Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ކޮތަޅުން ޓެކްސް ނަގާ ގާނޫނު ތަންފީޒު ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ: އުޝާމް

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެރުފިޔާ ނަގަން ޖެހޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރުމުގައި ސަރުކާރު ބަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކޮންމެ ކޮތަޅަކުން ނަގަންފެށި އަގާއެކު ކޮތަޅު ބޮނޑިއެއްގެ އަގު ވަރަށް ބޮޑަށް އުފުލި، އާންމުންނާއި ވިޔަފާރިވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވުމުން، ކޮތަޅު ބޮނޑީގެ އަގު ހެޔޮވާނެ ގޮތަށް ކުނި މެނޭޖްކުރުމުގެ ގާނޫނަށް އަނެއްކާވެސް ބައެއް އިސްލާހުތައް ގެންނަން މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސްކުރައްވަމުން އުޝާމް ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅެނީ މީރާއިން އެ ގާނޫނު މާނަކުރާ ގޮތުން ކަމަށެވެ. ރައްޔިތުންނަށް އިތުރު ތަކުލީފެއް ޖެހެނީ މީރާއިން އެ ގާނޫނު މާނަކުރާ ގޮތުން ކަމަށް ވިދާޅުވި އެވެ.
މިހާރު އޮތް ގޮތުން، ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.
އަދި ބައެއް ފަރާތްތަކުން އެ ގާނޫނު އެބިއުސް ކުރާކަމަށް ނުވަތަ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަމަށް އުޝާމް ވިދާޅުވި އެވެ.
"ބައެއް ގޮޅިތަކުގައި އެބަ ޗާޖްކުރޭ ކޮތަޅަކަށް ފަސް ރުފިޔާ. މީރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންވެސް އެބަ ޗާޖްކުރޭ. މީރާގައި ރަޖިސްޓާ ނުކުރާ ފަރާތްތަކުން އެ ޗާޖްކުރާ އެ ފައިސާއަކީ ދައުލަތަށް ލިބޭނެ ފައިސާއެއްވެސް ނޫން،" އުޝާމް ވިދާޅުވި އެވެ.
އަގު ނުނެގޭ ކޮތަޅުތަކުގެ ތެރޭގައި ރޯ މަސް ވިއްކާ ކޮތަޅު ހިމެނުނު ނަމަވެސް އެ ކޮތަޅުން އަގު ނަގާ މައްސަލައާއި، ބައެއް ވިޔަފާރިތަކުން ފޮތި ކޮތަޅުން އަގު ނަގާ މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ.

އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކޮތަޅަށްވުރެ ބޮޑަށް ކަނޑުތަކަށް ގެއްލުން ދެނީ ޕްލާސްޓިކް ފުޅިންނެވެ. "އެހެންވީމަ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ކޮތަޅުން އަގު ނަގާއިރުގައި އަޅުގަނޑު ސަރުކާރާ ކޮށްލަން ބޭނުންވާ ސުވާލަކީ ކީއްވެތޯއޭ ރާއްޖޭގައި އަދިވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި މަނާ ނުކުރަނީ،" އުޝާމް ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ