Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރުކަމުގައި 4 އަހަރު، ކިތާބީ ހެކި ދައްކަވާ ނޫނީ ކައްޛާބެއްގެ ލަޤަބު ޙައްޤު!

މިއަދަކީ މޭ މަހުގެ 1 ވަނަ ދުވަހެކެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. މިއަދުވެސް ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ދުވަސް ފާހަގަކުރާނެއެވެ. ނަމަވެސް އަޅުގަނޑަށް މިއީ މުޅިން ތަފާތު ދުވަހެކެވެ. މިއީ އަޅުގަނޑުގެ ލޮބުވެތި އުސްތާޛު ޑރ.އަފްރާޝީމް އަލީ ޝަހީދުކޮށްލުމުގެ ހާދިސާއާ ގުޅޭ ހެކި ހިއްޕަވައިގެން ސިޔާސީ ލީޑަރަކު މީގެ 8 އަހަރު ކުރިން އެތައް ހާސް ދިވެހިންގެ ކުރިމައްޗަށް ނިކުމެވަޑައިގެންނެވި ތާރީޚީ ދުވަހެވެ.

ޑރ.އަފްރާޝީމަކީ ރާއްޖޭގައި މަދުންނޫނީ ނުއުފެދޭ ފަދަ ޚުލްޤުހެޔޮ އޯގާތެރި، ހިތްޕުޅު ތަނަވަސް ބޭފުޅެކެވެ. އެމަނިކުފާނުގެ ވިސްނުންފުޅުތަކަށް ތާއީދުނުކުރާ އެމަނިކުފާނަށް ފާޑުކީ މީހުންނާމެދުވެސް ދުވަހަކުވެސް ކުޑައިމީސް ބަހެއް ވިދާޅުނުވާ ސާފު ހިތްޕުޅެއްގެ ވެރި ބޭފުޅެކެވެ. އެމަނިކުފާނަށް "ޑރ.އިބިލީސް"ގެ ލަޤަބުދީ މީހުންގެ ހިތްތަކުގައި އެމަނިކުފާނުގެ މައްޗަށް ނަފުރަތު އުފެއްދި މީހުންކުރެ މީހަކާމެދުވެސް ދުވަހަކުވެސް ބުރަބަސްފުޅެއް ވިދާޅުނުވެއެވެ.

އަނިޔާވެރިކޮށް އެމަނިކުފާނު ޝަހީދުކޮށްލެވުނުތާ 2 އަހަރެއްހައި ދުވަސްފަހުން 2015 ވަނަ އަހަރުގެ މޭ ޑޭގައި އަދާލަތު ޕާޓީގެ ރައީސް، އެ ދުވަހު އެއިރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ އެތައް ހާސް ބައިވެރިން، އަދި ޓީވީތަކުން އެ މަންޒަރު ބަލަންތިބި އެއަށްވުރެ ގިނަ ރައްޔިތުންގެ ކުރިފުޅުމަތީގައި ޑރ.އަފްރާޝީމުގެ ޤަތުލާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އަޑުއަހަން އަޅުގަނޑުވެސް އިނީމެވެ.

އެ ދުވަހު އިމްރާން ދެއްކެވި ވާހަކަފުޅާއެކު އަޅުގަނޑަށް ކުރެވުނު އިހުސާސް ބަޔާންކުރާނަމެވެ. އެއިރު އިމްރާނަށް އަޅުގަނޑުވެސް އިތުބާރުކުރީމެވެ. ދީނީ އިލްމުވެރިޔަކަށްވާތީއެވެ. އިތުރުފުޅުހައްދަވާނީވެސް ވަކި މިންވަރަކަށް ވަކި ޒާތުގެ ކަންކަމުގައި ކަމަށް ހީވެފައި އޮތުމުންނެވެ. އެހެންކަމުން އިމްރާނުގެ ވާހަކަފުޅު އިވި އަޅުގަނޑުގެ ލޭ ކެކުނެވެ. ރުޅިއައެވެ. އަމިއްލަ ނަފުސަށްވެސް ފާޑުކިޔުނެވެ.

ޢިމްރާން ވިދާޅުވީ ޑރ.އަފްރާޝީމުގެ ޤަތުލުގެ ޙަޤީޤަތް އެނގިވަޑައިގަންނަވާނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަށް ކަމުގައެވެ. މިފަދައިން ވިދާޅުވީ މާތްﷲ ހެކިކޮށެވެ. އެހެންވީމާ އިމްރާނަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވަނީކަމަށް ޤަބޫލުކުރެވުނެވެ. އަޅުގަނޑުމެންނަށް އަދި ތަހުގީގީ އިދާރާތަކަށް ނޭނގޭ އެތައް ކަމެއް އިމްރާނަށް އެނގިވަޑައިގެންފައި އޮތީއެވެ.

މިދެންނެވި ހީއަށް އިތުރު ބާރު ލިބުނީ ކުރިއަށް ޖެހިވަޑައިގެން އަތްޕުޅަށް ގަނޑުތަކެއް ނަންގަވައި އެ ވިދާޅުވި ބަސްފުޅުންނެވެ. އަޅުގަނޑު އަތުގައި މިހުރީ ލިޔުން، ކިތާބީ ހެކި ކަމަށެވެ. ކޮން ކަމެއްގެ ހެކި ހެއްޔެވެ؟ ޑރ.އަފްރާޝީމު ޝަހީދުކޮށްލުމުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގެން ހުންނެވި ކަމުގެ ހެއްކެވެ. އެތަނުގައި ތިބި މީހުން އެއާއެކު އުތުރިއަރައިގަތެވެ. ޖަޒުބާތުތައް ކެކި، ހޫނުވެ ބަންޑުންވާ އަޑު އަޅުގަނޑަށްވެސް ކުލަ ސުކުރީނާ އެކުވެފައިހުރި ސްޕީކަރުން އިވެއެވެ. މަރާށޭ، ބާލާށޭ ހަވަރަށް ދޭށޭ ގޮވި ބަޔަކު ގޮވީ، އެމީހުންނަށް އެއިވުނު ވާހަކައެއްގެ ސަބަބުންނެވެ. އަޅުގަނޑު އެތަނުގައި ހުރިނަމަ އަޅުގަނޑަށްވެސް އެވަގުތު އެހެން ގޮވުނީސް ތޯއްޗެކެވެ.

ނަމަވެސް ހަނދާނާއި ތާރީޚަށްޓަކައި ފާހަގަކޮށްލަންޖެހޭ އެއްކަމަކީ އެ ދުވަހުގެ ކުރިން ޑރ.އަފްރާޝީމުގެ ޤަތުލުގެ ޒިންމާ ނަގަންޖެހޭނީ އެދުވަހު އިމްރާނުގެ ވަށައިގެން ތިއްބެވި އެމްޑީޕީގެ އިސްވެރިންކަމަށް އޭގެ ކުރިން ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ވިދާޅުވެފައިވާ ކަމެވެ. އެހެންވީމައި ކުރިން ދެއްކެވި ވާހަކަ ނަފީވާނީ ލައްކަ ވަރުގަދަ ހެކިތަކެއް ފެނިވަޑައިގަތުންކަމަށް ހީވިއެވެ.

ކޮންމެއަކަސް އޭގެ 3 އަހަރު ފަހުން އިމްރާނު ޓައި ތުރުކުރައްވައިގެން އަލަށް ވަޒީފާއަކަށް ނިކުމެވަޑައިގަތެވެ. އާދޭހެވެ. ދައުލަތުގެ ބޮޑު މަޤާމަކަށެވެ. ދާޚިލީ ވަޒީރުކަމުގެ މަޤާމަށެވެ. ޖިނާއީ ތަހުގީގު ހިންގާ އިދާރާގެ މަސްއޫލުވެރިކަމުގެ ބާރާއެކުއެވެ. ސުބްޙާނަﷲއެވެ. އިންސާފު ލިބި ޑރ.އަފްރާޝީމުގެ ޤަތުލުގެ ހަގީގަތް އެނގިވަޑައިގެން ސިއްރުކުރެއްވީތީ ރައީސް ޔާމީނަށް ދައުވާކުރާނެކަމަށް އަދާލަތު ޕާޓީގެ މެންބަރުން ތުންތުން މަތިން ކިޔަން ފަށައިފިއެވެ.

މިއަދު އެ މަޤާމުގައި އިމްރާން ހުންނަވާތާ 4 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ދައުރު މިހިރަގެން ނިމެނީއެވެ. އިމްރާނުގެ އަތްޕުޅުގައި ހުރި ހެއްކަށްވީ ގޮތެއް ނޭނގެއެވެ. ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ސުވާލުކުރުމުން ވިދާޅުވީ އެހެކިތައް އެއިރު ފުލުހަކު އަތުލައިގެން ގެންދިޔައީ ކަމަށެވެ. އެހެންވީމާ މުޒާހަރާއަށް ވަޑައިގަތީ ހެކި ލިބިވަޑައިގަތަމުން އެހެކީގެ އަސްލު ކޮޕީތައް ހިއްޕަވައިގެންނެވެ. މިވަރު މުހިއްމު ހެއްކެއްގެ ސޮފްޓު ކޮޕީއެއް ހައްދަވައިލައްވަން އެނގިވަޑައިނުގެންނެވި ބޭފުޅަކު ހޯމް މިނިސްޓަރުކަމުގައި ހުންނެވުމުން ސަހަރޯހީވެއެވެ.

ދެން އަޅުގަނޑަށް އިމްރާނާ ސުވާލުކުރަން މާ ގިނަ ފުރުސަތެއް ނުލިބެއެވެ. ލިބުނު ފުރުސަތެއްގައި، ފުލުހުން އޭނާ އަތްޕުޅުން ގެންދިޔަ ހެކި އަނބުރާ ހޯއްދަވަން މަސައްކަތްކުރައްވައިފިންތޯއާއި އެ ހެކިތައް މަރުތައް ތަހުގީގުކުރަން ރައީސް އިބްރާހީމު އެކުލަވައިލެއްވި ކޮމިޝަނާ ހިއްސާކުރެއްވިންތޯ ދަންނަވައިފީމެވެ. ޖަވާބެއް ނުލިބުނެވެ. އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ މައުޟޫޢާ ނުގުޅޭތީ ޖަވާބުދެއްވަން ނުޖެހިގެންނެވެ.

މަރު ކޮމިޝަނުން ބުނީ އެ މަރާ ރައީސް ޔާމީނާ ގުޅުމެއް ނެތް ކަމަށެވެ. އެއީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އިންނެވި ހުސްނުއްސުއޫދު އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވައި ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅޭ ގޮތުން ފުރިހަމަކުރެއްވި ތަހުގީގަކަށްފަހުއެވެ. އެ ވާހަކައަކަށް ބަދަލެއް ނާދެއެވެ. ޑރ.އަފްރާޝީމުގެ މަރާ ރައީސް ޔާމީނާ ގުޅުވައި އެއްވެސް މުއައްސަސާއަކުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

މިވާހަކަ މާ ގަދައަށް ދައްކަން ފަށައިފިނަމަ މަރުވެފައިވާ ދުނިޔޭގައި ނެތް މީހަކު އެހެން މީހެއް ކައިރީ މަރުވުމުގެ ކުރިން ފަހު ނޭވާގައި ރައީސް ޔާމީނަށް ޑރ.އަފްރާޝީމުގެ މަރުގެ ހަގީގަތް އެނގޭނެކަމަށް ބުނިކަމުގައި ބުނެ ރިޕޯޓެއް މަރު ކޮމިޝަނުން ނުނެރޭނެކަމަށް އަޅުގަނޑު ނުދަންނަވާނަމެވެ. ނަމަވެސް އެ ވިދާޅުވާ ކިތާބީ ހެއްކެއްގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނާކަށް ލާހިކެއް ނޫނެވެ.

އިމްރާނެވެ. ތިޔަ ހުންނެވި ބާރުގަދަ މަޤާމުގައި ހުންނަވާތާ 4 އަހަރުވީއެވެ. އަހަރަކު 2، 3 ފަހަރު ތުރުކީއަށް ތިޔަ ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ނަމަވެސް އެ ހެކިތައް ނުވަތަ އެހެކިތަކުން ބައެއް ނަމަވެސް ހޯއްދަވާފައި ދައްކަވާށެވެ. ސާފު މައުސޫމު ލެއިން ސިޔާސީ އުނގު ވިޔަފާރިކުރުމުން ބަޔަކު އެއީ މާ ބޮޑުކަމަކަށް ނުހެދުމަކީ އެ ބައެއްގެ ޟަމީރުގެ އުނިކަމެވެ. ދިރުންހުރި ދިވެހި ޟަމީރުގެ ވެރިން ތިބީ އެ ދުވަހު އިމްރާނު ދެއްކެވި ވާހަކަތައް ހަނދާން ނައްތައިލާ ގޮތަކަށް ނޫނެވެ. އަވަހަށް ލިޔުންތައް ދައްކަވާށެވެ. ނޫނީ ކައްޛާބެއްގެ ގޮތުގައި ތާރީޚުގެ ފަތްފުށްތަކަށް ވަދެވަޑައިގަންނަވާށެވެ!

މި ލިއުމާއި ގުޅޭ