Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

އާބަންކޯގެ އިސްވެރިންނަށް ފުލެޓު ބަހަން ނިންމި ވާހަކަ ފަޅައިއެރުމުން ދޮގުކޮށްފި

އާބަންކޯގެ އިސްވެރިންނަށް ހެޔޮ އަގުގައި ފުލެޓު ވިއްކަން ނިންމިކަން ފަޅާއަރައި އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އެ ކުންފުނިން އެވާހަކަތައް ދޮގުކޮށްފިއެވެ.

އާބަންކޯއިން މި މަހުގެ 20 ވަނަ ދުވަހުގައި މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި 34 ފުލެޓެއް ވިއްކަން ނިންމައި އެ ފުލެޓުތައް ވިއްކާ އަގު އާންމުކުރިއެވެ. އަދި އެ ފުލެޓުތަކުގެ އަގު 12 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް ވިއްކަން ނިންމާފައިވާކަން އިއުލާނުކުރިއެވެ.

އެކަން މީސްމީޑިއާއަށް ފެންމަތިވެ އެ ފުލެޓުތައް ވިއްކަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓެއްވެސް ޓުވިޓާގައި ދައުރުވާން ފެށިއެވެ. އެއާއެކު އާންމުންގެ ފާޑުކިޔުން އާބަންކޯއަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

މިއަދު އާބަންކޯއިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ 34 ފުލެޓަކީ ފާއިތުވި އަހަރު އާބަންކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢުގެ ތެރެއިން ނުވިކި ބާކީވި 34 ފުލެޓު ކަމަށެވެ.

އެ ސުކީމު ހުޅުވައިލާ ހިންގިތާ އަހަރު ދުވަސްވީއިރުވެސް ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެ ސުކީމަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބި ތިކަމަށާއި، އެހެންކަމުން އެ 34 ފުލެޓު ވިއްކަން އާބަންކޯއިން ފުރުސަތު ހުޅުވައިލީކަމަށާއި އެ ފުރުސަތު ހުޅުވައިލުމުން 800 އަށްވުރެ ގިނައި ޝަރުތު ފުރިހަމަވާ މީހުން އެ ފުލެޓު ގަންނަން ކުރިމަތިލި ކަމަށެވެ.

ނަމަވެސް ފާހަގަކުރެވޭ ގޮތުގައި މި 34 ފުލެޓަށް ކުރިމަތިލާން ހުޅުވައިލާ ކުރި އިއުލާނުގައި އެ ފުލެޓުތަކަށް ޝަރުތުތަކުގެ ތެރޭގައި އެ ކުންފުނީގެ ޑިރެކްޓަރެއްކަމުގައިވުން ހިމަނާފައިވާ ކަމެވެ. އަދި ބޭންކުތަކުން ދޫކުރާ ހައުސިން ލޯނުތަކަކީ ކުރު މުއްދަތުގައި އަގު އަދާކުރަންޖެހޭ ލޯނެއްނަމަ އެ ލޯނުތައް ހަމަޖެހޭނީ ނިސްބަތުން ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް ކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން ސަރުކާރު ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ހައުސިން މަޝްރޫޢުތަކުގައި ކުންފުނީގެ ޑިރެކްޓަރުންނާއި ބޯޑުގެ މެންބަރުންނަށް ހައުސިން މަޝްރޫޢަށް ކުރިމަތިނުލެވޭނެ ގޮތް ހަދައެވެ.

ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ބޯޑުތަކުގެ މެންބަރުންނަކީ ސަރުކާރު ބަދަލުވުމާއެކު މަޤާމުތަކަށް ބަދަލު އަންނަ ސިޔާސީ ގޮތުން އައްޔަންކުރެވޭ ފަރާތްތަކެކެވެ.

މި ލިއުމާއި ގުޅޭ