އިންޑިއާގެ ކަރްނާޓަކާގައި ބޭއްވި ރޯޑް ޝޯއެއްގައި ހުންނަވަނިކޮށް ބޮޑުވަޒީރު މޯދީ އަށް އަމާޒުކޮށް މީހަކު އެއްލި މޯބައިލް ފޯނަކުން ރެޑިވަޑައިގެން ސަލާމަތްވެއްޖެއެވެ.
އެ ހަމަލާއިން ބޮޑުވަޒީރު މޯދީއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ވެފައިވާއިރު، މިހާދިސާ ހިނގާފައިވަނީ މައިސޫރު ޑިސްޓްރިކްޓްގެ ކޭއާރް ސަރކަލްގައެވެ.
މޯދީ ކަރްނާޓަކާއަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަރްނާޓަކާ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީއަށް ކެމްޕެއިން ކުރެއްވުމަށެވެ. އެ އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
މިހާދިސާގެ މައުލޫމާތު އިންޑިއާގެ ބޮޑެތި ނޫސްތަކުން ފަތުރަމުން ދާއިރު، ބޮޑުވަޒީރުގެ އަރިހުގައި ކުރީގެ މިނިސްޓަރު ކޭއެސް އީޝްވަރައްޕާގެ އިތުރުން ބީޖޭޕީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފުލުހުންނާ ހަވާލާދީ ޕީޓީއައި އިން ބުނީ އެ ފޯނު އެއްލީ ބީޖޭޕީގެ އަންހެން އެކްޓިވިސްޓެއް ކަމަށް ބެލެވޭކަމަށެވެ. އަދި އޭނާގެ އެއްވެސް ނުބައި ނިޔަތެއް ނެތް ކަމަށްވެސް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރު މައިސޫރުގެ މަހާރާޖާ ކޮލެޖް ދަނޑަށް ވަޑައިގެންނެވީ ހެލިކޮޕްޓަރުގަ އެވެ. އެއަށްފަހު މޯބައިލް ފޯނުގެ ހަމަލާ އައިސްފައިވަނީ ގަން ހައުސްއިން ރޯޑްޝޯއަށް ވަޑައިގެން ހުންނަވަނިކޮށެވެ.
މޯދީއަށް އަމާޒުކޮށް އެއްލި ފޯނު، ބޮޑުވަޒީރު ދަތުރު ކުރައްވަމުން ދިޔަ ވެހިކަލްގެ ފުރާޅުގައި ޖެހުމަށްފަހު ބިންމައްޗަށް ވެއްޓޭތަން ވައިރަލް ވެފައިވާ ވީޑިއޯއިން ފެނެއެވެ. އެއަށްފަހު ސެކިއުރިޓީން ފޯނު ނަގާތަންވެސް އެވީޑިއޯ އިން ފެނެއެވެ.
ފޯނު އެއްލި ހާދިސާ ބޮޑުވަޒީރުގެ ސަމާލުކަމަށް ނައި ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ އޮފިޝަލުން ވަނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަކޮށްފައެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ސެކިއުރިޓީ އޮފިސަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.