ލައިލަތުލްގަދްރި ވިލޭރޭއަކީ އަމާންކަމުގެ ރެއެއް ކަމަށާއި، އެރޭފައި ކޯފާ ލެއްވުމާއި އަޒާބު ދެއްވުން ނުވާކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ރަމަޟާން މަހުގެ ފަހުދިހަ" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ވޭތުކުރަމުން މިދާ ރޭތަކުގައި އަންނަ ލައިލަތުލްގަދްރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ (ޞ) އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ލައިލަތުލްގަދްރި ވިލޭރޭ ބަރަކާތްތެރި، ޝަރަފުވެރި ރެއަކަށްވީ އެރޭގައި ކީރިތި ގުރުއާން ބާވައިލައްވާފައިވާތީ އެވެ. އެރޭގެ އަޅުކަން ކުރުން ސަވާބާއި ދަރުމައިގެ ގޮތުން އެއްހާސް މައްސަރުގައި އަޅުކަން ކުރުމާ އެއްވަރު ކަމަށް ހުތުބާގައި ބުންޏެވެ.
ލައިލަތުލްގަދްރި ވިލޭރޭއަކީ ހުތުބާގައި ބުނި ގޮތުގައި ރަމަޟާން މަހުގެ 21، 23، 25. 27 ނުވަތަ 29 ރޭތަކެވެ. މާތް ﷲ ލައިލަތުލްގަދްރި ވިލޭރޭ ވަންހަނާ ކުރައްވާފައިވަނީ ހުތުބާގައި ބުނި ގޮތުގައި އެކަމަށް ޝައުގުވެރި ކުރެއްވުމަށްޓަކަ އެވެ.
ލައިލަތުލްގަދްރު ވިލޭރޭގެ އިހްތިފާލުތަކުގައި މަލާއިކަތު ބޭކަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އެ ރެއަކީ ހުތުބާގައި ބުނި ގޮތުގައި އަމާން ކަމުގެ ރެއެކެވެ. "އެރޭގައި ކޯފާލެއްވުމެއް ނެތެވެ. އަދާބު ދެއްވުމެއް ނެތެވެ. މި އަމާންކަން ފަތިސް ވެއްޖެއުމަށް ދާންދެން މިބިމުގައި އޮންނާނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެފަދަ އަމާން ރެއަކަށްޓަކައި ތައްޔާރުވާން ޖެހޭނީ ހުތުބާގައި ބުނި ގޮތުގައި ސާފު ތާރިހުކަމާކު އެވެ. އިހްލާސްތެރިކަމާއި ތެދު ނިޔަތާ އެކުގަ އެވެ. އެއްވެސް މީހަކަށް ހަސަދަވެރިކަމެއް، އަދާވާތްތެރިވުމެއ ނެތި އެވެ.
އެހެންކަމުން ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތި ކުރެއްވުން ލިބޭ ބާއްޖަވެރިން ކަމުގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ. އަދި ފިތުރު ޒަކާތް އީދު ނަމާދުގެ ކުރިން އަދާކޮށްގެން މެނުވީ ރޯދައިގެ ދަރުމަ ފުރިހަމަ ނުވާނެކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ވަނީ ޒަކާތް ދެއްކުން އަވަސްކުރުމަށް ބާރު އަޅާފަ އެވެ.