ރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނެގުނީހެވެ. އެކަމަކު މިހާރު އެޓީމާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތީ 11 ޕޮއިންޓުގެ ފަރަގެކެވެ. ބާސެލޯނާ އަށް 31 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އަށް 31 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ.
އަންގާރަ ދުވަހުގެ ރޭ ރެއާލް ވަނީ ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ވަޔެކާނޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލްވާރޯ ގާސިއާ އާއި ފްރެން ގާސިއާ އެވެ. ބާސެލޯނާގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.
ބާސެލޯނާ އަށް ސްޕެނިޝް ލީގު އެންމެ ފަހުން ލިބުނީ 19-2018 ވަނަ ސީޒަނުގަ އެވެ. އެކަމަކު ބާކީ އޮތް ހަތް މެޗުގައި ނަތީޖާތައް ރަނގަޅުކޮށްގެން އެޓީމަށް މިފަހަރުގެ ލީގު ލިބުމުގެ ފުރުސަތު ބޮޑެވެ. ލީގުގައި ބާސެލޯނާ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ފަސް ވަނައިގައި އޮތް ރެއާލް ބެޓިސްއާ ދެކޮޅަށެވެ.
ފަހަކަށް އައިސް ބާސެލޯނާގެ ފޯމު ދަށްވެފައިވާއިރު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 1-3 އިން މަޔޯކާ ބަލިކޮށްފަ އެވެ. 63 ޕޮއިންޓާ އެކު އެތުލެޓިކޯ އޮތީ ތިންވަނައިގަ އެވެ. ރެއާލް ފަހަތަށް ޖައްސާލައި ދެވަނަ ހޯދުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.