މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމާއެކު ގެއްލުނީ ދިވެހި މަސްވެރިން މަހަކު 60 އަށްވުރެ ގިނަ ފަހަރު މަހަށް ދާ ސަރަހައްދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ކުރިން ހިމެނުނު ބައެއް މިހާރު އުނިވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ 94،000 އަކަމީޓަރުގެ ސަރަހައްދެއް އިޓްލޮސްގެ ނިންމުމާއެކު ދިވެހިރާއްޖެއަށް ގެއްލުނު ކަމަށެވެ.
އަދި މަޖިލީހުގެ މެންބަރުންގެ ތެރެއިން އިޓްލޮސްގެ ނިންމުމަކީ ސަރުކާރުގެ ކާމިޔާބެއްކަމަށް ސިފަކުރައްވާ ބޭފުޅުންނަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ކަންތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން ކަމަށެވެ.
އަދި މަޖިލީހުގެ މެންބަރުން އެ ވާހަކަ އޮޅުވައިލައްވަން އުޅުމަކީ ވަރަށް ދެރަކަމެއް ކަމުގައި ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުކަމުގައި ހުރިހާ ބޭފުޅުން ތިއްބެވީ މާތްﷲ ގަންދީ ހުވައެއް ކުރައްވައިގެން ކަމަށެވެ.
ރާއްޖެއިން ބައެއް ގެއްލޭއިރުވެސް އެކަން ރައްޔިތުންނަށް އޮޅުވައިލަން އުޅުމަކީ ހުވަޔާ ޚިލާފުވުން ކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ ޗާގޮސް މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތެއް ރައީސް ނުހެއްދެވިކަމަށާއި، ޗާގޯސްގެ ސިޔާދަތުވެސް އަމިއްލަފުޅަށް މޮރިޝަސްއަށް ދޫކޮށްލެއްވީ ކަމަށެވެ.