Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބަސްއަހާ މާނޭ އަށް ބަޔާންގެ ސަސްޕެންޝަނެއް

ފުޓްބޯޅަ ދަނޑާއި ދަނޑުން ބޭރުގައި ގެންގުޅޭ ރިވެތި އަހްލާގުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފް ލިބިފައިވާ ބަޔާން މިއުނިކްގެ ފޯވާޑް ސަޑިއޯ މާނޭ އަށް އެ ކްލަބުން އަދަބުދީފި އެވެ.

މާނޭ އަށް އަދަބުދިނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގަރާ ދުވަހުގޭ ރޭ މެންޗެސްޓާ ސިޓީއާ ވާދަކޮށް ބަޔާން 0-3 އިން ބަލިވި މެޗުގެ ތެރެއިން، ބަޔާންގެ ލިރޮއި ސާނޭގެ މޫނުމަތީގައި މާނޭ ޖެހިކަމަށް ބުނެ އެވެ.

މެޗުގައި މާނޭ ކުޅެން އެރީ ބެންޗުންނެވެ. އޭރު ބަޔާން އަށް އޮތީ މެޗު ގާތްގާނޑަކަށް އަތުން ދުވެފަ އެވެ. ދަނޑުމަތީގައި ދެކުޅުންތެރިންގެ ހަމަނުޖެހުން ހިނގައި ޒުވާބުކުރުމަށް ފަހު މާނޭ، ސާނޭގެ މޫނުމަތީގައި ޖެހިކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ދެކުޅުންތެރިން ދުރުކުރީ ބަޔާން ޓީމުގެ އެހެން ކުޅުންތެރިން ގޮހެވެ.

ބަޔާނުން މާނޭ އަށް ދިން އަދަބަކީ އެއް މެޗަށް ސަސްޕެންޑް ކޮށް ޖޫރިމަނާ ކުރުމެވެ. މާނޭ ސަސްޕެންޑް ވާނީ ޖަރުމަނު ލީގުގައި މާދަމާ ހޮފެންހެއިމްއާ ދެކޮޅަށް ބަޔާން ކުޅޭ މެޗަށެވެ. އެހެންނަމަވެސް ޖޫރިމަނާ ކުރި އަދަދު ކްލަބުން ހާމަކޮށްފައެއްނުވެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެނގޭ ގޮތުގައި، މާނޭ ހިތްހަމަނުޖެހުނީ މެޗަށް ފަހު ސާނޭ މުހާތަބުކުރި ގޮތުންނެވެ. މެޗަށް ފަހު އަނބުރާ ޖަރުމަނަށް ގޮސް އެއާޕޯޓުން ސާނޭ ޓީމު ބަހުގައި ދިޔައިރު މާނޭ ދިޔައީ ޕްރައިވެޓް ވެހިކަލްގަ އެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް ކުޅުންތެރިއަކު އަދި ކޮމެންޓެއް ނުކުރެ އެވެ. އެކަމަކު ޓީމުގެ ފަރިތަކުރުމުގައި ބުރާސްފަތި ދުވަހު ދެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.
އިނގިރޭސި ކްލަބް ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިދިޔަ ޖޫން މަހު މާނޭ ބަޔާން މިއުނިކަށް ބަދަލުވީ 35 މިލިއަން ޕައުންޑަށެވެ.

ބަޔާން އަށް ބަދަލުވެ ކުރީކޮޅު މާނޭ މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ފީފާ ވޯލްޑް ކަޕްގެ ކުރިން ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އެނބުރި އައިސް މާނޭ އަށް އޭނާގެ އަސްލު ކުޅުން ތަކުރާރެއް ނުކުރެވެ އެވެ. އަނިޔާގެ ސަބަބުން ބަޔާންގެ ނުވަ މެޗު މާނޭ އަށް ގެއްލުނެވެ.

އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެފަހަރު ހޯދާފައިވާ ސެނެގޯލަށް އުފަން މާނޭގެ އަހްލާގީ މައްސަލައެއް ދިމާވެގެން މިފަދަ އަދަބެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މާނޭ އަބަދުވެސް ފާހަގަކުރެވެނީ ދަނޑުމަތީގައި އަހުލާގު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަދި، އަމިއްލަ ދިރިއުޅުމުގައި ވެސް މާނޭ އަކީ ރަނގަޅު އަހްލާގެއްގައި ހިފަހައްޓަމުން އަންނަ މުސްލިމް ކުޅުންތެރިއެކެވެ.

މި ލިއުމާއި ގުޅޭ