މިދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ދުވަސްކޮޅެއް ކަމުން ބަންދުގައި މީހުން ބައިތިއްބާ ގޮޅިތައް ހޫނުވިޔަ ނުދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްޑް (އެޗްއާރްސީއެމް) އިން ދާއިރާތަކަށް އަންގައިފިއެވެ.
އެހެންކަމުން މިވަގުތު ރާއްޖޭގެ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތްކޮށް، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރާއި އަދި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި، ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރާއި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މުއައްސަސާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް ހަމަޖައްސަވަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް ރެކްޝަނަލް ސަރވިސް އަދި ފުލުހުންނަށް އެޗްއާރްސީއެމް އިން ވާނީ އިލްތިމާސްކޮށްފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ފާހަގަ ކޮށްލަން ޖެހޭކަމަކީ ބުރާސްފަތި ދުވަހުން ފެށިގެން ހޫނުމިން ދަށަށް ދާނެކަމަށް މެޓް އޮފީހުން އޮތީ ބުނެފައެވެ.