އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައަޅައި ނިންމި ނިންމުމަށް ދިވެހިން އަމަލުކުރުން ލާޒިމުކުރާ ޤާނޫނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިއްޔެ އިޓްލޮސްއިން ނިންމި ނިންމުމާއެކު ކުރިން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި ހިމެނުނު 50،000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އުނިވާނެއެވެ. އެ ނިންމުމާއެކު ކުރިން ދެކުނުގެ މަސްވެރިން މަސްވެރިކަމަށް ދާ ސަރަހައްދަކަށް މަސްވެރިކަމަށް ދިއުން ހުއްޓިދާނެއެވެ.
އެ ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޕީޕީއެމްގެ ނައިބުރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާމެދު ގޮތެއް ނިންމާފައިވަނީ އިޓްލޮސްއިންކަމަށްވާއިރު އިޓްލޮސް އަދި އެ ޓްރައިބިއުނަލްގެ ނިންމުންތައް ތަބާވަނީ އދގެ ކޮންވެންޝަން އޮފް ދަ ސީ (އަންކްލޯސް)އަށް ކަމަށެވެ.
އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވި ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ މުއާހަދާއަކަށް އަމަލުކުރުން ލާޒިމުވާނީ އެއާ ގުޅިގެން އަމަލުކުރާނެ ގޮތް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަދި އެފަދައިން އިޓްލޮސްއިން ނިންމާ ނިންމުންތަކަށް ދިވެހިން އިލްތިޒާމުވާނެ ގޮތާ ގުޅޭ ޤާނޫނެއް ނެތްކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން އިތުރަށް ފާހަގަކުރެއްވީ އިޓްލޮސްގައި ރާއްޖެއިން ނެގި ޤާނޫނީ ވިސްނުމާއި، ނިންމި ނިންމުންތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފު ނިންމުންތަކެއް ކަމުގައެވެ.
މިހުރިހާ ސަބަބެއް ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އިޓްލޮސްއިން އިއްޔެ ނިންމާފައިވާ ނިންމުމަކަށް އެއަށް ދިވެހި ރައްޔިތުން އަމަލުކުރުން ލާޒިމުވާނެ ނިންމުމެއް ނޫން ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ 200 ނޯޓިކަލް މޭލަށްވާ ސަރަހައްދުން ދިވެހި މަސްވެރިންނަށް ޤާނޫނާ އެއްގޮތަށް މަސްވެރިކަން ކުރެވޭނެ ކަމަށާއި، ރާއްޖޭގެ ފުރިހަމަ އީއީޒެޑް ހިމާޔަތްކުރުމަކީ ކޯސްޓްގާޑާއި އެމްއެންޑީއެފުން ކުރަންޖެހޭނެކަމެއް ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަށް ސިފައިން ވެފައިވާ ހުވައާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.