Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ކުންފުނިތަކުގެ ވެރިން ފުލެޓުތައް ނެގުން ނުހުއްޓުވުމުން އެނގެނީ ސަރުކާރުން ވައްކަމަށް ވާގިދޭ މިންވަރު: އުޝާމް

އާންމުންނަށް ހެޔޮ އަގުގައި ފޯރުކޮށްދޭން ހުރި ފުލެޓުތައް ދައުލަތުގެ ކުންފުނިތަކުގެ ވެރިން ނަގަމުންދާއިރު އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރުމަކީ، ސަރުކާރުން ވައްކަމަށް ހިއްވަރުދޭކަމުގެ ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.

އުޝާމު މިފަދައިން ވިދާޅުވީ އާންމުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ހުރި ފުލެޓުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފުލެޓު އާބަންކޯގެ ވެރިންނަށް ޚާއްޞަކޮށްގެން ވިއްކަން އެ ކުންފުނިން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ހުޅުމާލޭގައި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ތަރައްޤީކުރަމުން އަންނަ ބައެއް ފްލެޓުތަކުގައި އެޗްޑީސީން ކަނޑައަޅާ ކުޑަ އަގެއްގައި ވިއްކުމަށް ވަކި އަދަދަކަށް ފްލެޓު ހުންނަންޖެހެއެވެ. އެ ފްލެޓުތައް ވިއްކަނީ މާކެޓު ރޭޓަށްވުރެ ވަރަށް ބޮޑުތަން އަގުހެޔޮ ކޮށެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް އެކުންފުނިން ފޮނުވި މެމޯއެއްގައި ބުނެފައިވަނީ މިކްސް ރެޒިޑެންޝަލް ޔުނިޓު ތަކުގެ ތެރެއިން ނުވިކި ހުރި ޔުނިޓުތައް އެޗްޑީސީގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލުމަށް ނިންމާކަމަށެވެ. އަދި ފްލެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާނެ މުވައްޒަފުންނަށް ކަމަށް ބުނެފައިވެއެވެ.
މިގޮތުން ޖުމްލަ 34 ފްލެޓެއް މިހާރު ވަނީ އެޗްޑީސީގެ މުވައްޒަފުންނަށް ވިއްކުމަށް ނިންމާފައެވެ. އެ 34 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގެ އެމްޑީއާއި ހުރިހާ ބޯޑު މެމްބަރުން އަދި އިސް މަޤާމުތަކުގައި ތިބި މީހުންނެވެ.

އެ 34 ފްލެޓުގެ ތެރެއިން އެންމެ ބޮޑު ފްލެޓު ގަނެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އާތިފް ގަނެފައިވަނީ އެސްޖޭ ކްރީކް ރެޒިޑެންސްގެ 1271 އަކަފޫޓުގެ 3 ކޮޓަރީގެ ފްލެޓެކެވެ. އެ ފްލެޓުގެ އަގަކީ 2.5 މިލިއަން ރުފިޔާއެވެ.

މާކެޓު ރޭޓަށްވުރެ އެތައް ގުނައެއް ހެޔޮ އަގުގައި މި ފުލެޓުތައް އެ ކުންފުނީގެ ވެރިންނަށް ޚާއްޞަކޮށްގެން ވިއްކަން ނިންމާފައިވާކަން ލިޔެކިޔުންތަކާއެކު ހާމަވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އުޝާމު ވިދާޅުވީ އެފަދައިން ވެރިންނަށް ކުރިން ފުލެޓު ޚާއްޞަކޮށް ބެހީ ސްޓެލްކޯއިން ކަމަށެވެ. މިހާރު އެކަންކުރީ އާބަންކޯގެ ވެރިން ކަމަށެވެ.

"ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ހެޔޮ އަގުގަ ވިއްކުމަށް ހުރި ފްލެޓްތައް ދައުލަތުގެ އެންމެ ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުން މިގޮތަށް ބަހާ ހުސްކުރާއިރު RJ އަދި ސަރުކާރުގެ ވެރިން ހަނު.،" މިފަދަ މައްސަލަތަކާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބަސްފުޅެއް ވިދާޅުނުވާކަން ފާހަގަކުރައްވައި އުޝާމު ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކުގެ ވެރިންނަށް އައްޔަންކޮށްފައިވާ މީހުން މިފަދަ ކަންކަން ކުރަމުންދާއިރު އެކަންކަމާމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރެއްވުމާއެކު، އުޝާމު ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވަން ސަރުކާރު އެއްވެސް ކަމެއް ނުކުރުމުން ދޭހަވަނީ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ވާގިދޭ މިންވަރު ކަމަށެވެ.

މި ލިއުމާއި ގުޅޭ