ރާއްޖެއާއި ޗާގޮސް އަތޮޅުތަކުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދު އިންވަކިކުރި މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގައި ނިންމުމާ ގުޅިގެން ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުން މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކައަކީ އިޓްލޮސްގެ ނިންމުމުގެ ކުރިން ރާއްޖޭގެ ދެކުނުން އިކޮނޮމިކް އެކްސްކުލޫސިވް ޒޯން (އީއީޒެޑް) ކަނޑައެޅިފައި ނެތުމުން އިއްޔެގެ ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބައެއް އިތުރުވުމެވެ.
ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންވެސްވަނީ އެ ވާހަކަ ތަކުރާރުކޮށް ދައްކަވާފައެވެ. ސުވާލު އުފެދެނީ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިފައި ނެތުމުގެ ވާހަކައަކީ ކިހާވަރެއްގެ ތެދެއްތޯއެވެ.
ކަނޑުގެ ސަރަހައްދުގެ ވާހަކަދައްކާއިރު ކަނޑުގެ ސަރަހައްދުގެ ދެ ބާވަތެއް އޮވެއެވެ. އެއީ ކޮންމެ ޤައުމަކަށް ލިބޭ ސަރަހައްދީ ކަނޑު (ޓެރިޓޯރިއަލް ސީ)އާއި އިޤުތިޞާދީ ޚާއްޞަ ސަރަހައްދު (އިކޮނޮމިކް އެކްސްކުލޫސިވް ޒޯން)އެވެ. މި ދެ ބާވަތުގެ ކަނޑުގެ ސަރަހައްދަކީ މުޅިން ތަފާތު ދެ ސަރަހައްދެވެ. ސަރަހައްދީ ކަނޑަކީ ޤައުމެއްގެ ބައެއްކަމަށް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގައި ބަލައިގަންނަ ސަރަހައްދެވެ. އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ ޤައުމުގެ ބައެއް ނޫނެވެ. އެ ސަރަހައްދުގެ މައްޗަށް އޮންނަނީ ސިޔާދަތީ ބާރުގެ ބަދަލުގައި ސިޔާދަތީ ޙައްޤެވެ.
އެހެންކަމުން ސަރަހައްދީ ކަނޑުގެ މައްޗަށް ލިބޭ ޙައްޤުތަކެއް، އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި ނުލިބެއެވެ. ޓެރިޓޯރިއަލް ސީއަކީ އައްސޭރި ފަށް އޮންނަ ކޮންމެ ޤައުމެއްގެ އައްސޭރި ފަށުން ފަށައިގެން 12 މޭލު ސަރަހައްދެއްކަމަށް ބައިނަލްއަޤުވާމީ ޤާނޫނުގައި ބަޔާންކުރެއެވެ. އެ ސަރަހައްދުގެ މައްޗަށް އެ ޤައުމުގެ ސިޔާދަތީ ބާރު އޮންނާނެއެވެ. މާނައަކީ އެ ސަރަހައްދަށް ވަނުމާއި ނިކުތުމުގެ ހުއްދަ އެ ޤައުމަކުން އެހެން ޤައުމުތަކުގެ އުޅަނދުތަކަށް ލިބެންޖެހުމެވެ. އެއާ ޚިލާފަށް އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަނުމުގެ ހުއްދައަކީ ނަގަންޖެހޭ ހުއްދައެއް ނޫނެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުން ވިދާޅުވެފައިވަނީ މީގެ ކުރިން ރާއްޖެއަށް ދެކުނުން އޮތީ 12 މޭލުގެ ސަރަހައްދެއް ކަމަށެވެ. އެއީ ރާއްޖޭގެ ސަރަހައްދީ ކަނޑެވެ. އަދި އެ ސަރަހައްދުގެ ބޭރުން ދާއަޅައިގެން މަސްވެރިކަން ކުރިއަސް ރާއްޖެއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި، ރާއްޖެއަށް އެއްވެސް ބާރެއް ހިނގާނީ އެ 12 މޭލުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އިޓްލޮސްގެ ނިންމުމާއެކު ކުރިން ރާއްޖެއަށް ލިބިފައި ނެތް ބޮޑު ސަރަހައްދެއް ލިބުނީ ކަމަށެވެ.
ނަމަވެސް އިޓްލޮސްގައި ބަހުސްކޮށް ވާހަކަދެކެވުނީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާ ގުޅޭ ގޮތުންނެވެ. ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ ކޮބައިކަން ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެ ޤާނޫނުގައި ބަޔާންކުރާ ސަރަހައްދުން ފެށިގެން ކޮންމެ ދިމާލަކުން 200 މޭލާ ހަމައަށް ކަމަށެވެ. އެއީ ބައިނަލްއަޤުވާމީ ކަނޑުތަކުގެ ޤާނޫނުގައި އީއީޒެޑްގެ ގޮތުގައި ޤައުމަކަށް ހޯދޭނެ އެންމެ ބޮޑު މިންވަރެވެ.
ދެން އެ ޤާނޫނުގައި ބުނެފައިވަނީ އެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ އެހެން ޤައުމަކާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. 1996 ގައި ފާސްކުރި އެ ޤާނޫނުގައި ބަޔާންކުރާ ފަދަ އެއްބަސްވުންތަކެއް އަވައްޓެރި ސްރީލަންކާ އަދި އިންޑިއާއާއެކު ހަދައި ރާއްޖޭގެ އުތުރުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުކަމަށް ކަނޑައެޅި ސަރަހައްދުން މިންވަރެއްވަނީ ދޫކޮށްފައެވެ.
ދެކުނަށް ބަލާއިރު މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތެވެ. ނަމަވެސް މިހާރުވެސް ޗާގޮސްގެ ރަށްތައް އެ ޤައުމެއްގެ ދަށުގައި އޮތް އިނގިރޭސިވިލާތާއެކު ރާއްޖެއިން މަޝްވަރާކޮށް ރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތީ އެއްބަސްވުމަކަށް ވާސިލުވެވިފައެވެ. އެހެންކަމުން އެއްބަސްވުމެއް ނެތް ނަމަވެސް، ރާއްޖެއިން ކަނޑައަޅާފައި އޮތް އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް އޮތެވެ. އެ ސަރަހައްދު ޗާގޮސްގެ މައްޗަށް ބާރު އޮތް އިނގިރޭސި ދައުލަތުން އޮތީ ޤަބޫލުކޮށްފައެވެ.
އީއީޒެޑް ކަނޑައެޅުމުގައި އޮންނަ އުސޫލުކަމަށް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގެ މުއާހަދާގެ 57 ވަނަ މާއްދާގައި ބަޔާނުކޮށްފައިވަނީ 200 ނޯޓިކަލް މޭލަށްވުރެ ދުރު ނޫން ސަރަހައްދެއް ހޯދުމަށް އެދުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ. މާނައަކީ 200 ނޯޓިކަލް މޭލަށް އެދުން ލާޒިމުނޫން ކަމަށެވެ.
1992 ވަނަ އަހަރު އިނގިރޭސިންނާއި ރާއްޖެއާ ދެމެދުގައި އިޤުތިޞާދީ ޚާއްޞަ ސަރަހައްދާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކާމެދު އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑރ.ކިމް ހޮވެލްސް 2008 ވަނަ އަހަރު އެ ޤައުމުގެ ޕާލެމެންޓުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ފާހަގަކުރެއްވީ ޗާގޮސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ ސަރަހައްދެެއް ނެތް ކަމަށެވެ.
އަދި ރާއްޖެއިން 1996 ގައި ފާސްކުރި ޤާނޫނަށްފަހުގައިވެސް އިނގިރޭސިވިލާތާއެކު 1991 ގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވި ގޮތަށް، އެއިރު އެއްބަސްވި އިންތަކަށް ރާއްޖެއިން އިހުތިރާމުކުރާ ކަމަށެވެ.
ޑރ.ކިމް ހޮވެލްސްގެ ޖަވާބަށް ބަލާއިރު ރާއްޖެއާއި ޗާގޮސްގެ މެދުގައި އޯވާލެޕިން ނުވަތަ ފުށުއަރާ ސަރަހައްދެއް އެއިރު ނެތްކަން ސާފެވެ. ފުށުއަރާ ސަރަހައްދެއްގެ މައްސަލަ ފެންމަތިވީ 37066 އަކަމޭލު ނުވަތަ 96،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާ ގޮތަށް މޮރިޝަސްއިން އެ ޤައުމުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ބޮޑުކުރަން އިޓްލޮސްއަށް ހުށަހެޅުމުންނެވެ. މި މައްސަލައިގެ ކުރިން ނެތީ ރާއްޖެއާއި މޮރިޝަސްގެ މެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދެކެވެ.
އެހެންކަމުން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިޤުތިޞާދީ ޚާއްސަ ސަރަހައްދު ކަނޑައެޅިފައި ނެތްކަމަށް ބުނުމަކީ، މި ހުރިހާ ކަމަކާ ފުށުއަރާ ޙަޤީޤަތެއް ނެތް ވާހަކައެކެވެ. އެހެންކަމުން ރާއްޖެއަށް ކުރިން ލިބިފައި ނެތް އިޤުތިޞާދީ ސަރަހައްދެއް ލިބުނީއެއް ނޫނެވެ. ކުރިން އިނގިރޭސިން ޤަބޫލުކުރި ދިވެހި އިޤުތިޞާދީ ސަރަހައްދުން ބޮޑު ބައެއް އުނިވީއެވެ.