ. ފަހަކަށް އައިސް ނަތީޖާތައް ރަނގަޅުކޮށް 56 ޕޮއިންޓާ އެކު އެޓީމު މިހާރު އޮތީ ފަސް ވަނައިގަ އެވެ. އެޓީމާއި ހަތަރު ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ލީގު ރޭހާއި ގަދަ ހަތަރެއް އަދި ރެލިގޭޝަން ވެސް މި ސީޒަނުގައި ފެންނަނީ ފޯރިގަދަކޮށެވެ. މިވަގުތު ލީގު ފުލުގައި އުޅޭ ތިން ޓީމަކީ ސައުތެމްޓަން އާއި އެވަޓަން އަދި ލެސްޓާ ސިޓީ އެވެ.

މި ލިއުމާއި ގުޅޭ