ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ، މެޓު އޮފީހުން މެދު ރާއްޖެތެރެއާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރުމުގެ އިތުރުން، ބައެއް އެހެން ރަށްތަަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފިއެވެ.
އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަަސަރު ކުރާނެކަމަަށް މެޓު އޮފީހުން ލަފާކުރުމުގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދު ބާރުމިނުގަ ވައިޖެހޭނެކަމަށް ބުންޏެވެ. ވައިގެ ބާރުމިން މަޑުވުމުގެ ސަބަބުން ކަނޑުމަތިވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓު އޮފީހުން ފާހަގަކުރިއެވެ.
ކުރިއަަށް އޮތް ރާއްޖޭގެ މޫސުމް ލަފާކުރުމުގެ އިތުރުން، މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއަށް ކުރި ބޯ ވިއްސާރައިން، އެންމެ ބޮޑަށް ވާރޭވެހި ފެންބޮޑުވިކަމަށް ރެކޯޑް ކުރި ރަށްތައްވެސް އެ އިދާރާއިން ހިއްސާކުރިއެވެ.
އެގޮތުން، އެންމެ ބޮޑަށް ވާރޭވެހުނުކަމަށް މެޓު އޮފީހުން ބުނަނީ ހުޅުލެއަށް ކަމަށެވެ. އެއީ އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 ގެ ނިޔަލަށް 32.6 މިލިމީޓަރުގެ ވާރޭކަަމަށް ތަފްސީލްކުރިއެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނުަކަމަށް މެޓު އޮފީހުން ބުނަނީ އައްޑޫ ސިޓީ ގަމަށްކަމަށާއި، ތިން ވަނައަށް މިދިޔަ 24 ގަޑިއިރު ތެރޭގައި އެންެމެ ބޯކޮށް ވެހުނީ މާލެއަށް ކަމަށެވެ. އައްޑޫ ސިޓީ ގަމަށް 17.7 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މާލެއަށް ވެހުނީ 10.1 މިލިމީޓަރެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫއަށް 6.2 މިލިމީޓަރުގެ ވަރޭވެހުނެވެ. އަދި ހުޅުމީދޫއަށް 2.2 މިލިމީޓަރުގެ، އަދި އއ. ތޮއްޑޫއަށް 1.8 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.