ދިވެހި ދައުލަތައް ގިނަ ފާހަގަކޮށްލެނިވި ހިދުމަތްތަކެއް ކުރެއްވި އާދަމް މޫސާ (ބުޗާގެ ދޮން މަނިކު) އަވަހާރަވެއްޖެއެވެ.
92 އަހަރުގައި ބުޗާގެ ދޮން މަނިކު އަވަހާރަވީ ރޭ ފަތިހު 04:45 ގައި އޮސްޓުރޭލިއާގެ ބިސްބްރޭންގައެވެ. އެ މައުލޫމާތު އާންމުންނާއި ހިއްސާކުރެއްވީ އެބޭފުޅާގެ ދަރިކަނބަލުން، ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.
43 އަހަރު ވަންދެން ދިވެހި ދައުލަތުގެ ހިދުމަތުގައި އުޅުއްވި ބުޗާގެ ދޮން މަނިކު ފާއިތުވި 8 އަހަރު ވަންދެން ދިރުއުޅުއްވަމުން ގެންދެވީ އޮސްޓުރޭލިއާގައެވެ.
މާޒީގައި އެބޭފުޅާ ހިދުމަތުގައި އުޅުއްވި ދުވަސްކޮޅު އަދާކުރެއްވި ޒިންމާތަކަށް ބަލާއިރު، މަހްކަމަތުލް އަމާންއާއްމު އޮފީސް ކަތީބުކަން، ހަމަ އެ އޮފީހުގެ ސެކްރެޓެެރީކަން، ތަހުގީގު ކޮމެޓީގެ ސެކްރެޓެރީކަން، އަދި އެ ކޮމެޓީގެ ހިންގާ ސެކްެޓެރީކަން ހިމެނެއެވެ. މީގެ އިތުރުން، ވުޒާރަތުލް ދާހިލިއްޔާގެ ހާއްސަ ވަކީލުކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނެންސް ޑިވިޝަންގެ ވަކީލު ކަމާއި، ޕޯސްޓް އޮފީސްގެ ޕޯސްޓް މާސްޓަރގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބަލް ޑިޒީސް ޑިވިޝަންގެ ވަކީލު ކަމާއި، މެރިން ޑިވިޝަންގެ ވަކީލު ކަމާއި، ރ. އަތޮޅުގެ ވެރިޔާގެ މަގާމާއި، އެއިރު ސަރުކާރުގެ އެކި މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ފިލްމް ސެންސަރ ބޯޑު ޗެއާމަން ކަމުގެ މަގާމު ދެ އަހަރު ވަންދެން ފުރުއްވާފައި ވެއެވެ
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިދާރާގައި ހުރި ލިޔެކިޔުންތަކުގައި، 43 އަހަރު، 6 މަސް އަދި 3 ދުވަސް ވަންދެން ބުޗާގެ ދޮން މަނިކު ދިވެހި ދައުލަތައް ހިދުމަތް ކުރެއްވުމުގައި އުޅުއްވިކަމަށް ތަފްސީލްކޮށްދެއެވެ.
އެބޭފުޅާގެ ދަރިކަނބަލުން، އިރުތިޝާމް، އެބޭފުޅާ ނިޔާވިކަން ހާމަކޮށްދިނުމުގެ އިތުރުން "ދިވެހި ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާ، ގައުމަށް ވަރަށް އިހުލާސްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެއް، ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން އޭނާގެ ހިދުމަތްތައް ހަނދާން ހުންނާނެ" ކަމަށް ވިދާޅުވިއެވެ.