ކޯޗު ޒަވީ މިރޭގެ މެޗްޑޭ ސްކޮޑުގައި ހިމެނީ އުމުރުން 15 އަހަރުގެ ވިންގް ލެމީން ޔަމާލް އެވެ. ޔަމާލް އަކީ ބާސެލޯނާގެ މަޝްހޫރު ލަމާސިއާ އެކަޑެމީގެ ކުޅުންތެރިއެކެވެ. މިއަހަރުގެ ޖުލައި މަހު 16 އަހަރު ފުރޭ ޔަމާލް ވެފައިވަނީ ބާސެލޯނާގެ ރަސްމީ މެޗެއްގެ ސްކޮޑުގައި ހިމެނި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
"އެއީ ހުނަރު ހުރި ބާސެލޯނާގައި ކުޅެވިދާނެ ކުޅުންތެރިއެއް. މި ދައްކަނީ ބާސެލޯނާގައި ނަމެއް އުފެއްދޭނެ ކުޅުންތެރިއެއްގެ ވާހަކަ" ޔަމާލްއާ ގުޅޭގޮތުން ޒަވީ ބުންޏެވެ.
ޔަމާލްގެ ބައްޕަ މޮރޮކޯ އަށް ނިސްބަތްވާއިރު މަންމަ އަކީ އިކުޓޯރިއަލް ގިނީ މީހެކެވެ. 2007 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު އުފަންވި ޔަމާލް އަންނަނީ އުމުރުން ފަސް އަހަރުން ފެށިގެން ބާސެލޯނާގެ އެކެޑަމީގައި ތަމްރީނުވަމުންނެވެ. ސްޕެއިނަށް އުފަންވެ، ޒުވާން ގައުމީ ޓީމުތަކުގައި ޔަމާލް ތަމްސީލުކުރަމުން އަންނަނީ ސްޕެއިން އެވެ. ޔަމާލް ވަނީ ސްޕެއިންގެ 15، 16، 17 އަދި 19 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.
ޔަމާލްގެ މިހާރުގެ އުމުރަކީ 15 އަހަރާއި 285 ދުވަހެވެ. މިރޭގެ މެޗުގައި ކުޅެފިނަމަ އޭނާ ވެގެންދާނީ ބާސެލޯނާގެ ތާރީހުގައި ރަސްމީ މެޗެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިހާރު އެ ރެކޯޑް އޮތީ 1992 ވަނަ އަހަރުގެ އޭޕްރީލް މަހު ބާސެލޯނާގެ ސީނިއާ ޓީމު ތަމްސީލުކުރި އާމަންޑް މާޓިނޭޒް އަތުގަ އެވެ. އޭރު އެނާގެ އުމުރަކީ 15 އަހަރާއި 11 މަހެވެ.
ޒަވީ އަކީ ވެސް ބާސެލޯނާގެ އެކެޑަމީ އިން ތަމްރީނުވެގެން އައިސް އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ޒަވީ ބުނީ ޔަމާލް އާއި އެހެން ކުޅުންތެރިން އަޅާކިޔުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ އަށް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެކަމަކު ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ބާސެލޯނާ އަށް ނަތީޖާ ނުނެރެވުނެވެ. ލީގު ނިމުމަކާ ގާތްވެފައިވާއިރު މިރޭ އެތުލެޓިކޯ އަތުން މޮޅުވެގެން ބާސެލޯނާ އަށް ލީގުގެ އެއްވަނައިގައި ފަރަގު ބޮޑުކުރެވޭނެ އެވެ.
ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗު ފަށާނީ މިރޭ 7:15 ގަ އެވެ.