Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްކިތްތައް

ކެޔޮދޫގައި މުސްހަފު ވީދާލައި މިސްކިތަށް ގެއްލުންދިން މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ވ.ކެޔޮދޫ މިސްކިތުގައި ހުރި މުސްހަފުތައް ވީދައި، މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ކެޔޮދޫ މިސްކިތަށް ގެއްލުންދީ މިސްކިތުގައި ހުރި މުސްހަފުތައް ވީދަމުންދާ މައްސަލައެއް ފުލުހަށް ހުށަހަޅައިގެން އެކަންކުރާ މީހާ ފުލުހުންނަށް ނުހޯދި އުޅެނިކޮށް އެމީހާ އަތުލައިގަނެފައިވަނީ އެ ރަށުގެ ރައްޔިތުންނެވެ.

ދެފަހަރެއްގެ މަތިން އޭނާ ވަނީ މިސްކިތުގެ ޚަތިމްތަކެއް ވީދާލައިފައެވެ. އެގޮތުން ދެފަހަރުމަތިން 30 ހަކަށް ޚަތިމު އޭނާ ވަނީ ވީދާލައިފައެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންނަށް އެމީހާ ހޯދުނު ކަމަކަށް ނުވިއެވެ.

އެމީހާ އަތުލައިގަތީ ރޭގެ ވަގުތެއްގައި މިސްކިތް ކައިރީގައި އުޅޭ ޒުވާނެކެވެ. އެޒުވާނާ ބޭރަށް ނުކުތް ވަގުތު ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވިގެން ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ބެލިއިރު، މިސްކިތަށް ގެއްލުން ދިނުމަށްފަހު މީހަކު މިސްކިތުން ނުކުމެގެން ދަނީއެވެ. އެވަގުތު އޭނާ ހިފަހައްޓައި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ފުލުހުންނާ ހަވާލުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއްކަން ފިލުހުން ހާމަކޮށްފައިވެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުންވަނީ އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އާދިއްތަ ދުވަހު ވިދާޅުވީ 600 އެއްހާ އާބާދީއެއް ދިރިއުޅެމުން އަންނަ ކެޔޮދޫގެ މިސްކިތުގައި ހުރި ޚަތިމުތައް އެންމެ ފުރަތަމަ ވީދާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެފަހަރު 10 ވަރަކަށް ޚަތިމް ވީދާލިއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެމައްސަލަ ބެލުމަށްފަހު އެކަން ކުރި މީހަކު ނުވަތަ ބަޔަކު އެނގިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކާ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމު ވީދާލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

އެމީހާ ނުހޯދި 24 ގަޑި އިރު ރައްޔިތުން އޭނާ އަތުލައިގަނެފައި މިވަނީ އަނެއްކާވެސް މިސްކިތުގެ ބިއްލޫރިތައް ތަޅާލުމުންނެވެ.

މި ލިއުމާއި ގުޅޭ