ލީޑްސް ޔުނައިޓެޑް އަތުން ރޭ ރަށުން ބޭރުގައި 6-1 އިން މޮޅުވުމުން ވަރަށް އުފާވެއްޖެ ކަމަށާއި، އެ މެޗަކީ ބައިވަރު ގޮތްގޮތުން ބަލައިރު ލިވަޕޫލުން މި ސީޒަނުގައި އެންމެ މޮޅަށް ކުޅުނު މެޗު ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މޮޅާ އެކު އެޓީމު މިވަގުތު އޮތީ 30 މެޗުން ލިބުނު 47 ޕޮއިންޓާ އެކު ތާވަލުގެ އަށް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލްއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
"މެޗު ދިޔަގޮތާ މެދު އަހަރެން މިހުރީ ވަރަށް އުފާވެފަ. ބައިވަރު ކަންކަމަށް ބަލާއިރު މިއީ ސީޒަނުގައި ލިވަޕޫލުން އެންމެ މޮޅަށް ކުޅުނު މެޗު" މެޗަށް ފަހު ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ ރޭގެ މެޗުގެ އިތުރުން ވެސް މި ސީޒަނުގައި ފަރަގު ބޮޑެތި ނަތީޖާތައް ނެރެފަ އެވެ. އޭގެތެރޭގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 0-7 އިން ބަލިކުރުމާއި ބޯންމައުތު އަތުން 0-9 އިން މޮޅުވި މެޗު ހިމެނެ އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ހަ ލަނޑުގެ ތެރެއިން މުހައްމަދު ސަލާހް އާއި ޑިއޯގޯ ޖޯޓާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ ގޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒް އެވެ. ލީޑްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސިނިސްޓޭރާ އެވެ.
ލިވަޕޫލް ވަނީ 21-2020 ވަނަ ސީޒަނުގެ ފަހުކޮޅު ގިނަ މެޗުތަކެއް ކާމިޔާބުކޮށް ފަހު ވަގުތު ގަދަ ހަތަރަކުން ޖާގަ ހޯދާފަ އެވެ. މިފަހަރު ވެސް ގަދަ ހަތަރަކަށް ލިވަޕޫލަށް އެރޭނީ އެވަރުގެ ނަތީޖާއެއް ތަކުރާރު ކޮށްގެންނެވެ. އެކަމަކު ކްލޮޕް ބުނީ ގަދަ ހަތަރަކަށް އެރޭނެ ކަމުގެ ޔަގީންކަން އޭނާ އަށް ނުދެވޭނެ ކަމަށެވެ.
"އަހަރެމެން ލީގުގައި ނިންމާނެ ހިސާބެއް ނޭނގޭ. ކޮންމެ ހިސާބަކުން ނިންމުނަސް ކުރިއަށް އޮތް ސީޒަނުގައި ރަނގަޅުކުރުން އޮތީ. ކުރިއަށް ހުރީ ވަރަށް މުހިއްމު މެޗުތަކެއް" ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ބުންޏެވެ.
ލިވަޕޫލަށް ރޭ ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް އެނބުރި ދަނޑަށް އައުމެވެ. ޑިއާޒް އަކީ ލިވަޕޫލަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.