ގަތަރާއި ބަހްރެއިންއާ ދެމެދު ، އެތައް އަހަރެއް ވަންދެން އުފެދިފައިވާ ދެބަސްވުންތައް ނިމުމަކަށް ގެނެސް ދެޤައުމުގެ މެދުގައި އަލުން ގުޅުންތައް ޤާއިމްކުރަން އެއްބަސްވެއްޖެއެވެ.
ދެގައުމުގެ މަންދޫބުން ބުދަ ދުވަހު ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޖެނެރަލް ސެކްރެޓޭރިއަޓްގެ މައި އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށް އެގައުމުތަކުގެ ފޮރިން މިނިސްޓްރީތަކުން ވަކިވަކިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ދެ ފަރާތުން ވެސް އެއްބަސްވީ "ޖީސީސީ ޗާޓަރުގައިވާ ގޮތުގެ މަތިން ގަލްފްގެ އެއްބައިވަންތަކަމާއި އިންޓަގްރޭޝަން އިތުރުކުރުމަށް" ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
ގަތަރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ސެކްރެޓަރީ ޖެނެރަލް އަހުމަދު ބިން ހަސަން އަލް ހައްމާދީ ވަނީ ބަހްރެއިންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އަންޑަސެކްރެޓަރީ ފޯ ޕޮލިޓިކަލް އެފެއާޒް ޝެއިހް އަބްދުالله ބިން އަހުމަދު އަލް ޚަލީފާއާ ބައްދަލުކޮށް 2017 ވަނަ އަހަރުން ފެށިގެން އުފެދުނު މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ޓެރަރިޒަމަށް ތާއީދުކުރާ ކަމަށް ބުނެ ޤަތަރާއި އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ވަނަ އަހަރު އެވެ. ބަހްރެއިން ހިމެނޭ ގޮތަށް އަރަބި ބައެއް ގައުމުތަކުން ޤަތަރާމެދު ދެކޭގޮތް ބަދަލުވުމުން ދެ ގައުމުގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައިވެ އެވެ.
ގަތަރާއި ބަހްރެއިންގެ ސަރުކާރު ގުޅިގެން ނެރުނު ބަޔާނެއްގައި ދެ ގައުމުން ވެސް ވަނީ ސުލްހަވެރި ވަސީލަތްތަކާއި ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ވައުދުވެފައިވާކަން ހާމަކޮށްފަ އެވެ. އަދި ގަލްފް ސަރަހައްދުގައި ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމުގައި ސަރަހައްދީ ހަމަޖެހުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބަޔާނުގައި ވަނީ އަލިއަޅުވާލާފައެވެ.
ގުޅުން އަލުން ގާއިމް ކުރަން ނިންމީ ދެގައުމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުމަށް ކުވައިތާއި އެމެރިކާ މެދުވެރިވާ ގޮތަށް ޑިޕްލޮމެޓިކް ގޮތުން އަހަރުތަކެއް ވަންދެން ކުރި މަސައްކަތަށް ފަހު އެވެ. މި މައްސަލަ ހައްލުކުރުމުން ގަލްފް ސަރަހައްދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.
މި އެއްބަސްވުމުގެ ތަފްސީލާއި ގަތަރާއި ބަހްރެއިންއާ ދެމެދު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ތަރައްގީއަކީ ގަލްފުގައި އުފެދިފައިވާ ކަންބޮޑުވުންތައް ކުޑަކޮށް، އެއްބާރުލުންދޭ ސަރަހައްދީ މާހައުލެއް އުފެއްދުމަށް އެޅި ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
ގަތަރާއި ބަހްރެއިންއާ ދެމެދު ގުޅުން އަލުން ގާއިމް ކުރުމުން ޑިޕްލޮމެޓިކް ގުޅުންތައް އަލުން ފެށުމާއި ވިޔަފާރިއާއި އިގްތިސާދީ ގުޅުންތަކަށްވެސް ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އަދި ސަރަހައްދުގެ އެހެން ގައުމުތަކުން މަޝްވަރާކޮށް، ޚިޔާލުތަފާތުވުންތަކަށް ސުލްހަވެރި ހައްލުތައް ހޯދުމަށް ހިތްވަރު ލިބި ، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ވެސް ހެޔޮ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ގަލްފް ސަރަހައްދަށް ސަރަހައްދީ ހަމަނުޖެހުންތަކާއި ޖިއޮޕޮލިޓިކަލް ކަންބޮޑުވުންތައް ހިމެނޭ ގޮތަށް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގަތަރާއި ބަހްރެއިންއާ ދެމެދު އޮތް މައްސަލަ ހައްލުކުރުމަކީ ގަލްފް ގެ ގިނަ ޤައުމުތަކުން މަރުހަބާ ކިޔާ ކަމެކެވެ. އެއީ ކޯޅުންތައް ހައްލުކުރުމާއި ގައުމުތަކުގެ މެދުގައި ސުލްހަވެރި ގުޅުންތައް ކުރިއެރުވުމުގައި ޑިޕްލޮމެޓިކް މަސައްކަތާއި މަޝްވަރާގެ މުހިންމުކަން ފާހަގަކޮށްދޭ ކަމެކެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ މި ނިންމުމަށް މަރުޙަބާ ކިޔައި، ގަލްފް ސަރަޙައްދުގައި ހުރި އެހެން މައްސަލަތައް ސުލްޙަވެރި ގޮތެއްގައި ހައްލުކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާކަން ހާމަކޮށްފައެވެ.