ޖީއެސްޓީ މީގެ ކުރި ހުރި މިނަށް ތިރިކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސަރުކާރަށް ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިފަދައިން ގޮވާލައްވާފައިމިވަނީ އޭނާ ހުށަހަޅުއްވާފައިވާ ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ދެވަނަ ކިޔުން އިއްވަމުންނެވެ.
އޭނާ ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމާއެކު މިދިޔަ ކުޑަ މުއްދަތުގެ ތެރޭގައި މުދަލާ ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔަތަން ފެނުނުކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުވެސް ފެންނަމުންދާކަމަށެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކުރި މައުލޫމާތަށް ބަލާއިރު މި މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން 7.82 އިންސައްތައަށް އިތުރުވެފައިވާކަމަށާއި ރާއްޖޭގެ ޚިދުމަތުގެ އަގު 4.3 އިންސައްތަ އުފުލިގެން ދިޔަކަންވެސް އާދަމް ޝަރީފް ފާހަގަކުރައްވާފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަމަޟާން މަސް އައިއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ދަތި ރައްޔިތުންނަށް ކުރިމަތިލަމުން އަންނަކަމަށާއި އާއްމުންނަށް ދިމާވަމުން އަންނަ މިފަދަ މައްސަލަތަކަށް ރިޔާއަތްކޮށްގެން ސަރުކާރުން ސިޔާސަތުތައް ކަނޑަ ނާޅާކަމީ ކަންބޮޑުވުން އޮތް ކަމެއްކަމަށެވެ.
އެކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ ޖީއެސްޓީ ކުރިން ހުރި މިނަށް ތިރިކޮށް އިންފްލޭޝަން ބޮޑުވަމުންދާ މައްސަލާގައި އާއްމުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯއްދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.