Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

"ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި"

ސަރުކާރުން ނުފޫޒު ނުފޯރުވައިފި ނަމަ، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމަށް ދޭހަވާ އިބާރާތަކުން ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވާހަކަދައްކަވައިފި ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި، ރ. ފުއްގިރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު ލީޑަރޝިޕުން މިއަދު ވަނީ ޕީޖީއާ ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޖީގެ ވާހަކަތަކުންވެސް، ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުން ގޯސްތަކެއް ހަދާފައި ހުރިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ނަމަވެސް ހުންނެވި މަގާމުގެ ގޮތުން އެ ވާހަކަތައް ވިދާޅުވާން ޝަމީމަށް ދަތިފުޅުވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމުން، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ޕީޖީން ނިންމި ނިންމުމެވެ.
"އަޅުގަނޑުމެންނަށް ޝަމީމްގެ ވާހަކައިންވެސް ގަބޫލު ކުރެވޭ ރައީސް ޔާމީންގެ މައްސަލައިގައި ގޯސްތަކެއް ހަދާފަ ހުރިކަން. ޝަމީމް ހުންނެވި މަގާމުގެ ގޮތުން ޝަމީމަށް ވިދާޅުވާން ދަތިފުޅުވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަދި ހަމަ އެއާ އެކީގަ ހައިކޯޓުގައި މިހާރު އޮތް މައްސަލައާ ދޭތެރޭގައިވެސް ޝަމީމްގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، ސަރުކާރުގެ ނުފޫޒު ނުފޯރުވައިފިއްޔާ އެ މައްސަލަ ނިމިގެންދާނީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށް ދޭހަވާ އިބާރާތަކުން ޝަމީމް ވާހަކަފުޅުދެއްކެވީ. އެއަށް ބާރު ލިބެނީ."
ހުންނެވި މަގާމުގެ ގޮތުން ސީދާ ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، ރައީސް ޔާމީނަށް އަނިޔާ ދެމުން ގެންދާކަން ޕީޖީވެސް ގަބޫލުކުރައްވާ ކަން ވާހަކަތަކުން ދޭހަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ އަވަހަށް ނިމެންޖެހޭނެ ކަމަށް ޕީޖީވެސް ގަބޫލުކުރައްވަ އެވެ.
".. ޝަމީމް ވިދާޅުވި ތިމަންނާ ގަބޫލުކުރަނީ ތިބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓު ކަމަށޭ ރައީސް ޔާމީނަކީ، ތިބޭފުޅުން ތިތިބީ އެގޮތަށް ނިންމައިގެންނޭ އެހެންވީމަ ތިމަންނަ ގަބޫލުކުރަނީ ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު އޮއްވަ، ރައީސް ޔާމީންގެ މައްސަލަ ނިމެންޖެހޭނެ ކަމަށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ހައިކޯޓުން ވިޔަސް އަދި ސުޕްރީމް ކޯޓުން ވިޔަސް މައްސަލަ ނިމެންޖެހޭނެ ކަމަށޭ ގަބޫލު ކުރަނީ. ޕަބްލިކްގަ ވެސް މިވާހަކަ ތިމަންނަ ދައްކަން ބޭނުންވެޔޭ. އެހެން ވިދާޅުވި."
މި ލިއުމާއި ގުޅޭ