މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ ފައިސާ ފަޤީރުންގެ އެކައުންޓުތަކަށް އިސްލާމިކް މިނިސްޓްރީން ޖަމާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި އެ މިނިސްޓްރީއަށް ލިބުނީ 9،003،324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު 175,485 މީހުންވަނީ ފިޠުރު ޒަކާތް އަދާކޮށްފައެވެ.
ފަޤީރުންގެ ދަފުތަރުގައި ފިޠުރު ޒަކާތް ޙައްޤުވާ މީހުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވަނީ 8،446 މީހުންކަމަށާއި އެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 1،736 މީހުންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފަޤީރުންގެ ދަފުތަރުގައި މާލެ ސަރަހައްދުން ރަޖިސްޓަރީވެފައިވާ މީހުންނަށް 20 އޭޕްރީލުވީ ބުރާސްފަތިދުވަހުގައި ބޮލަކަށް 3،450 ރުފިޔާގެ މަގުން ފިޠުރު ޒަކާތުގެ ފައިސާ ބަހައި އެ ފަރާތްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
ފައިސާގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބުނިއިރު 29 ރަމަޟާން ނުވަތަ 20 އޭޕްރީލާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން 12،989.3 ކިލޯގެ ގޮވާން ލިބިފައިވާ ކަަމަށާއި، 20 އޭޕްރީލްގެ ނިޔަލަށް ގޮވާމުގެ ގޮތުގައި ލިބުނު ތަކެތިވެސް ފަޤީރުންނަށް ބަހައި ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.