Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

އެއް ހަފުތާއިން ބަޖެޓުގެ ދަރަންޏަށް 265 މިލިއަން ރުފިޔާ އިތުރުވެއްޖެ

އެއް ހަފުތާއިން ދައުލަތުގެ ބަޖެޓުގެ ދަރަންޏަށް 265 މިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 20 އޭޕްރީލުވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުގެ ދަރަނިވަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ހަފުތާއެއް ކުރިން އެ އަދަދު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ.

އެހެންކަމުން 13 އޭޕްރީލުން 20 އޭޕްރީލަށް ފާއިތުވި 7 ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ދަރަނިވަނީ 265.4 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ފާއިތުވި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން އޭޕްރީލު މަހުގެ 20 ވަނަ ދުވަހަށް ދައުލަތުގެ ބަޖެޓު ދަރަންޏަކީ 2.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ނިމުނު އަހަރާ އަޅާބަލާއިރު ބަޖެޓު ދަރަނިވަނީ 674.7 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މި އަހަރުގެ ބަޖެޓު ދަރަނި ނިމުނު އަހަރަށްވުރެ އިތުރުވީއިރު މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ނިނުނު އަހަރު 8.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މި އަހަރުގެ އެ މުއްދަތުގައި 10.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އިތުރަށް ލިބިފައިވެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުވީ މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އާންމުންގެ އަތުން ނަގަމުންދާ މުދަލާއި ޚިދުމަތުގެ ޓެކުހާއި ފަތުރުވެރިންގެ އަތުން ނަގާ މުދަލާއި ޚިދުމަތުގެ ޓެކުސް ބޮޑުކުރުމުގެ ސަބަބުންނެވެ. ދައުލަތުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް ކަމުގައި ބުނެ މުދަލާއި ޚިދުމަތުގެ ޓެކުސް ބޮޑުކުރި ނަމަވެސް ޚަރަދުތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ފާއިތުވި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން އޭޕްރީލް 20 ވަނަ ދުވަހަށް 11 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި އަހަރުގެ އެ މުހުލަތުގައި 13.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި ފާއިތުވި އަހަރު 7.7 ބިލިއަން ޚަރަދުކުރިއިރު މި އަހަރު އެ އަދަދުވަނީ 9.2 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ސަރުކާރު ކުންފުނިތަކުން ސިޔާސީ ބޭނުމަށް ވަޒީފާ ދޭ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައިވެއެވެ. އަދި އިންތިޚާބާ ދިމާކޮށް އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތައް ސަރުކާރުން އަންނަނީ ބޮޑުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ