Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

ޗާގޮސް މައްސަލާގައި ސަރުކާރުން ހެދީ ކޮން ގޯހެއް؟

މިއަދަކީ ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލެގޯއާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރުމާމެދު އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސްއިން ގޮތެއް ނިންމާ ދުވަހެވެ. މިކަމުގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާމެދު ރާއްޖޭގެ ފުންނާބުއުސް ޤާނޫނީ ވަކީލުންނާއި ސިޔާސީ ލީޑަރުންގެ ނުތަނަވަސްކަން ފާޅުކުރަމުންދަނިކޮށް، އެކަމުގެ ހަގީގީ ކަންބޮޑުވުން ޗާގޮސްގެ މިލްކުވެރިކަމުގެ ދައުވާއެއްގެ ވާހަކައިގެ ތެރެއަށް ޣަރަޤުވެ ގެއްލިގެން ދާން ފަށައިފިއެވެ.

މައްސަލައިގެ އަސްލަށް ރުޖޫއަވާއިރު މި މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަންޖެހެނީ ކީއްވެކަން ދިވެހިންނަށް އޮޅޭ މިންވަރަށް މައްސަލައިގެ އަސްލު ސިޔާސީ ބަހުސްތަކުގެ ތެރެއިން މިއޮތީ ގެއްލިފައެވެ. އިޓްލޮސްގައި ހިނގަމުންދާ އަޑުއެހުންތަކާއި މިއަދު އިޓްލޮސްއިން ނިންމާ ނިންމުމާ ގުޅިގެން ސަރުކާރަށް މައިގަނޑު ގޮތެއްގައި ފާޑުކިޔުން އަމާޒުކުރަންޖެހެނީ ދެނުކުތާއެއްގައެވެ. މި ލިޔުމުގެ މަޤުޞަދަކީ އެ ދެ ނުކުތާ ސާފުކޮށްދިނުމެވެ.

ރާއްޖެއިން ކުރަހައި ޤާނޫނުގައި ލިޔެފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިފާއުގައި ވަކާލާތުނުކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ސަރަހައްދެކެވެ. އަދި ކަނޑުގެ ސަރަހައްދުގެ ގޮތުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސަރަހައްދެއް ދޫކޮށްލެވޭނެ އިޖުރާއާތުތައްވެސް އެ ޤާނޫނުގައި އެހައިމެ ސާފު އިބާރާތުން ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކަނޑައަޅާފައިވާ އާކިޕެލަޖިކަލް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭދުގެ ސަރަހައްދެއް ކަމަށެވެ. އަދި އެފަދައިން ކަނޑައަޅައި ރާއްޖެއިންވަނީ އދގައި އެއީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުކަމަށް ކަނޑައެޅުމަށް އެދިފައެވެ. އެކަމާމެދު އެއްވެސް ބައިނަލްއަޤުވާމީ ކޯޓަކުން އަދި ޓްރައިބިއުނަލަކުން ގޮތެއް ކަނޑައަޅާފައި ނެތުމުން އެ ޤާނޫނުގައި ބަޔާންކުރާ ސަރަހައްދަކީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ގޮތުގައި ބަލަންޖެހެއެވެ.

އެ ޤާނޫނުގައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ކިހިނެއްކަން އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ އެ ސަރަހައްދާމެދު އެހެން ގޮތަކަށް އަމަލުކުރުމަށް އެހެން ޤައުމަކާއެކު ރާއްޖެއިން އެއްބަސްވުމެއް ހެދުމެވެ. ޗާގޮސްއާއި ރާއްޖޭގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދު ބައިކުރުމާމެދު އެއްވެސް ޤައުމަކާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވެއެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށް ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެނެވޭނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތުން އެކަމެއް ފާސްކުރުމަށްފަހުގައިކަންވެސް ފާހަގަކުރެވެއެވެ.

ޗާގޮސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިކުރުމާ ގުޅޭ ގޮތުން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ސަ ސީސް (އިޓްލޮސް)އަށް ހުށަހަޅާފައިވާ މައްސަލައިގެ ޔައުމިއްޔާތަކާއި، އެ މައްސަލާގައި ރާއްޖެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ޤާނޫނުގައި ބަޔާންކުރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދުމަށް ރާއްޖެއިން ކޯޓުގައި ވަކާލާތުނުކުރެއެވެ.

ރާއްޖެއިން ކޯޓުގައި ވަކާލާތުކުރަމުން އަންނަނީ މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިކުއިޑިސްޓޭންސް ނުވަތަ ދެ ޤައުމުގެ މެދުގައި ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބައިކުރަން ބަލާއިރު، ޗާގޯސްއިން ކަނޑުގެ ސަރަހައްދު މިންކުރަން ފަށާނެ ނުކުތާއަކީ މޮރިޝަސްއިން ބޭނުންވާ ފަދައިން ބްލެންހައި ފަރު ނޫންކަމަށާއި، އޭގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސެލޮމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން ކަނޑުގެ ސަރަހައްދު މިންކުރުމަށެވެ.

އެހެންކަމުން ޗާގޮސް މައްސަލާގައި ސަރުކާރަށް ފުރަތަމަ ފާޑުކިޔަންޖެހޭ ނުކުތާއަކީ ދިވެހިރާއްޖޭގެ ޤާނޫނުގައި އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ކަނޑައަޅައި އެ ސަރަހައްދު ހޯދުމަށް ރާއްޖެއިން އދއަށް ހުށަހަޅާފައިވަނިކޮށް، އެ ހުށަހެޅުން ދިފާއުނުކޮށް މޮރިޝަސްއިން ބޭނުންވާ ގޮތަށް އިކުއިޑިސްޓޭންސްގެ އުސޫލުން ކަނޑު ބަހައިލުމަށް އެއްބަސްވުމެވެ.

އަދި އެނިންމުމަކީ ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނާއި ޤާނޫނު އަސާސީއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމުގައި ނޫނީ ނުވާނެއެވެ. އެއީ މޮރިޝަސްއާއެކު އެއްބަސްވުމެއް ހެދުމަކާނުލައި އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާ ނުލައި، 200 ނޯޓިކަލް މޭލުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެ ގޮތަކަށް ރާއްޖެއިން އިޓްލޮސްގައި ވަކާލާތުކުރުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް މާނަކުރެވިދާނެއެވެ. އަދި އެއީ ރާއްޖެއިން ބައެއް ދޫކޮށްލުންކަމަށްވެސް ބެލެވިދާނެއެވެ.

އިކުއިޑިސްޓޭންސް ނޫން ފަރުވާއެއް ނެތް؟

މިފާޑުކިޔުމަށް ސަރުކާރުން ދެމުން އަންނަ ރައްދަކީ ދެ ޤައުމެއްގެ ކަނޑުގެ ސަރަހައްދު ބަހައިލުމުގައި ޚުޞޫމަތެއް އުފެދިއްޖެނަމަ އެކަމުގައި އިކުއިޑިސްޓޭންސް ނޫން ހައްލެއް ބައިނަލްއަޤުވާމީ ޤާނޫނުގައި ނެތުމެވެ.

ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގައި އެންމެ ފުރަތަމަ ކަނޑުގެ ސަރަހައްދު ވަކިކުރުމުގައި އިކުއިޑިސްޓޭންސަކީ މަބްދައެކެވެ. މާނައަކީ ދެ ޤައުމެއްގެ އައްސޭރި ފަށުން ކަނޑައަޅާ ބޭސްލައިންތަކުން ފެށިގެން ދެ ޤައުމުގެ މެދުގައިވާ ސަރަހައްދުގައި ރޮނގެއް ނުވަތަ މީޑިއަން ލައިނެއް ކަނޑައަޅައި ކަނޑުގެ ސަރަހައްދު އެ ރޮނގުން ބައިކުރުމަކީ ކަނޑުގެ ޤާނޫނުގައި ޕްރިންސިޕަލެއް ނުވަތަ މަބްދައެއްގެ ގޮތުގައި ބަލައިގަނެފައި އޮތް އުސޫލެކެވެ.

ނަމަވެސް ކަނޑުގެ ޤާނޫނު ކުރިއަރައި ތަރައްޤީވަމުން ގޮސް އިކުއިޑިސްޓޭންސަކީ މިހާރު އުސޫލަކަށްވުރެ ބޮޑަށް ކަނޑުގެ ސަރަހައްދު ބައިކުރުމުގައި ބޭނުންކުރާ އެކި ގޮތްތަކުގެ ތެރެއިން އެއް ގޮތްކަމަށްވަނީ ވެފައެވެ. އެގޮތުން ޚާއްޞަ ޙާލަތްތަކަށް ރިއާޔަތްކޮށް އިކުއިޑިސްޓޭންސްގެ އުސޫލުން ބޭރުން އަދުލުވެރި (އިކުއިޓިބަލް) ފަރުވާތައް އެކަންކަމުގައި ފޯރުކޮށްދިނުމަކީ މިހާރު ކޯޓުތަކުން އަމަލުކުރަމުން އަންނަ ގޮތެކެވެ.

ގްރީންލޭންޑް ޖޭން މާޔެން ކޭސްގައި އިކުއިޑިސްޓޭންސްގެ އުސޫލަށް ބަދަލުގެނެސް ކަނޑުގެ ސަރަހައްދު ބައިކުރަން ބޭނުންކުރާ ރޮނަގަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ބަދަލުގެނައީ ދެ ޤައުމުގެ މަސްވެރިކަމަށް ބަލައި، ދެ ޚަޞްމުންނަށްވެސް އެކަށީގެންވާ މިންވަރުގެ ސަރަހައްދެއް ކަށަވަރުކުރުމަށެވެ.

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ތާރީޚީ ޙައްޤުތައް (ހިސްޓޮރިކް ރައިޓްސް)އަށްވެސް ބައިނަލްއަޤުވާމީ ކޯޓުތަކުން ރިއާޔަތްކުރެއެވެ. އިޤުތިޞާދީ އިޖުތިމާއީ ސަބަބުތަކަށްވެސް ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ލީބިޔާ މަލްޓާ ކޭސްގައި އައިސީޖޭއިންވަނީ ދެ ދައުލަތުގެ އިޤުތިޞާދީ ހާލަތަށްވެސް ރިއާޔަތްކޮށްފައެވެ.

އެހެންކަމުން އިކުއިޑިސްޓޭންސްގެ އުސޫލުގެ ބަދަލުގައި އަދުލުވެރި (އިކުއިޓަބަލް) އުސޫލު ބޭނުންކޮށްގެން ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮތް ސަރަހައްދު ބައިކުރަން ދިވެހިރާއްޖެއިން ވަކާލާތުކުރުމަކީ ރާއްޖެއަށް ފައިދާ ބޮޑު އަދި ރާއްޖެއަށް ބޮޑު ކަނޑުގެ ސަރަހައްދެއް ލިބިދާނެ ކަމެއްކަމަށް ބުރަވެވޭނެ ސަބަބުތައް އެބަހުއްޓެވެ.

ރާއްޖޭގެ ކުރީގެ ބަންޑާރަނައިބުންކަމަށްވާ ޑރ.މުހައްމަދު މުނައްވަރާއި އަލްއުސްތާޛާ ޢާޒިމާ ޝަކޫރާއި އަލްއުސްތާޛާ ދިޔާނާ ސައީދު ފާހަގަކުރައްވާ ނުކުތާތަކުގެ ތެރޭގައި ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވާ ތަނަކަށްވެފައި ޗާގޮސްގައި މަސްވެރިކަންކުރުމުގެ ތާރީޚެއް ނެތުމަކީވެސް އިކުއިޑިސްޓޭންސް ނޫން ގޮތެއް މި މައްސަލާގައި ތަންފީޒުކުރުމަށް ވަކާލާތުކުރަން ރާއްޖެއަށް ބޭނުންކުރެވޭނެ ސަބަބެކެވެ.

އެހެންކަމުން އިކުއިޑިސްޓޭންސްގެ އުސޫލު ނޫން އުސޫލެއްް މިފަދަ މައްސަލަތަކުގައި ނޯންނާނެ ކަމަށާއި، ހަމައެކަނި އޮތް ގޮތަކީ ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައި އޮތް ސަރަހައްދު ހަމަހަމައަށް ބަހައިލުންކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުމަކީ މިހާރު ކަނޑުގެ ޤާނޫނު ތަރައްޤީވެފައި އޮތް މިންވަރަށް ބަލާއިރު، އަދި ބައިނަލްއަޤުވާމީ ކޯޓުތަކުން މިބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކަށް ބަލާއިރުވެސް ބުރަދަންހުރި ވާހަކައެއް ނޫނެވެ.

ސިއްރިއްޔާތުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުކުރުން

ޗާގޯސްއަކީ އެ ސަރަހައްދުގެ ސިޔާދަތާމެދު ދެބަސްވުން އޮތް ސަރަހައްދެކެވެ. އިސްތިއުމާރުގެ ދުވަސްވަރުގައި އިނގިރޭސިން ޗާގޯސް ބެލެހެއްޓީ މޮރިޝަސްގައި އޮތް އިނގިރޭސި ވެރިކަން މެދުވެރިކޮށެވެ. އެހެންކަމުން މޮރިޝަސްއިން ދެކޭ ގޮތުގައި ޗާގޯސްއަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ އެ ޤައުމުގެ ސަރަހައްދެކެވެ. ނަމަވެސް އިނގިރޭސިން ދެކޭ ގޮތުގައި އެއީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ.

މިކަމުގައި ރާއްޖެއިން ވަކި އަތަކަށް ނުޖެހެއެވެ. ނަމަވެސް ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަން ކަނޑައެޅުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އެ ޤައުމުން މައްސަލައެއް ހުށަހެޅުމާ ދެކޮޅަށް އދގައި ރާއްޖެއިން ވޯޓުދިނެވެ. އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ދިން އިސްތިޝާރީ ލަފާ ބަލައިގަތުމަށްވެސް ރާއްޖެއިން ދެކޮޅުހެދިއެވެ.

އެއިރުވެސް ރާއްޖެއިން އެކަމަށް ދެކޮޅުހެދި މައިގަނޑު ސަބަބަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަސަރެއްކުރުމުގެ އިހުތިމާލު އޮތުންކަން 2019 ވަނަ އަހަރު އައިސީޖޭގެ ނިންމުން ބަލައިނުގަތުމަށް ވޯޓުދިނުމަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން އދގައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ދެއްކެވި ވާހަކަފުޅުންވެސް ސާފުވެއެވެ.

އިޓްލޮސްއަށް މޮރިޝަސްއިން ހުށަހެޅި މައްސަލާގައިވެސް އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކުރި އެއް ނުކުތާއަކީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނެތުމުން އެ މައްސަލަ އެ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ބާރު މޮރިޝަސްއަށް ނެތުމެވެ. ޓްރައިބިއުނަލުގެ އަޣުލަބިއްޔަތު ރައުޔައިން ނިންމީ ރާއްޖެއާ ދެކޮޅަށެވެ. ނަމަވެސް އެ ނިންމުމާއެކުވެސް ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމަށް ބައިނަލްއަޤުވާމީ ޤާނޫނުގެ އުސޫލުތަކުން މިހާތަނަށް ނުނިމެއެވެ.

މިފަދައިން ހާލަތު އޮއްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ސިޓީއެއް ފޮނުއްވައި ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދީ ބާރުގެ ދަށުގައި އޮތް ތަނެއްކަން ދިވެހި ސަރުކާރުން ޤަބޫލުކުރާކަން އަންގަވާފައިވެއެވެ. އެ ގޮތަށް ނިންމެވިކަން ދިވެހިންނަށް އެނގުނީ މޮރިޝަސްގެ ވަކީލުން އިޓްލޮސްގެ އަޑުއެހުމުގައި އެކަން ފާހަގަކުރެއްވުމުންނެވެ. އޭގެ ކުރިން އެކަން އޮތީ ސިއްރެއްގެ ގޮތުގައެވެ. އަދިވެސް އެ ސިޓީގައި އެކުލެވޭ ކަންކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.

މި ނިންމުމާއެކު ރާއްޖެއިން 200 ނޯޓިކަލް މޭލުގެ ސަރަހައްދަށް ދައުވާކުރާކުރުން އެކީ ނެތިވީއެވެ. އަދި އޭގެ އިތުރަށް މޮރިޝަސްއިން ކަނޑުގެ ސަރަހައްދު އިކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރުމަށް ވަކާލާތުކުރާ ކުރުމަށް އިތުރު ބާރެއްވެސް ލިބުނީއެވެ.

މިސިޓީއާ ގުޅިގެން ސަރުކާރަށް އަމާޒުވާ މައިގަނޑު ފާޑުކިޔުމަކީ މިފަދަ ކަމެއް ނިންމަން އުޅޭކަން ދިވެހިންނަށް އަންގައިނުލުމެވެ. ހާމަކަންބޮޑު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ކަންކަން ނިންމުމުގައި އިސްކުރާނެ ސަރުކާރެއްކަމަށް ބުނެ ޤާއިމުކުރި ސަރުކާރަކުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސްކަމެއްގައި ރައްޔިތުންނަށް އެނގުމެއް ނެތި މައްސަލަ ނިންމުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މަސްވެރިކަމާއި އަސްކަރީ ބޭނުންތަކުގެ ބޮޑު ކަންބޮޑުވުމެއް

މޮރިޝަސްއަށް ޗާގޮސް ލިބި ރާއްޖެއާ ޗާގޮސްގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސްއަށް ލިބުމުން ނިކުމެދާނެ ދެތިން މައްސަލައެއް އެބައޮތެވެ. ފުރަތަމަ މައްސަލައަކީ މަސްވެރިކަމާ ގުޅޭ މައްސަލައެކެވެ.

ފުރަތަމަ މައްސަލައަކީ މަސްވެރިކަމުގެ މައްސަލައެވެ. އެގޮތުން މޮރިޝަސްއަކީ ބޭރުގެ އެހެން ޤައުމުތަކުގެ ކުންފުނިތަކަށް އެ ޤައުމުގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރުމަށް ހުއްދަދީގެން ފައިސާ ހޯދާ ކަމެކެވެ. އެގޮތުން ޖަޕާނާއި އީޔޫގެ މަސްވެރި ކުންފުނިތަކުން އަންނަނީ ސިނާއީ ފެންވަރެއްގައި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގައި އެ ޤައުމުން ހުއްދަދީގެން މަސްވެރިކަން ކުރަމުންނެވެ.

ޗާގޯސްގެ ކަނޑުގެ ސަރަހައްދު އެ ޤައުމަށް ލިބިއްޖެނަމަ ރާއްޖޭގެ ދެކުނުގެ މަސްވެރިންނަށް އޮތް އެންމެ ބޮޑު ބިރަކީ އެ ސަރަހައްދުގައި ސިނާއީ ފެންވަރެއްގައި މި ކުންފުނިތަކުން މަސްވެރިކަންކުރަން ފެށުމެވެ. ނަތީޖާއަކަށްވާނީ އެ ސަރަހައްދުން ދިވެހި މަސްވެރިންނަށް މަސްވެރިކަންކުރަން ދަތިވެ، ލިބޭ ކަނޑު ރޯއްޖަށް ހުރަސްއެޅުމެެވެ.

ދެވަނައަށް އޮތް މައްސަލައަކީ މޮރިޝަސްއިން ޗާގޮސް އަސްކަރީ ބޭނުމަށް ބޭނުންކުރަން ދޫކުރުމެވެ. މޮރިޝަސްގެ ރަށެއްގައި ސިއްރިއްޔާތުގައި މިހާރުވެސް އިންޑިއާއިން އަންނަނީ އަސްކަރީ ބޭސްއެއް ތަރައްޤީކުރަމުންނެވެ. އެކަން ހެއްކާއެކު އަލްޖަޒީރާއިންވަނީ ފަޅާއަރުވާލާފައެވެ.

މިހާރުވެސް ޗާގޮސްގެ ޑިއާގޯ ގާސިއާއަކީ އެމެރިކާއިން އަސްކަރީ ބޭސްއެއް ޤާއިމުކޮށްފައިވާ ތަނެކެވެ. 2036 ވަނަ އަހަރާ ހަމައަށް ޑިއޭގޯ ގާސިއާގައި އޮތް އެމެރިކާގެ އަސްކަރީ ބޭސް އެގޮތުގައި ބާއްވަން އެ ޤައުމުން ގަސްތުކުރާކަން 2019 ވަނަ އަހަރު އެ ޤައުމުން ހާމަކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން އެތަނަކީ އިންޑިއާ ކަނޑުގައި އިންޑިއާގެ ހަންފެތުރުމަށް އަސްކަރީ ބޭސްއެއް ޤާއިމުކުރާ ތަނަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޗާގޮސްއާއި ރާއްޖޭގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ހޯދުމަށް ދައުވާނުކުރުމާއި، ކުއްލި ގޮތަކަށް ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަމަށް ދިވެހި ސަރުކާރުން އެއްބަސްވުމަކީ އެކަންކަމުގައި މިހާރު އަންދާޒާކުރަން ދަތި ކަންތައްތަކެއް ފަހުން ކުރިމަތިވުން އެކަށީގެންވާ ކަންކަމެވެ. ސަރުކާރަށް ފާޑުކިޔަނީ އަދި ސަރުކާރުން ޖަވާބުދާރީވާންވީވެސް މިކަންކަމާމެދުއެވެ.

މި ލިއުމާއި ގުޅޭ