އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ކަމަށްވާ ހަވާސޮންގް-18 ކާމިޔާބުކަމާއެކު ޓެސްޓްކޮށްފިއެވެ.
މިއީ އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ އުތުރު ކޮރެއާގެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަބަޔަކު ދެކޭއިރު، އުތުރުކޮރެއާއިން މިޓެސްޓް ކުރިކަން އިއުލާންކޮށްފައިވަނީ މިއަދު (ހުކުރުދުވަހު ) ހެނދުނުއެވެ.
މި ޓެސްޓާއި ގުޅިގެން ބުރާސްފަތި ދުވަހު، ދެކުނު ކޮރެއާ އާއި ޖަޕާނުން ވަނީ އެގައުމުގެ އުތުރުގެ ޖަޒީރާ ހޮކައިޑޯގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުނިކުތުމަށް ކުރު މުއްދަތަކަށް އަމުރުކޮށްފަ އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާތަކުން ހުކުރު ދުވަހުގެ ހެނދުނު ހަވާސޮންގް-18 ގެ ނަމުން ނަންދީފައިވާ މިސައިލް ފޮނުވާލިކަން ކަށަވަރުކޮށްދީފަވާއިރު، މި އިވެންޓް ސުޕަވައިޒް ކުރީ ކިމް އާއި އެކު އޭނާގެ އަންހެނުންނާއި ޒުވާން އަންހެން ދަރިފުޅު އަދި ބާރުގަދަ ކޮއްކޮ ކިމް ޔޯ ޖޮންގް އެވެއުތުރު ކަމަށްވެސް ބުނެފައިވެއެވެ.
ކިމް ޖޮންގް އުން އާއި އެކު ލޯންޗް ކުރުމުގައި އޭނާގެ އަންހެން ދަރިފުޅުވެސް ބައިވެރިވި --- ފޮޓޯ / އޭއެފްޕީ
ކޮރެއާގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަވާސޮންގް-18 އަކީ އެމެރިކާގެ ބިމުގައިވާ ކޮންމެ އަމާޒަކަށް ވެސް ނިއުކްލިއާ ވޯހެޑެއް ފޯރުކޮށްދޭނެ ތިން މަރުހަލާއެއްގެ އައިސީބީއެމްއެކެވެ. އާދައިގެ މިސައިލްތަކާ ހިލާފަށް ސޮލިޑް ފިއުލް މިސައިލްތަކަކީ ސްޓޭބަލް، މޮބައިލް އަދި ރެސްޕޮންސިވް މިސައިލްތަކެކެވެ. އެއީ ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައި ވެސް ފޮނުވާލެވޭ އެއްޗެހި ކަމުން ދުޝްމަނުންނަށް ކުޑަނަމަވެސް އިންޒާރަކާ ނުލައި މި ހަތިޔާރުގެ ބޭނުން ކުރެވިދާނެކަމަށް އުތުރު ކޮރެއާއިން ބުނެއެވެ.
ކޮރެއާގެ ރަސްމީ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ "ސްޓްރެޓެޖިކް އަސްކަރީ ބާރުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި އާ ވައްތަރެއްގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައި ވާކަމަށާއި، އެ ޓެސްޓަކީ "އަޖައިބު ކުރުވަނިވި ކާމިޔާބީއެއް" ކަމަށެވެ.
ކިމްއާ ހަވާލާދީ ނިއުސް އެޖެންސީން ބުނީ އެގައުމުގެ ސްޓްރެޓެޖިކް ފޯސްތަކުން ހިންގާ ހަވާސޮންގް-18 ހަތިޔާރުގެ ނިޒާމުގެ މިޝަނާއި އޭގެ ދައުރު އަދާކުރާނީ އުތުރު ކޮރެއާ ދިފާއުކުރުމާއި، ދުޝަމަނުންގެ ހަމަލާތައް ހުއްޓުވުމާއި، ގައުމު ދިފާއުކޮށް ރައްކާތެރިކުރުމުގެ އެންމެ ވަރުގަދަ އުސޫލުގެ ގޮތުގައި ކަމުގައެވެ.
ސޮލިޑް ފިއުލް މިސައިލްތަކަކީ ލޯންޗް ކުރާ ތަނުގައި ލޯޑް ކުރަން ޖެހޭ ލިކުއިޑް ޕްރޮޕެލްޑް ވެރިއަންޓްތަކަށް ވުރެ ބޭނުން ކުރަން ރައްކާތެރި، އަމާޒަށް ވާޞިލު ކުރަން ފަސޭހަ އަދި ހަމަލާ ދިނުމުގައި އަވަސް މިސައިލްތަކެކެވެ.
އދ.އިން ބެލިސްޓިކް މިސައިލް ޓެސްޓްކުރުން މަނާކުރި ނަމަވެސް، އުތުރު ކޮރެއާއިން ވަނީ އެގައުމުގެ އަސްކަރީ ކުޅަދާނަކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ފާއިތުވި އަހަރުތަކުގައި މިފަދަ އެތައް ލޯންޗެއް ކޮށްފައެވެ.