Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މައުރިޝަސް

ޗާގޮސް މައްސަލާގައި އެއްވެސް ބަޔަކަށް ރިޝްވަތު ނުދެން: މޮރިޝަސްގެ މަސްވެރި ވިޔަފާރިތައް

ޗާގޮސް މައްސަލައާ ގުޅިގެން އެއްވެސް ސިޔާސީ ފަރާތަކަށް ރިޝްވަތު ނުދޭކަމަށާއި، ރިޝްވަތެއް ހުށަހަޅާފައިވެސް ނުވާނެކަމަށް މޮރިޝަސްގެ މަސްވެރިކަމުގެ ވިޔަފާރި ކުންފުނިތަކުން ބުނެފިއެވެ.

މިފަދައިން އެ ކުންފުނިތަކުން ބުނެފައިވަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޮސްގެ މައްޗަށް އޮންނާނެކަމަށް ދިވެހި ސަރުކާރުން އެއްބަސްވެ އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީއަކީ 500 މިލިއަން ޑޮލަރުގެ ރިޝްވަތެއްގެ ބަދަލުގައި ފޮނުއްވި ސިޓީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތުކުރައްވާފައިވަނިކޮށެވެ.

ރާއްޖެއިން ޒަމާނުއްސުރެ ނަގަހައްޓަމުން އައި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނެތުމުގެ ވިސްނުން ކުއްލިއަކަށް ސިއްރު ސިޓީއެއް ފޮނުއްވައިގެން ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވިކަން ހާމަވީ، ޗާގޮސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު އިންކުރުމާ ގުޅޭ މައްސަލާގައި މޮރިޝަސްގެ ވަކީލުން ޓްރައިބުއުނަލުގައި އެސިޓީއާ ހަވާލާދެއްވާ ދެއްކެވި ވާހަކަފުޅުންނެވެ.

އެކަމާ ގުޅިގެން އެ ސިޓީގެ ސަބަބުން ރާއްޖެއަށް ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުން ލިބެންޖެހޭ ބައެއް ނުލިބުމުގެ އިހުތިމާލު ބޮޑުކަން ފާހަގަކުރައްވައި ރާއްޖޭގެ ކުރީގެ ބަންޑާރަނައިބުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި މި ސިޓީ ރައީސް އިބްރާހީމު ފޮނުއްވީ ޗާގޯސްގެ މަސްވެރި ކުންފުނިތަކުން 500 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަންގަވައިގެންނެވެ. އަދި އެ "ޑީލު" ހެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މިކަމާ ގުޅިގެން މޮރިޝަސްގެ މަސްވެރިކަން ކުރާ ކުންފުނިތަކުގެ މައްޗަށް އެކުލެވޭ "ސަސްޓެއިނަބަލް ޓޫނާ އެސޯސިއޭޝަން"އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ފަރާތްތަކަށް ފައިސާތަކެއް ދިންކަމަށް ކުރާ ތުހުމަތު އެ އެސޯސިއޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ނުވަތަ އެ އެސޯސިއޭޝަނުގެ މެންބަރު ވިޔަފާރިއަކުންވެސް އެއްވެސް ސިޔާސީ ފަރާތަކަށް ފައިސާ ދީފައިނުވާނެ ކަމަށާއި، ފައިސާ ދިނުމަށްވެސް ހުށަހަޅާފައިނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެސްޓީއޭގެ މެންބަރުންނަކީ ސާފު އަޚުލާޤީ މަބްދައުތަކެއްގައި ދޫކުރުމެއް ބަދަލުކުރުމެއް ނެތި ހިފަހައްޓަމުން އައި ބައެއްކަމަށްވެސް ބުނެފައިވެއެވެ.

މި އެސޯސިއޭޝަނުން މިފަދައިން ބުނެފައިވާއިރު މޮރިޝަސްގައި މަސްވެރިކަމުގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކީ ޔޫރަޕުގެ ކުންފުނިތަކެވެ. މި އެސޯސިއޭޝަނުގައި ބައިވެރިވަނީ 7 ކުންފުންޏެވެ. ގިނަ ކުންފުނިތަކަކީ ދާޖަހައިގެން މަސްވެރިކަންކުރާ ކުންފުނިތަކެވެ. މޮރިޝަސްއަކީ މަސްވެރިކަން ކުރުމުގެ ބަދަލުގައި ބިދޭސީ ކުންފުނިތަކަށް އެ ޤައުމުގެ ކަނޑުތަކުގައި މަސްވެރިކަންކުރަން ލައިސެންސް ދޫކޮށްގެން ފައިސާ ހޯދާ ޤައުމެކެވެ.

މި ލިއުމާއި ގުޅޭ