ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނު މަޖިލިހުން ފާސްކުރުމަށް ވޯޓުނުދެއްވާ މަޖިލީހުގެ ހަމައެކަނި މެންބަރުކަމަށް ވިދާޅުވެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.
ޚާރިޖީވަޒީރު ޝާހިދު އަޒީއާ ގުޅޭ ގޮތުން މިފަދަ ވާހަކަފުޅެއް ވިދާޅުވީ ޗާގޮސް މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ކެބިނެޓުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން މުހިއްމު ބައެއް މައުލޫމާތު ހާމަނުކުރާތީ އެކަމާ ގުޅޭ ގޮތުން "ދިޔަރެސް"އިން ކުރި ސުވާލަކަށް ރައްދުދެއްވައި ކުރީ ސަރުކާރުގެ އަގު ވައްޓަވައިލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއްގައެވެ.
"ހަނދުމަފުޅުކުރައްވަންވާނެ ރައީސް ޔާމީނުގެ ވެރިކަމުގައި މި ޤާނޫނު ފާސްވެގެން އައިސް ހުރި ކޮމިޝަނަރު ހުރި މުޅި މުއްދަތުގައި. އެ ކޮމިޝަނަރު އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން. އެއީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިދެ ފާސްކުރި ޤާނޫނެއް. އެ ޤާނޫނާ އިދިކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރު ކޮމިޝަނަރަކީ. އެހެންވީމައި އެ ޤާނޫނު އެ ފަސް އަހަރުގެ ތެރޭގައި ހިނގާފައި އޮންނާނެ މިންވަރު ހިތްޕުޅަށް ގެންނަވަންވީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު އެ ޤާނޫނުގެ މަސައްކަތް މަޖިލީހުގައި ކުރި އިޖުތިމާއީ ކޮމިޓީގެ އެއިރުގެ ނައިބު މުޤައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އެއިރުގެ މެންބަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. އަދި ކޮމިޓީގެ ޔައުމިއްޔާތަކުން ފެންނަ ގޮތުގައި އެ ބިލުގެ ބަސްތައް ރަނގަޅުކޮށް، އެއަށް ގިނަ އިސްލާހުތަކެއް ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވި އެއް ބޭފުޅަކީވެސް އަޒީއެވެ.
އޭގެ އިތުރަށް ބިލު ކޮމިޓީ މަރުހަލާއިން ފާސްވެގެން މަޖިލީހަށް ގެނައުމަށްފަހު އެ ބިލަށް މަޖިލީހުގެ ތަޅުމުގައިވެސް އަޒީވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އަދި 29 ޑިސެންބަރު 2013 ވަނަ ދުވަހުގައި އޮތް މަޖިލީހުގެ ޖަލްސާއިން އެ ބިލު ފާސްވިއިރު އެ އިސްލާހުތަކަށް ވޯޓަށް އަހައި އެ އިސްލާހުތައް ފާސްކުރިކަން އެ ޖަލްސާގެ ޔައުމިއްޔާއިން ފެނެއެވެ.
އަދި އެ ދުވަހު ބިލަށް ވޯޓަށް އެހުމުން ވޯޓު ދެއްވި އެއްވެސް މެންބަރަކު ބިލާ ދެކޮޅަށް ވޯޓުދެއްވާފައިނުވެއެވެ. ޝާހިދު ބިލާ ދެކޮޅަށް މެންބަރަކު ވޯޓުދެއްވި ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކައަކީ އިތުރުފުޅެއްކަން އެ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާއިން ސާފުކޮށް ފެނެއެވެ.
މި މައްސަލައާ ގުޅިގެން އަޒީ "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބިލު މަޖިލީހުން ފާސްކުރުމަށް އެންމެ ބޮޑަށް ލޮބީކުރައްވައި ވަކާލާތުކުރެއްވީ އޭނާ ކަމަށެވެ. އެގޮތުން އެ ބިލު ފާސްކުރަން ބައެއް މެންބަރުން ޖެހިލުންވެވަޑައިގަންނަވާތީ 6 މަސްދުވަހުގެ މުއްދަތަކަށް ފަހު އަމަލުކުރަން ފަށާ ގޮތަށް ހަމަޖެއްސުމަށްފަހު ބިލު ފާސްކުރަން ހުށަހެޅުއްވީވެސް އޭނާކަމަށް އަޒީ ވިދާޅުވިއެވެ.
އަޒީ އިތުރަށް ވިދާޅުވީ ބިލުގެ މަސައްކަތް އަވަސްކުރުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުވެސް ވާހަކަދައްކަވާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެން އެ ބިލު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނު އެދިވަޑައިގެންނެވި ކަމަށްވެސް އަޒީ ވިދާޅުވިއެވެ. ބިލުގެ މަސައްކަތް އަވަސްކޮށް މަޖިލީހުން އަވަހަށް ފާސްކުރުމަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް ޔާމީނުކަމަށާއި، އެއާއެކު އެއިރު ޕީޕީއެމަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތުވެސް އެކަމަށް ތާއީދުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދަކީ އާންމު ގޮތެއްގައިވެސް އެކި ކަންކަމުގައި އިތުރުފުޅުހައްދަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވެއެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޤުތިޞާދީ ފޯމިއުލާ ހޯދުމަށް ބޭރުގެ ޤައުމުތަކާއި ޤައުމުތަކުގެ ވެރިން އެދެމުންދާކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ޝާހިދު ވިދާޅުވިއިރު، އެ ޤައުމުތަކަކަކީ ކޮބައިކަން ހާމަކުރަން ސަރުކާރުން ދެކޮޅުހެދުމުން ގިނަ ބަޔަކު އަންނަނީ އެވެސް ޝާހިދުގެ އިތުރުފުޅެއްކަމަށް ބުނަމުންނެވެ.
މި ސަރުކާރަކީ އެންމެ ހާމަކަންބޮޑު ސަރުކާރުކަމަށް ޝާހިދު ވިދާޅުވިއިރު، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ ފަރާތްތަކަށް ދެމުން އަންނަ މުސާރައަށް ހިނގާ ޚަރަދުގެ އިތުރަށް، ސަރުކާރުން ދެމުންދާ އެވޯޑުތައް ހެދުމަށް ހަވާލުކުރާ ފަރާތްތަކާއި އެ ފަރާތްތަކަށް ދެމުން އަންނަ ފައިސާގެ އަދަދު ފަދަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ތަކުރާރުކޮށް އިންކާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.