މި އަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ 2 އިންސަތަވެސް އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރުވެސް ލިބިފައިނުވާކަން ހާމަވެއްޖެއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް ހިލޭއެހީގެ ގޮތުގައި 2،462.1 މިލިއަން ރުފިޔާ ނުވަތަ 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރިއެވެ. މި އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ފާއިތުވި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާގެ 14 އިންސައްތަވެސް ލިބިފައިނުވަނީހެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 47.9 މިލިއަން ރުފިޔާއެވެ.
އެއީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ބުނި އަދަދުގެ އެންމެ 1.9 އިންސައްތައެވެ.
ފާއިތުވި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 188.9 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ. އެހެންކަމުން މިއަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނީ ނިމުނު އަހަރަށްވުރެ 141 ރުފިޔާ މަދުންނެވެ.
ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިލޭއެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭނެކަމަށް ސަރުކާރުން ހިމަނައެވެ. އަދި ބަޖެޓުގެ ދަރަނި އަންދާޒާކުރަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ފައިސާ އުނިކުރުމަށްފަހުއެވެ. އެހެންކަމުން އަންދާޒާކުރާ މިންވަރަށްވުރެ އަބަދުވެސް ބަޖެޓުގެ ދަރަނި ބޮޑެވެ.
މި އަހަރުގެ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެެމްއޭއާއި، އޮޑިޓާ ޖެނެރަލް އޮފީހުން ދިން ލަފާގައިވަނީ ބަޖެޓު ތައްޔާރުކުރުމުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ހިމަނާ ފައިސާގެ އަދަދަކީ އިތުބާރުކުރެވޭ ލިބޭނެކަން ޔަގީން އަދަދުތަކެއްކަން ކަށަވަރުކުރަން ސަރުކާރަށް ލަފާދީފައެވެ.
ދުނިޔެއާ ރާއްޖެއާ އޮންނަ ގުޅުން މިއިން ޒަމާނެއްގައި ބަދަހިނުވާ މިންވަރަށް ބަދަހިވެ، ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެފައިވާކަމަށް ސަރުކާރުން ދައުވާކުރި ނަމަވެސް ސަރުކާރުން ލިބޭނެކަމަށް އަންދާޒާކުރާ މިންވަރަށް ހިލޭ އެހީ ނުލިބެއެވެ.