Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކޯލިޝަން

ދެވަނަ ބުރެއްގައި ތާއީދުކުރުމަށް ޝަރުތުކޮށް ޖޭޕީގެ މިނިސްޓަރުން ވަކިނުކުރުމަށް އެއްބަސްވެއްޖެ

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ނުގޮސްފިނަމަ ރައީސް އިބްރާހީމްއަށް ތާއީދުކުރުމަށް ޝަރުތުކޮށް މިވަގުތު ސަރުކާރުގައި ތިބި ޖޭޕީއަށް ނިސްބަތްވާ މިނިސްޓަރުން ރިޔާސީ ދައުރު ނިމެންދެން ވަކިނުކޮށް ބޭތިއްބުމަށް އެއްބަސްވުމަކަށް އައިސްފިއެވެ.

ރައީސް އިބްރާހީމްއާއި ޤާސިމް އިބްރާހީމްއާ ދެމެދު މިފަދަ އެއްބަސްވުމަކަށް އާދެވިފައިވާކަން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ދިޔަރެސް"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

"ލީޑަރު ވަނީ ވަރަށް ސާފުކޮށް ރައީސް ސޯލިހަށް ދަންނަވާފަ ޖޭޕީގެ އެއްވެސް މިނިސްޓަރެއް ރިޔާސީ ދައުރު ނިމުމުގެ ކުރިން ވަކިކޮށްފިނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ރައީސްއަށް ތާއީދު ނުކުރައްވާނެކަން. 2018 ގައި ޕާޓީތަކުގެ މެދުގައި ވެވުނު ކޯލިޝަން އެއްބަސްވުން ދައުރު ނިމެންދެން އޮންނާނެކަމަށް ލީޑަރު ހަނދާން ކޮށްދެއްވި" އެ ބޭފުޅާ ވިދާޅުވިއެވެ.

މިވަގުތު ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވީ ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނެވި އެޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އާއިޝަތު ނަހުލާއާއި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ.ހުސައިން ރަޝީދު ހަސަން އެވެ. މީގެ ކުރިން ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި މައުސޫމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވަން ނިންމެވިކަން އިއުލާން ކުރައްވައި ޖޭޕީ ދޫކުރައްވައިފައެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ތިބި މިނިސްޓަރުން ވަކިނުކުރުމަށް ރައީސް އިބްރާހީމް ނިންމަވާފައި މިވަނީ އެބޭފުޅުން ވަކިކުރުމަށް އެ މަނިކުފާނުގެ ފެކްޝަނުގައި ތިއްބެވި މަޖިލިސް މެމްބަރުން ގޮވާލަމުންދާ ދަނޑިވަޅެއްްގައެވެ.

ދާދިފަހުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ތިބި މިނިސްޓަރުން ކަންބަޅި ކަތިލާ އުސޫލުން މަޖިލީހަށް ހާޒިރުކޮށް ވަކި ކުރެއްވުމުގެ ކުރިން މަގާމުތަކުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލައި އިންޒާރުދެއްވައިފައެވެ.

ސެޕްޓެމްބަރު މަހު ބޭއްވުމަށް މިހާރު ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއިއެކު ޖުމްހޫރީ ޕާޓީއިން ޤާސިމް އިބްރާހީމް ނުކުންނަވާނެކަމަށް މިހާރުވަނީ އިއުލާންކޮށްފައެވެ. އަދި އެމްޑީއޭއާއި އަދާލަތު ޕާޓީގެ ތާއިދާއިއެކު މިހާރުގެ ރައީސް އިބްރާހީމްވެސް އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނެއެވެ.

މި ލިއުމާއި ގުޅޭ