އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއަށް ރަނާއި ހަތިޔާރު ވަގުފާރުކުރިކަމަށް ތުހުމަތުކޮށް އުރުދުނުގެ ބަރުލަމާނުގެ މެންބަރެއް އިސްރާއީލުން ހިފަހައްޓާފައިވާކަމަށް އުރުދުނުގެ ޚާރިޖީވުޒާރާއިން ބުނެފިއެވެ.
އުރުދުން ކޯރު ކައިރިން އިސްރާއީލާއި އުރުދުން ބޯޑަރު ސަރަހައްދު ހުރަސްކޮށް އިސްރާއީލުގެ ސަރަހައްދަށް ކާރެއްގައި ވަދެވަޑައިގެންނެވި އުރުދުނުގެ ބަރުލަމާނުގެ މެންބަރެއްކަމަށްވާ އިމާދުލް އަދުވާން އިސްރާއީލުން ހައްޔަރުކޮށް ސުވާލުކުރަމުންދާކަމަށް އުރުދުނުގެ ޚާރިޖިއްޔާގެ ތަރުޖަމާން ސިނާ މަޖާލީ އާދީއްތަދު ދުވަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަފުސީލުތައް ދެނެގަނެ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އެޅުމަށް އުރުދުނުގެ ޚާރިޖިއްޔާއާއި އިތުރު އިދާރާތަކުން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާކަމަށްވެސް މަޖާލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެދެއްވި ގޮތުގައި އަލްއަދުވާން ހައްޔަރުކޮށް ސުވާލުކުރަމުންދަނީ ގިނަ އަދަދެއްގެ ރަނާއި ހަތިޔާރު ހުޅަނގު އައްސޭރިއަށް އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލައަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީވުޒާރާއިން މިހާތަނަށް އެއްވެސް ވާހަކައެއް މީޑިއާއާ ދައްކާފައިނުވެއެވެ. އަދި އެއްވެސް ތަފުސީލެއް ހާމަނުކުރެއެވެ.
އުމުރުފުޅުން 35 އަހަރުގެ އަލްއަދުވާނަކީ އުރުދުނުގެ ބަރުލަމާނުގެ ފަލަސްޠީނާ ބެހޭ ކޮމިޓީގެ މެންބަރުކަން ކުރައްވާ ބޭފުޅެކެވެ.
އަަލްއަދުވާނުގެ ހައްޔަރާ ގުޅިގެން އިސްރާއީލުގެ އިދާރާއަކުން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ޞިހުޔޫނީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އަލްއަދުވާން ހައްޔަރުކުރީ މަލިކު ހުސައިން ބުރިޖުން ހުޅަނގު އައްސޭރިއަށް ވަދެވަޑައިގަންނަވަނި ކޮށެވެ.
އަދި މި މައްސަލައާ ގުޅިގެން އިސްރާއީލާ ދެކޮޅަށް އަޑުއުފެއްލެވުމަށް މަޝްހޫރު އުރުދުނުގެ ސިޔާސީ ލީޑަރެއްކަމަށްވާ ޚަލީލް ޢަޠިއްޔާވަނީ އިސްރާއީލާއި އުރުދުންގެ މެދުގައިވެފައިވާ ސުލްހައިގެ އެއްބަސްވުން އުވައިލުމަށް އަޑުއުފުއްލަވައި ކެމްޕޭނެއް ފަށާފައެވެ.
"އުރުދުނު މީހުންގެ އިއްޒަތާއި ކަރާމަތަށް ގެއްލުންވާ ގޮތަށް އުރުދުނުގެ ބަރުލަމާނުގެ މެންބަރަކު ހައްޔަރުކޮށް ބަންދުކުރުމަށް ދުޝްމަނަށް [އިސްރާއީލަށް] ފުރުސަތު ދެވިގެންނުވާނެ،" ޢަޠިއްޔާ ވިދާޅުވިއެވެ.