Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ކާނަލް މުޙައްމަދު ނާޒިމް

ރައީސާއި ޚާރިޖީވަޒީރު އަދި ބަންޑާރަނައިބު މަޤާމުން އަޒުލުކުރަން ހުށަހަޅަން އެމްއެންޕީން ވިސްނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވިސްނަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އެމްއެންޕީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ވިދާޅުވީ ޗާގޮސްއާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމުގެ މައްސަލާގައި، ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބަހައިލުމުގެ ބަދަލުގައި އަދުލުވެރިކޮށް ބެހުމަށް ރާއްޖެއިން ވަކާލާތުނުކުރާ ކަމަށެވެ. އެގޮތުން ޗާގޮސްއަކީ މީހުން ދިރިއުޅޭ ތަނަކަށްނުވުމާއެކު، ޗާގޮސްއާއި ރާއްޖޭގެ އިންވަކިކުރުމުގައި ޗާގޮސްއަށް ރާއްޖެއަށް ލިބޭ މިންވަރުގެ ހައްގުތަކެއް ލިބޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބައިނަލްއަޤުވާމީ ޤާނޫނުގައި ކަނޑުގެ ސަރަހައްދު ވަކިކުރުމުގައި މީހުން އުޅޭ ތަންތަނާއި މީހުން ނޫޅޭ ތަންތަން އެއްހަމައެއްގައި ނުގުނާކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ރާއްޖެއިން އިޓްލޮސްގައި އެ ތަފާތު ފާހަގަނުކުރި ކަމަށެވެ. އަދި އެ ތަފާތުތައް ފާހަގަނުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން 47،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިފައިވާކަމަށާއި، އެހެންކަމުން އެއީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫން ކަމަށެވެ.

އެމްއެންޑީއެފުގެ ބައެއް އިސްވެރިން ރޭ ރާއްޖެޓީވީއަށް އަރައިވަޑައިގެން ރާއްޖޭގެ ދެކުނުން ކުރިން އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް ނެތްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ކުށްވެރިކުރައްވައި ނާޒިމް ވިދާޅުވީ ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އަބަދުވެސް ދިވެހި ސިފައިން އައީ ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދެކުނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލަހައްޓައި އެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަންކުރާ އުޅަނދުފަހަރު ހިފަހައްޓައި އެކަމުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ މައްސަލާގައި ރައީސް އިބްރާހީމާއި ޝާހިދު އަދި ރިފްއަތު ޒިންމާ އުފުއްލަވަންޖެހޭނެކަމަށާއި، އެ 3 ބޭފުޅުން މަޤާމުން އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވިސްނަވަމުން ގެންދަވާކަމަށްވެސް ނާޒިމު ވިދާޅުވިއެވެ. އިތުރަށް ނާޒިމު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ބޭފުޅުން މަޤާމުތަކުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެން މިދަނީ އެ ބޭފުޅުން އަޒުލުކުރުމަށްޓަކައި ވިސްނަމުން. ޚާއްޞަ ގޮތެއްގައި މަޖިލީހަށް އިމްޕީޗްމެންޓު މޯޝަނެއް ހުށަހެޅުން. އެބޭފުޅުން އެ މަޤާމުތަކުގައި ތިއްބެވުން ޙައްޤެއް ނޫން،" ކާނަލް ނާޒިމު ވިދާޅުވިއެވެ.

އިތުރަށް ނާޒިމު ވިދާޅުވީ ޗާގޮސްގެ ސަރަހައްދަކީ އަދިވެސް ގިނަ ބޮޑެތި ބާރުތަކެއްގެ މެދުގައި ޚިޔާލު ތަފާތުވުން އޮތް މައްސަލައެއްކަމަށްވާއިރު ސަލާމަތީ ގޮތުން މިހާރު ރާއްޖެއަށް ވަދެވިފައިވަނީ ނުރައްކާ ހާލަތެއްގެ ތެރެއަށް ކަމަށެވެ.

އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެކަމާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުންނާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ގެއްލުނު 47،000 އަކަކިލޮމީޓަރު އަނބުރާ ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ