މާދަމާއިން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ އަދި އަންނަ ބުރާސްފަތި އޮންނާނެ ކަމަށެވެ.
ޒަކާތް ބެހުން އޮންނާނީ މިނިސްޓްރީން ބުނި ގޮތުގައި މަޖީދިއްޔާ ސްކޫލުގެ "ސަލާހުއްދީން ހޯލް" ގަ އެވެ.
ޒަކާތް ބެހުން ކުރިއަށްދާނީ ބުދަ ދުވަހުގެ މެންދުރު 1:00 އިން 3:15 އަށް، ހަވީރު 4:00 އިން 5:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ. ބުރާސްފަތި ދުވަހު ޒަކާތް ބެހުން ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ގޮވާމުން ލިބުނު ޒަކާތް ބަހާނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ފިތުރު ޒަކާތް ދައްކަނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތީ އާދައިގެ ހަނޑުލާއި، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.