ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން، ހައްޖު ނުވަތަ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައި އެނބުރި ރާއްޖެ އަންނަ މީހުން ބަލިޖެހިފައިވާނަމަ އެޅޭނެ ފިޔަވަޅުތަކާއި، އަދި ބަލިން ރައްކާތެެރިވުމަށް އެޅޭނެ ފިޔަވަޅުތައް ތަފުސީލުކޮށް ކިޔައިދީފިއެވެ.
އެގޮތުން، ޓުވިޓާގައި އެ މުއައްސަސާއިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ހައްޖުން އެނބުރި އަންނަ މީހުން އަރިދަފުސް ރޯގާ އަދި ވައިރަލްހުމަށް ރާއްކާތެރިވުމަށް ސަމާލުކަންދޭންޖެހެނީ ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާ ނުވަތަ އެހެން އެއްވެސް ގޮތަކުން ވައިރަސް ފެތުރޭ ކަހަލަ ކަމެއް ކުރާއިރު އަނގަމައްޗާއި އަދި ނޭފަތް ނިވާކުރުން، ޓިޝޫޫ ނުވަތަ ރުމާ ކޮޅު ފަދަ ނޭފަތް ފޮޅާ އަނގަމަތި ނިވާކުރަން ގެންގުޅޭ ތަކެތި ރައްްކާތެރިގޮތުގައި ގެންގުުޅުމައްފަހު ޒިންމާދާރުގޮތަކަށް ނައްތާލަން ބުނުމުގެ އިތުރުން، ރަނގަަޅަށް ސައިބޯނި ލަައިގެން ރައްކާތެރިވަރަކަށް އަތް ދޮވުމަށް އިލްތިމާސްކުރިއެވެ. ހަމައެއާއިއެކު، ދަތުރު މަތީގަޔާއި އަދި އެހެނިހެން ވަގުތުތަކުގައި މާސްކް އެޅުމަށް ހަނދާން ކުރުމަށް ބުންޏެވެ.
އޭގެ އިތުރުން، އެފަދަ ރޯގަލުގެ އަލާމާތްތައް އަމިއްލަ މީހާގެ ގައިން ފެންނަނަމަ، މީހުން އެއްވެފާ، އަދި ހާއްސަކޮށް މުސްކުޅިންނާއި ކުޑަކުދިން އެއްވެފާ ތިބޭ ތަންތަނަށް ނުދިއުަމަށް ސަމާލުވާން ބުންޏެވެ.
އެޗުޕީއޭއިން އިތުރަށް އިލްތިމާސްކުރިގޮތުގައި، ހައްޖު ނުވަތަ އުމްރާގެ އަޅުކަން ފުރިހަމަކޮށް އެނބުރި ރާއްޖެ އަންނަތާ 2 ހަފްތާ ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލާން އުނދަަގޫވެ ނުވަތަ މޭގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ބުންޏެވެ. އަދި ޑޮކްޓަރު ގާތުގައި ހައްޖަށް ނުވަތަ އުމްރާ ކުރި ވާހަކަ ހިއްސާކުރަން އެ މުއައްސަސާއިން ބުންޏެވެ.
ޑޮކްޓަރަށް ދެއްކުމަކީ އެންމެ ބުއްދިވެރިގޮތްކަމުުގައި ވިޔަސް، ގޭގައި އެފަދަ ބަލިތަކަށް ދެވޭނެ ފަރުވާގެ މައުލޫމާތު އެޗުޕީއޭއިން ހިއްސާކުރިއެވެ. އެގޮތުން، ފެން، މޭވާ ނުވަތަ ތަރުކާރު ފަނި ފަދަ ދިޔާތަކެތި ގިނަގިނައިން ބޭނުންކުރުން، ރަނގަޅަށް އަރާމުކުރުން، ހުންގަދަވާނަމަށް އާދައިގެ ތާފަނާ ފެން ގައިގައި ހޭކުން، އަދި ބޭސް ފަރުވާ އަމިއްލައަށް ކުރާއިރު ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދަން އިލްތިމާސްކުރިއެވެ.