މުނިފޫހިފިލުވުމުގެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފު ހުއްޓާލަން އެންގުނީ އިދާރީ އޮޅުމަކުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަން ބުނީ ބައިސްކޯފުން ދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓް ކުރާ ކަމަށް ފާހަގަވެފައިވާތީ ރީބްރޯޑްކާސްޓް ނުކުރަން އެންގުމަށް ނިންމި ކަމަށެވެ.
އެކަމަކު އެ ކޮމިޝަންގެ ސިޓީ އިބާރާތް ކުރެވިފައި އޮތީ ބައިސްކޯފްގެ ހުރިހާ ހިދުމަތެއް ހުއްޓާލަންޖެހޭ ގޮތަށް އޮތް ކަމަށާއި އެހެންވެ، އެކަން އިސްލާހުކޮށް، ބައިސްކޯފަށް އަލުން އަންގާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.
ލައިސަންސް ލިބިފައިވާ އެއްވެސް ޗެނަލެއް އެއްވެސް ޕްލެޓްފޯމަކުން ގެނެސްދޭ ނަމަ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގަންޖެހޭނެ ކަމަށް ބްރޯޑްކޮމްގެ ގަވާއިދު ބުނެ އެވެ.