ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ނުކުރެވޭނެކަމެއް ނޯންނާނެކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ)އަށް ރައްދު ދެއްވައިފިއެވެ.
މެންބަރު ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެގެ މަޖިލިސް ޖަލްސާގައި ރިސޯޓުތަކުގެ މަތީފަންތީގެ މަގާމުތައް ދިވެހިންނަށް ދީފި ނަމަ ފަތުރުވެރިކަން ހަލާކުވެދާނެފަދަ މޭރުމަކުން މަވޯޓާ ޝަރީފް ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން މަވޯޓާ ވިދާޅުވީ އެ މަގާމުތަކަށް ދިވެހިން ނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުނޑުފުނޑުވެ ސުންނާފަތިވާނެ ކަމެއްކަމަށާއި ދިވެހިރާއްޖެއަށް އަންނަނީ އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުން އެކަނި ނޫންކަމަށެވެ.
އަދި ރާއްޖޭގައި އެކަށީގެންވާވަރަށް އެކައުންޓެންޓުންވެސް ނެތްކަމަށާއި ބޭރު މީހުން ބޭރުކޮށްލައިފި ނަމަ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިސާބު ކިތާބު ބެލެހެއްޓޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް މަވޯޓާ ވިދާޅުވެފައިވެއެވެ.
މަވޯޓާގެ މިވާހަކަތަކަސް މެންބަރު ސައިދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް ކޮއްފައިވާ ވަރަަށްބޮޑުމަލާމާތެއްކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ދިވެހިންނަށް ނުކުރެވުނު މަސައްކަތެއް އެއަށްވުރެއް މޮޅަށް ބޭރުބަޔަކަށް ނުކުރެވޭނެކަމަށެވެ.
ސައީދު އިތިރަށް ވިދާޅުވީ އެހުނަރާއި އިލްމް ދިވެހިން ހާސިލްކުރީ ބޮޑެތި ޤްރުބާނީތަކަކާއި އެކު ކުޑަދުވަސްކޮޅެއްގެތެރޭގައިކަމަށެވެ.