ޓޭބަލް ޓެނިހުގައި ވިދަމުން އަންނަ ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ އެވެ.
އަންނަ މަހުގެ 20 އިން 28 އަށް ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ ސައުތު އެފްރިކާގަ އެވެ. ރާއްޖޭގެ ޕެއާ މުބާރާތުގައި ވާދަކުރާނީ އަންހެން ޑަބަލްސް އިވެންޓްގަ އެވެ. މި އިވެންޓަށް މުޅި އޭޝިއާ އިން ވެސް ކޮލިފައިވީ އެންމެ ދެ ޕެއާ އެވެ. ދެން ކޮލިފައިވީ އިންޑިއާގެ ޕެއާ އެކެވެ.
ދިމާ އާއި ރަފާ އަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ދެ އެތުލީޓުންނެވެ. މިދިޔަ އަހަރުތަކުގައި ޓޭބަލް ޓެނިހުން ރާއްޖެ އަށް ރީތިނަން ހޯދައިދިނުމުގައި މި ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ.
2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ދީމާ އާއި ރަފާގެ ޕެއާ ރަން މެޑަލް ހޯދިއިރު އެ މުބާރާތުގައި ދީމާ ވަނީ ސިންގަލްސް ބައިގެ ރަން މެޑަލް ވެސް ހޯދައިފަ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ ދީމާ އާއި ރަފާ އަނެއްކާވެސް ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށާއި ދެ ކުޅުންތެރިން އަނެއްކާވެސް ގައުމު ފަހުރުވެރިކޮށްދީފި ކަމަށެވެ.
ދީމާ ވަނީ މިއަހަރު ޕޯޗުގަލްގައި އޮތް ޔޫތު މުބާރާތެއްގައި ވާދަކޮށް ރަނގަޅު ތަޖުރިބާއެއް ހޯދާފަ އެވެ. އަދި، ރަފާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިވެންޓުގައި ވާދަކޮށްފަ އެވެ.