ޕްރޮގްރާމިން ޓާސްކްތަކުގައި އެހީތެރިވުމުގެ ގާބިލްކަން ގޫގުލްގެ ބާޑް ޗެޓްބޮޓްގައި މިހާރު ހުންނާނެކަމަށް ދުނިޔޭގެ ޓެކްނޮލޮޖީ އެންމެ ބޮޑު އެއްކުންފުނި ގޫގުލް އިން ބުނެފިއެވެ.
ގޫގުލް އިން ބުނީ ކޯޑިން އަކީ އެ ކުންފުނީގެ ޔޫޒަރުންގެ އެންމެ މަތީ އެއް ރިކުއެސްޓް ކަމަށާއި މިހާރު ކޯޑް ޖެނެރޭޓް ކުރުމާއި ޑިބަގް ކުރުމާއި އެކްސްޕްލެއިން ކުރުމުގެ ގާބިލްކަން ބާޑް އަށް ލިބިފައިވާ ކަމަށެވެ.
ބާޑްއަށް މިހާރު 20 ޕްރޮގްރާމިންގ ލޭންގުއޭޖްގައި ލިޔެވޭއިރު، އޭގެ ތެރޭގައި ސީ++، ޖާވާ، ޖާވާސްކްރިޕްޓް އަދި ޕައިތަން ހިމެނެއެވެ.
މިހާރު ގޫގުލްގެ އެހެން އުފެއްދުންތަކާ އިންޓަގްރޭޝަން ވެސް ހިމެނޭއިރު، ޕައިތަން އަށް އެކުންފުނީގެ ކްލައުޑް ބެސްޓް ނޯޓްބުކް މާހައުލު ކަމަށްވާ ކޮލަބް އަށް ކޯޑް އެކްސްޕޯޓް ކުރުމުގެ އިތުރުން ޝީޓްސް އަށް ފަންކްޝަންތައް ލިޔުމުގައިވެސް އެހީތެރިވެދެ އެވެ.
ކޯޑް ޖެނެރޭޓް ކުރުމުގެ އިތުރުން، ކޯޑްގެ ސްނިޕެޓްތަކުގެ ތަފްސީލުތައްވެސް ބާޑް އިން މިހާރު މިހާރު ބުނެދޭނެ އެވެ. ވަކިން ޚާއްޞަކޮށް ޕްރޮގްރާމިންގ ދަސްކުރަން ފަށާ ކުއްޖަކަށް ބާޑްގެ މިފަންކްޝަން ވަރަށް މުހިންމުވާނެއެވެ. އަދި ނުބައިކޮށް ކޯޑް ކުރެވިފައި ހުންނަ ސްކްރިޕްޓް ތައްވެސް ބާޑްއިން ރަނގަޅު ކޮށްދޭއިރު އެފަދަ އައުޓްޕުޓް ލިބެނީ ކީއްވެގެންކަންވެސް ބާޑް އިން ބުނެދޭނެއެވެ.
ގޫގުލް ބާޑަކީ ގޫގުލްގެ އޭއައި ރިސާޗް ޓީމުން އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބަހުގެ މޮޑެލް އެކެވެ. މިއީ ޕްރޮމްޕްޓްތަކަށް ރައްދުދިނުމުގެ ގޮތުން އިންސާނުން ފަދަ ލިޔުންތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އަދި ގުދުރަތީ ބަހުރުވަ އުފެއްދުމަށް ގިނަ އަދަދެއްގެ ޑޭޓާގެ މައްޗަށް ތަމްރީނުކުރެވިފައިވާ އެއްޗެކެވެ.
ޗެޓްބޮޓާއި ކޮންޓެންޓް ޖެނެރޭޝަން އަދި މިހާރު ސޮފްޓްވެއާ ކޯޑް ޖެނެރޭޝަން ފަދަ ތަފާތު އެޕްލިކޭޝަންތަކަށް ބާޑް ބޭނުންކޮށްފައިވެ އެވެ. ކޯޑުގެ ގުދުރަތީ ބަހުގެ ތަފްސީލުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ބާޑްއަކީ ޑިވެލޮޕަރުން ކޯޑް ލިޔާ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސް ކޯޑިން ޕްރޮސެސް ވަރަށް ބޮޑަށް ފަސޭހަކުރުމުގެ ގާބިލުކަން ބާޑް އަށް ލިބިގެންވެއެވެ.
މިދާއިރާގެ ތަޖްރިބާކާރުން ވިދާޅުވަނީ މި ޓެކްނޮލޮޖީގެ އަސަރުތަކަކީ ދުރުރާސްތާއެއް ކަމަށާއި މިއީ އޭއައި އާއި މެޝިން ލާނިންގެ ރޮނގުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.