މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ރާއްޖޭގެ އިގުތިސާދަށް މިދިޔަ އަހަރު 993.7 މިލިއަން ޑޮލަރު ވިއްކި ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
އެ އިދާރާއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ ޖުމްލަ އަދަދަކީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 53 ޕަސެންޓް އިތުރު އަދަދެކެވެ.
އެގޮތުން 994 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އޭގެ 73 ޕަސެންޓް ވިއްކީ ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކަށް ކަމަށް ރިޕޯޓުން ދައްކަ އެވެ. އެއީ އެސްއޯއީ ތަކަށް ޖުމްލަ 726 މިލިއަން ޑޮލަރެވެ.
ދެވަނައަށް މިދިޔަ އަހަރު އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ބޭންކު ތަކަށެވެ. އެގޮތުން ކޮމާޝަލް ބޭންކުތަކަށް 267.7 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށާއި ކިޔެވުމަށް ދިޔަ ދިވެހިންނަށް 33.3 މިލިއަން ޑޮލަރު އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް މީހަކަށް 500 ޑޮލަރު ވިއްކުމުގެ ސިޔާސަތުގެ ދަށުން 60.9 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
އޭގެ އިތުރުން ހައްޖަށާއި އުމްރާއަށް ދިޔަ މީހުންނަށް 15.4 މިލިއަން ޑޮލަރު ވިއްކި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެ ވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެސްއޯއީތަކަށް ވިއްކި ޑޮލަރުގެ އަަދަދު، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 90 ޕަސެންޓު އިތުރެވެ. އެ އަދަދު އިތުރުވީ މިިދިޔަ އަހަރު ބޭރުގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ބޭރުން ދަރަންޏަށް ފައިސާ ނެގުމަށް ކުރަން ޖެހުނު ހަރަދު ބޮޑުވުމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.