ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ހާހަކަށްވުރެ ގިނަ މީހުން މިހާތަނަށް ވޯޓު ލައިފިއެވެ.
މިއަދު ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ތިން ރަށްކަމަށްވާ ގުރައިދޫ، ގުޅި އަދި މާފުށީގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. މި އިންތިޚާބުގައި ޖުމްލަ 3،423 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިއަދު މެންދުރު 12:00އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ހިސާބުތައް އިލެކްޝަންސް ކޮމިޝަނުންވަނީ އާންމުކޮށް ޝާއިއުކޮށްފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 1،097 މީހުން ވޯޓުލާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 67.95 އިންސައްތަ މީހުން މެންދުރު ކުރިން ވޯޓުލާފައިނުވެއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއްފަހުން އެ އާލާސްކަންފުޅުގައި އަވަހާރަވުމުންނެވެ.
ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް ބާއްވާ މި ބައި-އިލެކްޝަނަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ޕީޕީއެމްއާއި އެމްޑީޕީގެ ވާދަވެރިކަން ވަރަށް ބޮޑު އިންތިޚާބެކެވެ.