މ.މަޑުއްވަރީ ސުކޫލުގައި ޕްރީސުކޫލު ޓީޗަރެއް އަދި ދިވެހި ކިޔަވައިދޭން ޓީޗަރެއް ނެތި އެތައް މަސްތަކެއް ފާއިތުވެފައިވާތީ ބެލެނިވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑުވެއްޖެއެވެ.
މަޑުއްވަރީ ސުކޫލުގެ ގުރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިޔަކު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުނެފައިވަނީ ގުރޭޑު 7، 8، 9، 10 ގައި ކިޔަވާ ދަރިވަރުންނަށް ދިވެހި މާއްދާ ކިޔަވައިނުދެވޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. "ދިވެހި ޓީޗަރު ޕްރީ ސުކޫލު ކުދިންނަށްވެސް ކިޔވައިދެނީ. އެހެންވީމައި ދިވެހި ރަނގަޅަށް ކިޔަވައިނުދެވި އެތައް ދުވަހެއް ފާއިތުވެއްޖެ،" ބެލެނިވެރިޔާ ބުންޏެވެ.
އިތުރަށް އޭނާ ބުނެފައިވަނީ ޕްރީ ސުކޫލު ޓީޗަރެއް ނެތިގެން ޓީޗަރެއް ނެގުމުގެ ހުއްދައަށް ސުކޫލުން ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައި އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ސުކޫލަށް ޕްރީ ސުކޫލު ޓީޗަރަކު ނަގަން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުދޭކަމަށެވެ. އަދި ދިވެހި ޓީޗަރަކު ނެގުމުގެ ހުއްދައަށްވެސް ސުކޫލުން އެދިގެން އުޅޭތާ އެތައް މަހެއްވެފައިވާއިރު އެ ހުއްދަވެސް މިިނިސްޓްރީން ނުލިބޭ ކަމަށެވެ.
"އޯލެވެލް އިމްތިހާނު ބޯމަތިވަނީ އަދިވެސް ކުދިންނަށް ރަނގަޅަށް ދިވެހި ކިޔަވައިނުދެވޭ. ދެން ބެލެނިވެރިން ކިހިނެއް ހަދަންވީ؟ މިހެން މިކަން ދިޔައީމައި އޯލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް ކިހާ ބޮޑު ގެއްލުމެއް މި ލިބެނީ؟،" ބެލެނިވެރިޔާ ބުންޏެވެ.
ބެލެނިވެރިން ބުނި ގޮތުގައި މިފަދައިން ސުކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުޖެހި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުންތައް ހުރިހާ ތަފުސީލަކާއެކު އެ ދާއިރާގެ މަޖިލިސް މެންބަރާވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދިވެސް މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާކަން އޭނާ ފާހަގަކުރިއެވެ.
މިފަދައިން ވަރަށް ގިނަ ރަށްތަކުގައި ބޭނުންވާ މިންވަރަށް ޓީޗަރުން ނެތުމުގެ ސަބަބުން ކިޔަވައިދިނުމަށް ދަތިތަކެއް ކުރިމަތިވާތީ ބެލެނިވެރިން އަންނަނީ ޝަކުވާކުރަމުންނެވެ. ކޮންމެ ދިރާސީ އަހަރެއް ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ސުކޫލުތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަޖެހިފައިވާކަމަށް ބުނެ މީޑިއާއަށް މައުލޫމާތު ދެމުންނެވެ.