އެޗު3އެން8 އޭވިއަން އިންފުލުއެންޒާ ނަމަކަށް ކިޔާ ދޫނި ފުލޫއަށް ފައްސިވެގެން މަރުވި ފުރަތަމަ މީހާ މަރުވީ ޗައިނާއިންކަމަށް، ވޯލްޑު ހެލްތު އޯގަނައިޒޭޝަންއިން ބުނެފިއެވެ.
ޗައިނާއިން އެ ބައްޔަށް ފައްސިވެގެން މަރުވީ 56 އަހަރުގެ އަންހެނެކެވެ. އޭނާގެ ކުރިން މިދިޔަ އަހަރު ހަމަ ޗައިނާއިން އެ ބަލީގެ އިތުރު 2 ކޭހެއް ފެނުނެވެ. ނަމަވެސް އެ 2 ކޭހުގެ ކުރިން ދޫނިން ފެންނަ އެ ބަލި އިންސާނުންގެ ގަޔަކުން ނުފެނެއެވެ.
މިދިޔަ މަހު މަރުވި އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ނިއުމޯނިއާގެ ނުރައްކާތެރި ހާލަތެއް ޖެހިގެނެވެ. އެކިއުޓް ރެސްޕިރޭޓަރީ ސަވައިލަންސް ނިޒާމުން އެ ބަލި ދެނެގަނެވުނުއިރު، މަރުވި މީހާގެ ގާތްކޮށް އުޅުނު އެއްވެސް މީހެއްގެ ގައިން އެ ބަލީގެ އަލާމާތެއް ނުފެނެއެވެ.
މިހާތަނަށް އެ ބައްޔަށް ފައްސިވި 3 މީހުންގެ ގަޔަށް އެ ބަލި އެރީ ދިރޭ ދޫނިސޫފާސޫފި އުޅޭ ބާޒާރަކުންކަމަށް ގަބޫލްކުރެވޭއިރު، އދގެ ސިއްހަތާއި ބެގޭ އިދާރާއިން ބުނާގޮތުގައި ޗައިނާއިން މިހާރު ފުޅާކޮށް އެ ބަލި މޮނިޓާކުރުމުގެ މަސައްކަތް ފަށައިފިއެެވެ. އަދިި އިތުރު މީހުން އެ ބައްޔަށް ފައްސިވުމަކީ ނާދިރުކަމެއްކަމަށް ބުންޏެވެ.
ނަމަވެސް، ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުން، ހާލަތައް ހޭނެމުން ވަރުގަދަވަމުން ދާ އެއްޗަކަށް ވާތީވެ، މުޅި ދުނިޔޭގެ ގައުމުތަކުންވެސް އެ ބައްޔަށް ހުށިޔާރުވެގެން ތިބެ، މޮނިޓާކުރުމަށް އދއިން އިލްތިމާސްކުރިއެވެ.
އެޗު3އެން8 އިންފެކްޝަނަކީ މިފަހުން ފެނުނު އެޗު5އެން1 ވައިރަހާއި ވަރަށް ތަފާތު އެއްޗެއްކަން ފާހަގަކުރެވެއެވެ. އެޗު5އެން1 އަށް ވުރެން އެޗު3އެން8 ގެ ނޭދެވޭ އަސަރު ދޫނިސޫފާސޫތްޕަށް ކުރާ ވަރު ކުޑައެވެ.
އަހާއި، ކުއްތާއިން، އަދި މޫދިގައި އުޅޭ ސީލްއިންވެސް މި ވައިރަސް ފެނުނެވެ.