Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

މާލީ ދަތިތައް ކުރިމަތިވެ އެމްޑަބްލިއުއެސްސީއާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަސައްކަތްތައް މަޑުޖެހިއްޖެ

ސަރުކާރުން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ހަވާލުކުރި އެއް ކުންފުނިކަމަށްވާ މާލޭ ވޯޓާ އެންޑް ސިވެރޭޖު ކޮމްޕެނީއަށް މާލީ ދަތިތައް ކުރިމަތިވެ އެ މަސައްކަތްތައް ކުރިއަށްނުގޮސް މަޑުޖެހިއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިންވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފުސީލު ޕްލޭނިން މިނިސްޓްރީން ހޯދާފައެވެ.

"ދިޔަރެސް"އިން ހޯދި މައުލޫމާތަށް ބަލާއިރު އެމްޑަބްލިއުއެސްސީއާ ނަރުދަމާގެ 29 މަޝްރޫޢެއް ހަވާލުކޮށްފައިވެއެވެ. އެއިން ގިނަ މަޝްރޫޢުތައް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ފަސް މަޝްރޫޢެއް ހަވާލުކުރީ 2021 ވަނަ އަހަރުއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ނިންމާލާފައިވަނީ ހަމައެކަނި 2019 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރި 5 މަޝްރޫޢެވެ. އެ ފަސް މަޝްރޫޢު ފިޔަވައި އެހެން އެއްވެސް މަޝްރޫޢެއް މިހާތަނަށް ނިމިފައިނުވެއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކުރި 29 މަޝްރޫޢުގެ ތެރެއިން 24 މަޝްރޫޢެއް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައިނުވެއެވެ. ގިނަ މަޝްރޫޢުތައް ނިންމުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ފާއިތުވި 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ އަހަރުގެ މާޗު މަހާއި ޑިސެންބަރުގެ ތެރޭގައި ނިންމަން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައެއް މަޝްރޫޢުތައްވެސް އެ ލިސްޓުގައި ހިމެނެއެވެ.

އެއްބަސްވުމުގެ މުއްދަތު ފަހަނައެޅިއިރު ގިނަ މަޝްރޫޢުތައް ގޮސްފައިވާ ހިސާބަށް ބަލާއިރު 5 މަޝްރޫޢެއް ފިޔަވައި ދެންހުރި މަޝްރޫޢުތަކުގެ %50 އިންސައްތަ މަސައްކަތް މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ނުނިމެއެވެ.

މި މަޝްރޫޢުތައް ލަސްވާ ސަބަބާ ގުޅިގެން އެމްޑަބްލިއުއެސްސީގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މަސައްކަތް ލަސްވަނީ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަޝްރޫޢު ކުންފުންޏާ ހަވާލުކުރި ނަމަވެސް އެ މަސައްކަތްތައް ކަނޑައަޅާފައިވާ މުއްދަތަށް ކުރުމުގެ ޤާބިލުކަން އެ ކުންފުނީގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްކަމަށާއި، އެކަން ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އަށްވެސް އެނގޭނެ ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތައް ހާމަކުރުން ސަރުކާރުން ހުއްޓައިލީވެސް ކުރިން މާލީ ގޮތުން ދުޅަހެޔޮ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށްފަހު ފިނޭންސް މިނިސްޓްރީން ކުރިން ޝާއިއުކުރަމުން އައި ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ "ކުއާޓާލީ ރިޕޯޓް އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" ޝާއިއުކުރުން ހުއްޓާލާފައިވެއެވެ. އެ ރިޕޯޓުތަކުން ކުންފުނިތަކުގެ ދަރަންޏާއި ފައިދާއާއި ކުންފުނިތަކަށް ކުރިމަތިވެފައި ހުރި މާލީ ގޮންޖެހުންތައް ދެނެގަނެވެއެވެ.

އެ ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފައިވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ދިވެހި ދައުލަތަށް ބޮޑު މާލީ ހިރާސްތަކެއް އެބަހުރިކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އަންނަނީ ހާމަކުރަމުންނެވެ.

މި ލިއުމާއި ގުޅޭ