Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ ޕެޓީ ކޭޝް ބައެއް މުވައްޒަފުންގެ އަމިއްލަ ޚަރަދުތަކަށް ބޭނުންކޮށް ބޮޑު ޚިޔާނާތެއް ހިންގި ގޮތް

ނިހާދުއާއި ފެނަކަ ޚިޔާނާތުގައި އިސްކޮށް ހުރި ސާތިޝް އަދި އޭނާގެ ބައްޕަ

ފެނަކަ ކުންފުނީގެ ބައެއް މުވައްޒަފުން އެ ކުންފުނީގެ އެކި މަޝްރޫޢުތައް ހިންގާ ސައިޓްތަކުގައި ބޭނުންކުރުމަށް ބަހައްޓާފައި ހުރި ޕެޓީ ކޭޝް އަމިއްލަ ޒާތީ ޚަރަދުތަކަށް ބޭނުންކޮށް ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފަޅާއެރި ނަމަވެސް އެ މުވައްޒަފުންނާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ހާމަވެފައިވެއެވެ.

ނަމަވެސް މި ޚިޔާނާތްވެފައިވާ ގޮތާއި، އެ ފައިސާ ނެގި ގޮތުގެ ތަފުސީލުތައް މިހާތަނަށް ހާމަވެފައިނުވެއެވެ. ފެނަކަ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ބައެއް މުވައްޒަފުން ހިންގި މި ޚިޔާނާތުގެ ތަފުސީލުތައް ހިމެނޭ ރިޕޯޓެއް "ދިޔަރެސް"އަށްވަނީ ލިބިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޕެޓީ ކޭޝަން ނަހަމަ ގޮތުގައި ބޭނުންކޮށް އެ ފައިސާއަށް ޚިޔާނާތްތެރިވެފައިފަނީ ފެނަކަ ހެޑް އޮފީހުގެ އިސްވެރިންގެ މަޤާމުގައި ތިބި ދެ މުވައްޒަފެކެވެ. އެއީ ޑެޕިއުޓީ ޑިރެކްޓާ އަޙްމަދު ސާތިޝް ސައީދާއި ސީނިއާ އިންޖިނިއާ މުޙައްމަދު އާސިދެވެ. ސާތިޝްއަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދަށް ބޮޑުބޭބެ ކިޔާ މީހެކެވެ. އާސިދަކީ ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދުގެ ވަރަށް އަރިސް މުވައްޒަފެއްކަމަށް ފެނަކައިގެ މުވައްޒަފުން މައުލޫމާތު ދެއެވެ.

މި ދެމީހުން މިފަދައިން ޕެޓީ ކޭޝްއިން ވައްކަންކުރީ އައްޑޫ ޕްރޮޖެކްޓު ސައިޓުގައި މަސައްކަތްކުރި ނާފިޢާ އަޙުމަދަށް މަޤާމުގައި ދެމިހުރެވޭނީ ވެރިން އަންގާ ގޮތަށް ހަދައިގެންކަމަށް ބުނެ ބިރުދައްކައިގެންކަމަށް ނާފިޢާ ބުނެފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮފީއާއި ސިނގިރެޓު އަދި ޕެޓްރޯލު ޚަރަދަށް ޕެޓީ ކޭޝް

"ދިޔަރެސް"އަށް ލިބިފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސާތިޝް އަދި އާސިދު އައްޑޫގެ މަޝްރޫޢު ކުރިއަށްދާ ގޮތް ވިލަރެސްކުރުމަށް އައްޑޫ ސިޓީގައި ތިބި ދުވަސްވަރު އެމީހުންގެ ކޮފީއާއި، ކެއުމާއި ސިނގިރެޓާއި، އެ ނޫން ކަންކަމަށް ހިނގާ ޚަރަދުތައް ހަމަޖައްސަމުންދިއައީ ޕެޓީ ކޭޝްއިން ފައިސާ ނަގައިގެންނެވެ.

އެގޮތުން 12 ޖަނަވަރީ 2023 ގައި ސައި، ކޮފީ އަދި ޕެޓްރޯލު ބިލުތަކެއް ފޮނުވައި ޕެޓީ ކޭޝްއިން 2،500 ރުފިޔާ ނަގާފައިވާކަން ނާފިއާއާއި ސާތިޝްގެ މެދުގައި ވަޓްސްއަޕުން ކުރެވުނު މުއާމަލާތުން ފެނެއެވެ. ރިޕޯޓުގައި މިފަދަ ގިނަ އަދަދެއްގެ މުއާމަލާތުގެ ސްކްރީންޝޮޓުތައް ހިމަނާފައިވެއެވެ.

އޭގެ އިތުރަށް ސާތިޝް އައްޑޫއަށް ކުރާ ދަތުރުތަކުގައި އެކޮމަޑޭޝަން ހަމަޖެއްސުމަށްވެސް ފޭކު ބިލުތަކެއް ލައި، އެއަށްވާ ފައިސާ ހަމަޖައްސަން ނާފިޢާއަށް އޭނާ އިރުޝާދު ދީފައިވެއެވެ. އަސްލު ޏޫން ބިލިތަކެއް ލައިގެން 2 ފަހަރަށް ޕެޓީކޭޝަން ރީއެމްބާސްކުރުމަށް ސާތިޝް އިރުޝާދުދީފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓު "ދިޔަރެސް"އަށް ލިބިފައިވާ ރިޕޯޓުގައި ހިމެނެއެވެ.

މިފަދައިން އަމިއްލަ ޚަރަދުކުރުމަށްފަހު ނާފިއާއަށް ސާތިޝްވަނީ ގިނަ އަދަދެއްގެ ބިލުތައް ފޮނުވައި، އެ ބިލުތަކަށްވާ ފައިސާ ކުންފުނީގެ ޕެޓީކޭޝްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެކި ދުވަހުގެ މަތިން އެކި އަދަދުތަކުން މިފަދައިން ފައިސާ ނަގާފައި ހުރިކަން ރިޕޯޓުގައި ހިމަނާފައިވާ ސްކްރީންޝޮޓުތަކުން އެނގެއެވެ. އަދި އެފަދައިން ޝީޝާ ބޮއެފައި އެއަށްވާ ބިލުވެސް ފޮނުވައި ޕެޓީ ކޭޝުން ބިލަށް ޚަރަދުވި ފައިސާ ނަގާފައިވެއެވެ.

އޭގެ އިތުރުން އާސިދު އަންނައުނު ގަތުމަށްފަހު އެއަށްވާ ފައިސާވެސް ޕެޓީ ކޭޝުން ހަމަޖައްސަން ސާތިޝް ނާފިއާ ކިބައިން އެދުމުން އެއަށްވާ ފައިސާ ނާފިއާވަނީ ފެނަކައިގެ ޕޭޓީ ކޭޝުން ސާތިޝްއަށް ފޮނުވާފައެވެ.

އާސިދުވެސްވަނީ އެފަދައިން އަމިއްލަ ޚަރަދުތަކަށް ފޭކު ބިލު ހެދުމަށްފަހު އެއަށްވާ ފައިސާ ސާތިޝްގެ އެކައުންޓަށް ޖަމާކުރަން ނާފިއާއަށް އިރުޝާދުދީފައެވެ. އެގޮތަށް ފައިސާ ޖަމާކުރާއިރު ޖަމާކުރާ އެކައުންޓު ނަންބަރު ބިލުގައި ޖެހުމުން "ކަޑަވާނެ"ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަމިއްލަ ބޭނުންތަކަށް ފެނަކައިގެ ޕެޓީކޭޝް މި މުވައްޒަފުން ބޭނުންކުރަމުންދިޔައިރު އެކަން ނުހުއްޓުވި އެތައް މަސްތަކަށް ދެމިގެންދިޔައެވެ. އަދި އައްޑޫ ޕްރޮޖެކްޓުތަކުގެ އިތުރު އެހެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުންވެސް ގިނަ އަދަދެއްގެ ފައިސާ މިގޮތަށް ވަގަށް ނަގާފައިވެއެވެ. އެކިފަހަރު މަތިން މިފަަދައިން ވަގަށް ނެގި ފައިސާގެ އަދަދު 4 މިލިއަނާ ގާތްކުރާނެކަމަށް ފެނަކައިގެ ބައެއް ވެރިން ލަފާކުރައްވައެވެ.

ވައްކަންކުރީ ފޭކު ބިލުތައް ހުށަހަޅައިގެން

މިފަދައިން ޕެޓީ ކޭޝްއިން ވައްކަންކުރަމުން ގެންދިޔައީ މުޅިންވެސް ފޭކު ސްލިޕުތައް ހުށަހަޅައިގެންނެވެ. ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑިރެކްޓާ އިލްޔާސް ރަޝީދު ތައްޔާރުކުރެއްވި ރިޕޯޓުގައި މި ފޭކު ބިލުތަކާއި އެ ބިލުތަކަށްވާ ފައިސާ ޓްރާންސްފާކުރި ސްލިޕުތައް ހިމަނާފައިވެއެވެ.

ފޭކު ބިލުތަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވާއިރު، މިފަދައިން ގިނަ އަދަދެއްގެ ފައިސާ އައްޑޫ މަޝްރޫޢުތައް ހިންގާ ސައިޓުތަކުގެ އިތުރަށް އެހެން ބައެއް ސައިޓުތަކުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ޕެޓީކޭޝްއިން ނަގާފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އިސްދޫ ކަލައިދޫ ސެންޓްރަލް ޕަވާހައުސް މަޝްރޫޢާއި، ތ.ވޭމަންޑޫ ޕަވަހައުސް މަޝްރޫޢާއި އައްޑޫ ސީޕީއެސް މަޝްރޫޢު ފަދަ މަޝްރޫޢަތަކުން ގިނަ އަދަދަކަށް ފޭކު ބިލު ހުށަހަޅައިގެން އެ ފައިސާ އެކި ދުވަސްތަކެއް ނަގާފައިވެއެވެ. އެގޮތުން ހަމައެކަނި އެންމެ ސައިޓަކުން 20،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

ފެނަކައިގެ ރިޕޯޓުގައި ހިމަނާފައިވާ ސްކްރީން ޝޮޓުތަކަށް ބަލާއިރު ގޯޕްރޮކިއު ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ހުށަހެޅި ފޭކު ބިލުތަކަކަށް ޖުމްލަ 30،000 ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ފެނަކައިގެ ޕެޓީކޭޝްއިން ނަގާފައިވެއެވެ.

މަނަސް ހާޑުވެއާގެ ނަމުގައި ހުށަހެޅި ފޭކު ބިލުތަކަކަށް 13363 ރުފިޔާ ޕެޓީ ކޭޝްއިން ނަގާފައިވާކަން އެނގޭނެ ބިލުތަކާއި އެ ބިލުތަކަށްވާ ފައިސާ ސާތިޝްގެ އެކައުންޓަށް ޖަމާކުރިކަން އެނގޭ ސްލިޕުގެ ސްކްރީންޝޮޓުތައް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.

ވައްކަން ފޮރުވަން ޗެޓުލޮގުތައް ޑިލީޓުކުރަން ބާރުއެޅުން

މިފަދައިން ޕެޓީކޭޝްއިން ބޮޑެތި އަދަދުތަކުން އޮޅުވާލައިގެން ފައިސާ ވަގަށް ނަގަމުންދާތީ އެކަމާ ހިތްހަމަނުޖެހިގެން ނާފިއާ އުޅެެން ފެށުމުން ހުރިހާ ޗެޓުލޮގެއް ޑިލީޓުކުރުމަށް ސާތިޝް ނާފިއާ ކިބައިން އެދެއެވެ.

ސާތިޝްއާ ގާތްގުޅުމެއް އޮންނަ ފެނަކައިގެ އަންހެން މުވައްޒަފެއްކަމަށްވާ މަނާލު ކައިރީގައި އޭނާ ޕެޓީ ކޭޝްއިން ފައިސާ ނެގިކަމަށާއި އެ ފައިސާ ނުނެގުނުނަމައޭ މިހާރު ހިތަށް އަރާކަމަށް ބުނެ ވާހަކަދެއްކިކަމަށް މަނާލު ނާފިއާ ކައިރީ ބުނެފައިވާ ސްކްރީން ޝޮޓުތައްވެސް ފެނަކައިގެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މަނާލުގެ ވާހަކަތަކުގައި އޭނާ އިތުރަށް ފާހަގަކޮށްފައިވަނީ ސާތިޝް އޭނާގެ ފޯނުގައި ހުރި މި މުއާމަލާތްތަކާ ގުޅޭ ޗެޓުލޮގުތައް ޑިލީޓުކޮށްފައިވާ ކަމަށެވެ. އަދި ނާފިއާވެސް ޗެޓުލޮގުތައް ޑިލީޓުކުރުމަށް ސާތިޝް އެދޭކަމަށެވެ.

އެމްޑީ ސައީދު އޯކޭ، މައްސަލަ ހިންދައިލާނެކަމުގެ ޔަގީންކަން

ސާތިޝްއާ ހަވާލާދީ މަނާލު ދެއްކި ވާހަކައިގެ ތެރޭގައި އޭނާ ބުނެފައިވަނީ މި މައްސަލަ އެމްޑީ ހިންދައިލާނެކަމަށް ސާތިޝް ބުނެފައިވާ ކަމަށެވެ. "މިއަދުގެ ކުރިން ވީކަމެއް އެމްޑީ ހިންދައިލާނެއޯ،" ސާތިޝް ބުނިކަމަށް މަނާލު ބުނެފައިވެއެވެ.

މި ޚިޔާނާތުގައި އެންމެ އިސްކޮށް ހުރި އެމްޑީ ސައީދުއާ ގާތް ގުޅުމެއް އޮންނަ އާސިދުގެ ވާހަކަތަކުންވެސް އެކަން އެމްޑީއަށް އެނގިވަޑައިގެން ފިޔަވަޅުނާޅުއްވައި މައްސަލަ ހިންދަވައިލައްވަން މަސައްކަތްކުރައްވާކަން ދޭހަވެއެވެ.

ޑިޕާޓުމެންޓުގެ ޑިރެކްޓާ އިލްޔާސް ނާފިއާއާ ސުވާލުކުރިކުރުމާ ގުޅިގެން އާސިދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނާފިއާއާ އިލްޔާސް ސުވާލުކޮށްފިނަމަމ އެމްޑީއާ ސުވަލުކުރަން ބުނުމަށެވެ. އަދި ސާތިޝްއާއި މި ޚިޔާނާތުގައި ބައިވެރިވާ އެހެން މީހަކާވެސް މިކަމާމެދު ސުވާލުކޮށްފިނަމަ އެމްޑީއާ ސުވާލުކުރަން ބުނަން އެމްޑީ އިރުޝާދުދެއްވާފައިވާ ކަމަށް އާސިދު ބުނެފައިވެއެވެ.

އޭގެ އިތުރަށް އާސިދު ބުނެފައިވަނީ އެ މައްސަލަ ބޮޑުކަމަކަށް އިލްޔާސް ހެދުމުން ހަމައެކަނި ކުޑަކޮށް ރިއެކްޓްކޮށްލީ ކަމަށް އެމްޑީ ވިދާޅުވި ކަމަށެވެ. މިފަދަ ކަމެއް ދެން ތަކުރާރުނުކުރުމަށް ނާފިއާ ނަސޭހަތްދިނުމުން އާސިދު ބުނެފައިވަނީ "އަދި އޮތީ ކުރިއަށް" ކަމަށެވެ.

ހަމައެހެންމެ މިފަދައިން ކަންކަން ކުރަމުންއައީ އެމްޑީ އަންގައިގެން ނޫންތޯ އެމްޑީއާ ސުވާލުކުރިކަމަށްވެސް އާސިދުގެ މެސެޖުގައި ފާހަގަކުރިއެވެ.

މިވައްކަން ފަޅާއެރުމުން މި ވައްކަމުގައި ޝާމިލުވި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވެއެވެ. އެ މުވައްޒަފުން ޑިޕާޓުމެންޓު ބަދަލުކޮށް، އެކަކު މަޤާމުގެ ފެންވަރު ދަށްކުރި ނަމަވެސް މިފަދަ ޚިޔާނާތުގެ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވެއެވެ.

ފެނަކައިގެ އިސްވެރިޔަކު ނަންނުޖެހުން ޝަރުތުކޮށް ބުނީ ސާތިޝްއާމެދު ފިޔަވަޅުނާޅާ މައިގަނޑު ސަބަބަކީ އެމްޑީ އަޙްމަދު ސަޢީދާއި މެންބަރު ނިހާދާ ދެމެދުގައި އޮންނަ ނުކިއްސަރު ގުޅުމެކެވެ. އަދި އާސިދަށް ފިޔަަވަޅުނާޅާ ސަބަބަކީ ސައީދު އަޑީގައި ހުރެގެން ހިންގާ ނޭނގާނީ ގިނަ ކަންތައްތަކެއް ހިންގުމަށް އާސިދު ބޭނުންކުރާތީއެވެ.

މި ލިއުމާއި ގުޅޭ