Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ބިންހެލުމުގައި އަސަރުކުރި ސަރަހައްދުތަކުގައި 650،000 ގެދޮރު އަޅާނެކަން ތުރުކީން އިއުލާނުކޮށްފި

މިއަހަރު ތުރުކީއަށް ބިންހެލުންތަކުގައި އަސަރުކުރި ސަރަހައްދުތަކުގައި އެ ޤައުމުން 650،000 ގެދޮރު ބިނާކުރަން ނިންމާފައިވާކަން ތުރުކީ ސަރުކާރުން ބުރާސްފަތިދުވަހު އިއުލާނުކޮށްފިއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ފެބްރުއަރީ 6 ވަަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން މި އަހަރުގެ ބަރަަކާތްތެރި ރަމަޟާން މަސް ތުރުކީގައި ފާއިތުވެގެން ދިޔައީ ހިތްތަކަށް ބުރަކަން އިހުސާސްކުރުވަމުން ކަމަށެވެ. "މި ޤަރުނުގެ ކާރިސާގެ ޒަޚަމްތަކަށް އަޅުގަނޑުމެން ފަރުވާ މިހޯދަނީ މި ޤަރުނުގެ އެއްބައިވަންތަކަމުން،" އޭނާ ވިދާޅުވިއެވެ.

ބިންހެލުމުން އަސަރުކުރި ސަރަހައްދުތަކުގައި 650،000 ގެދޮރު އަޅަން ނިންމާފައިވާކަމަށާއި، އެއިން 507،000 ގެދޮރަކީ ރެޒިޑެންސް ގެދޮރުކަމަށާއި، 143،000 އަވަށުގެތައްކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި އަހަރު ދުވަސް ތެރޭގައި އެއިން 319،000 ގެދޮރު އެ ގެތަކުގެ ވެރިންނަށް ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.

ފިޠުރު ޢީދު ދުވަހުގެ މުނާސަބާތުގައި ދެއްވި ޚިޠާބުގައި އުރުދުޣާން ވިދާޅުވީ ބިންހެލުން އައި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ބައިތައް ނަގައި ބިން ސާފުކޮށް، 100،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތަންތަން ބިނާކުރަން ފަށާފައެވެ.

"ބިންހެލުމުގެ އަސަރުތައް ނެތިކޮށް ނަގަމުންދާ މިންވަރަކުން އެ ސަރަހައްދުގެ ދިރިއުޅުން މަޑުމަޑުން އާންމު ދިރިއުޅުމަށް އަންނަނީ ބަދަލުވަމުން،" އުރުދުޣާން ވިދާޅުވިއެވެ.

އަދި ބިންހެލުމުން ގެއްލުން ލިބުނު ސަރަހައްދުތަކުގެ ސުކޫލުތައް ވަރަށް އަވަހަށް ހުޅުވޭނެކަން ފާހަގަކުރައްވައި އުރުދުޣާން ވިދާޅުވީ ގެއްލުނު ފުރާނަތައް އިއާދަނުކުރެވުނަސް ބިންހެލުމުގައި ގެއްލުންވި ފަރާތްތަކަށް އައު ގެދޮރު ފޯރުކޮށްދީ އެމީހުންނަށް އައު ދިރިއުޅުމެއް ހޯދައިދެވޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަންނަ މަހު އޮންނަ ތުރުކީގެ އާންމު އިންތިޚާބާއި ރިޔާސީ އިންތިޚާބަށް އިޝާރާތްކުރައްވައި އުރުދުޣާން ވިދާޅުވެފައިވަނީ އެ އިންތިޚާބު ކާމިޔާބުކުރައްވައި، ބިންހެލުމުން ގެއްލުންވީ ސަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި މަޑުނުޖެހި ކުރިއަށްދާކަން ކަށަވަރުކުރައްވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ