Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

ބިމެއްގެ ބަދަލުގައި، ރީކޯ މޫސަ ކުންފުނިން ނުދައްކާހުރި ފައިސާއިން 12.5 މިލިއަން މައާފުކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގާތް އެކުވެރިޔާ ރީކޯ މޫސާމަނިކުގެ ހެވޯ ލޯޑް މޯލްޑިވްސްއަށް ތިލަފުށިން ދޫކޮށްފައިވާ ބިމެއްގެ ބައެއްގެ ބަދަލުގެ ގޮތުގައިކަމަށް ބުނެ، އެ ކުންފުނިން ނުދައްކާހުރި ކުލީގެ ތެރެއިން 12.5 މިލިއަން ރުފިޔާ މައާފުކޮށްދީފިއެވެ.

އެޗްޑީސީން ރީކޯ މޫސަގެ ކުންފުންޏަށް ދޫކޮށްފައިވާ ބިމުން ބައެއް ވިލިމާލެ ބުރިޖުގެ މަސައްކަތަށް ނެގުމަށް ނިންމައި އެ ބިމުގެ އަގުމަގުކޮށް، އެ ބިމުގެ އަގަށްވާ ފައިސާ އެ ކުންފުނިން ނުދައްކައިހުރި ކުލިން އުނިކޮށްދޭން ނިންމައި އެންމެ ފުރަތަމަ އެންގީ 27 މޭ 2021 ވަނަ ދުވަހުއެވެ.

އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ސޮއިކުރައްވައި އެ ކުންފުންޏަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބިމުން އެޗްޑީސީއަށް އަނބުރާ ނަގަން ނިންމި 76،821 އަކަފޫޓުގެ އަގެއްކަމަށް މިނިވަން ފަރާތެއް މެދުވެރިކޮށް އަގުމަގުކުރި ކުރުމުން ކަނޑައެޅުނީ 5 މިލިއަން ރުފިޔާ ކަމަށެވެ.

ރީކޯ މޫސާގެ ކުންފުންޏަށް ދޫކޮށްފައިވާ ބިމު ކުލީގެ ގޮތުގައި 15،461،056.80 (ފަނަރަ މިލިއަން ހަތަރުލައްކަ ފަސްދޮޅަސް އެއްހާސް ފަންސާސް ހަ ރުފިޔާ އަށްޑިހަ ލާރި)އާއި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 4،776،735.29 (ހަތަރު މިލިއަން ހަތްލައްކަ ހަތްދިހަ ހަހާސް ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ ނުވަ ލާރި) އެ ކުންފުނިން ނުއްދައްކައި އޮތްކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެއީ ޖުމްލަ 20.2 މިލިއަން ރުފިޔާއެވެ.

އެ ސިޓީގައި ބުނެފައިވަނީ ސަރުކާރަށް ނަގާ ބިމުގެ އަގުކަމަށްވާ 5 މިލިއަން ރުފިޔާ ހެވީ ލޯޑުން ނުދައްކައި ހުރި ފައިސާއިން އުނިކުރާނެ ކަމަށެވެ. އެ ފައިސާ އުނިކުރުމުން ހެވީ ލޯޑުން ދައްކަންޖެހޭ ފައިސާގެ އަދަދު 15.2 މިލިއަނަށް ތިރިވާނެއެވެ.

ނަމަވެސް 28 އޯގަސްޓު 2021 ވަނަ ދުވަހުގައި އެޗްޑީސީން ރީކޯ މޫސަގެ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި އެޗްޑީސީންވަނީ އެ ބިމުގެ ބަދަލެއްގެ ގޮތުގައި 12،586،074.65 (ބާރަ މިލިއަން ފަސްލައްކަ އަށްޑިހަ ހަހާސް ހަތްދިހަ ހަތަރު ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ކަނޑައަޅައި އެ ފައިސާ ހެވީ ލޯޑުން ނުދައްކައިހުރި ފައިސާއިން އުނިކުރަން ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން 26 އޯގަސްޓު 2021 ގައި ނެރުނު މެމޯއެއްގައި ބުނެފައިވާ ގޮތުން އެގޮތަށް 12.5 މިލިއަން ރުފިޔާއަކީ އެ ބިމުގެ ބަދަލެއްކަމަށް ކަނޑައަޅައި އެ ފައިސާ ރީކޯ މޫސާގެ ކުންފުނިން ދައްކަންޖެހި ނުދައްކައި އޮތް 23.1 މިލިއަން ރުފިޔާއިން އުނިކުރުމަށް އެޗްޑީސީގެ ބޯޑުގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު 5 މިލިއަން ރުފިޔާގެ ބިމެއް އަނބުރާ ސަރުކާރަށް ނެގުމުގެ ބަދަލެއްގެ ގޮތުން، ރީކޯ މޫސަ ދައުލަތަށް ދައްކަންޖެހޭ 23.1 މިލިއަން ރުފިޔާގެ އަދަދުވަނީ 10.5 މިލިއަން ރުފިޔާއަށް މަދުކޮށްފައެވެ. އެ ފައިސާ ދެއްކުމަށް 24 މަހުގެ މުުލަތެއް ދީފައިވެއެވެ. ސެޕްޓެންބަރު 9، 2021 ގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީއާއި މޫސަގެ ހެވީ ލޯޑްސް ކުންފުންޏާމެދު ސޮއިކުރިއެވެ.

މީގެ ކުރިންވެސް މޫސަ ދައުލަތަށް ޓެކުހުގެ ގޮތުގައާއި ރިސޯޓު ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިހުރިކަންވަނީ ހާމަވެފައެވެ. އެ ފައިސާ ނެގުމަށް ސަރުކާރުން މަސައްކަތްނުކުރާކަންވަނީ ހާމަވެފައެވެ. މޫސައަކީ ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ އެއް ބޭފުޅާއެވެ.

މި ލިއުމާއި ގުޅޭ